twitterviber whatsapp telegramfacebookyoutube instagram
19th September 2024

ކުޅުދުއްފުށީގައި ޔޫތު ޗެލެންޖް ބޭއްވުމުގެ ތައްޔާރީތައް ފަށައިފި

Sep 18, 2011

މުހައްމަދު އާދަމް

ސެޕްޓެމްބަރ 30 ހާއި އޮކްޓޯބަރ 01 ގައި ކުޅުދުއްފުށީގައި ބާއްވާ ޔޫތް ޗެލެންޖްގެ ތައްޔާރީތައް ފެށުމުގެ ގޮތުން މަޢުލޫމާތު ދިނުމަށް އެ އިވެންޓް އޮގަނައިޒް ކުރާ ޑެއިޖް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކައުންސިލާއި އެހެނިހެން ބައެއް މުވައްސަސާތަކާއި ބައްދަލު ކޮށްފިއެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ބޭއްވުނު މިބައްދަލުވުމުގައި ޔޫތް ޗެލެންޖް ކުރިއަށް ގެންދިއުމަށް އެބޭފުޅުން ރާވާފައިވާ ގޮތާއި ބެހޭގޮތުން މަޢުލޫމާތު ދެވުނެވެ. އަދި މިފަދަ ހަރަކާތެއް އެންމެ އެދެވޭގޮތެއްގައި ކުރިއަށް ގެންދެވޭނޭގޮތަކީ ކޮބައިތޯބަލައި ކައުންސިލަށް މިކަމުގައި ކުޅެވޭނޭ ދައުރާއި ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.

2012 ގެ ނިޔަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔޫތް ޗެލެންޖް ރާވާ އިންތިޒާމް ކުރުމުގެ ބިޑް ކާމިޔާބު ކޮށްފައިވާ ޑެއިޖް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މަޢުލޫމާތު ދެމުން މުޙައްމަދު ވާފިރު ވިދާޅުވީ މާލެއިން ބޭރުގައި މިއަހަރު ބޭއްވޭ ފުރަތަމަ ހަރަކާތް ބާއްވާގޮތައް ހަމަޖެހިފައި މިވަނީ ކުޅުދުއްފުށީގައި ކަމަށެވެ. މި ހަރަކާތް ކުޅުދުއްފުށީގައި ބޭއްވުނު ކަމުގައިވިޔަސް މިހަރަކާތް އަމާޒު ކޮށްފައިވަނީ ހއ، ހދ އަދި ށ އަތޮޅުގެ ރައްޔިތުންނަށް ކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ.

“މިއިވެންޓަކީ މިރަށުގައި ބޭއްވޭ އިވެންޓެއް ކަމުގައިވިޔަސް މިއިވެންޓް އަމާޒުކުރެވެނީ ހަމައެކަނި މިރަށުގެ ރައްޔިތުންނަކަށް ނޫން. މުޅި މި ތިންއަތޮޅުގެ ރައްޔިތުންނަށް..” މުޙައްމަދު ވާފިރު ވިދާޅުވިއެވެ.

ޔޫތު ޗެލެންޖްގައި ކިޔެވުމަށް ހުރި ފުރުސަތުތަކުގެ އިތުރުން ޓުއަރިޒަމް ދާއިރާއަށް ވަރަށްބޮޑު އިސްކަމެއް ދީގެން އެދާއިރާގައި ހުރި ވަޒީފާގެ ފުރުޞަތުތައް އޮޅުންފިލައިގެން ދާނޭކަމާއި އަންހެން ބޭފުޅުންނަށް މިދާއިރާގައި ހުރި ފުރުޞަތުތަކަށް ޚާއްސަ ސަމާލުކަމެއްދީގެން އެބައިތަށް ކުރިއަށް ގެންދެވޭނޭ ކަމަށްވެސް މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

ކުޅުދުއްފުށީގައި ބޭއްވޭ ޔޫތު ޗެލެންޖްގައި މިހާތަނަށް ވަތަނިއްޔާ، ވިލާ ގްރޫޕް، ބަނޑޮސް އައިލެންޑް ރިސޯޓް، ހުނަރު ކެންޕެއިން، މޯލްޑިވްސް ޕޮލި ޓެކްނިކްސް، ހިޔުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް އަދި އަޕަރ ނޯތް ޔުޓިލިޓީސް ބައިވެރިވެފައިވެއެވެ. އަދި މީގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އެކިއެކި އޮފީސްތަކުންވެސް ބައިވެރިވާނެއެވެ.

ޔޫތު ޗެލެންޖަކީ ޔޫތް މިނިސްޓްރީން އިސްނަގައިގެން 1999 ވަނަ އަހަރުން ފެށިގެން މާލޭގައި ބާއްވަމުން އަންނަ ހަރަކާތެކެވެ. ތައުލީމީ ދާއިރާގައި ޒުވާނުންނަށް ހުރި ފުރުސަތު ތަކަށް ހާއްސަކޮށްގެން ފެށި ޔޫތު ޗެލެންޖް ފުޅާވެގެން ގޮސް މިހާރު ޔޫތު ޗެލެންޖް ބޭއްވެނީ ޔޫތު މިނިސްޓްރީގެ ކިއްސަރު ޕްރޮގްރާމާއި، ޓޫރިޒަމް މިނިސްޓްރީގެ ފަނާރު ޕްރޮގްރާމްގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ހުނަރު ޕްރޮގްރާމްވެސް ހިމެނޭގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355