twitterviber whatsapp telegramfacebookyoutube instagram
19th September 2024

ކުޅުދުއްފުށީ ޕްރީ ސްކޫލްތަކުގެ 2012 ވަނަ އަހަރުގެ ޖާގަތައް ފުލްވެއްޖެ

Sep 20, 2011

އަބްދުލް ވާހިދު ހަސަން

ކުޅުދުއްފުށީ ޕްރީ ސްކޫލުތަކުގައި 2012 ވަނަ އަހަރަށް ކަނޑައެޅިފައިވާ ޖާގަތައް ފުލްވެއްޖެއެވެ.

ކުޅުދުއްފުށީގެ ދެ ޕްރީސްކޫލު ކަމުގައިވާ އަމީރު އަމީން ސްކޫލާއި އިރުމަތީ އަވަށު ޕްރީ ސްކޫލުގައި 2012 ވަނަ އަހަރަށް ކުދިން ވެއްދުމަށް ފޯމު ދޫކުރަން ފަށާފައިވާއިރު، ފޯމު ދޫކުރަން ފެށިތާ މާގިނަ އިރުތަކެއް ނުވަނީސް ޖާގަތައް ފުލް ވާވަރަށް ފޯމު ހުށަހަޅާފައި ވާކަމަށް ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާގުޅޭގޮތުން މައުލޫމާތު ހޯދާލުމަށް ކުޅުދުއްފުށީގައި ހުންނަ އެންމެ ދުވަސްވީ ސްކޫލު ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރ އައިޝަތު މުހައްމަދަށް ގުޅާލުމުން ވިދާޅުވީ، އެސްކޫލަށް ކުދިން ވެއްދުމަށް 125 ފޯމު ދޫކޮށްފައި ވާނެކަމަށެވެ. އެއީ ބޭބީ ނާސަރީއަށް 100 ފޯމާއި ނާސަރީއަށް 25 ފޯމުކަމަށް އައިޝަތު މައުލޫމާތު ދެއްވިއެވެ.

“ފޯމުތައް ދޫކުރަން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފޯމުތައް ވަނީ ހުސްވެފައި.” އައިޝަތު މުހައްމަދު ވިދާޅުވިއެވެ. “އަދި ބެލެނިވެރިން ދަނީ އިތުރަށް ފޯމު ދޫކުރުމަށް އެދެމުން.”

އަދިވެސް އިތުރަށް ޖާގަ ދެވެން އޮތްނަމަ ކުދިންނަށް ފުރުސަތު ހޯދައިދިމަށް ބޭނުންވާ ކަމަށާއި ނަމަވެސް ވިވަގުތު އެސްކޫލުގެ ޖާގަ ކުޑަވެފައިވާ ކަމަށް ވެސް އެސްކޫލުން މައުލޫމާތު ދިނެވެ. މިކަމާއި ގުޅިގެން ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި ކުޅުދުއްފުށީ ކައުންސިލްއާ މަޝްވަރާ ކުރަމުން ދާކަމަށްވެސް އައިޝަތު ވިދާޅުވިއެވެ.

އަމީރު އަމީން ސްކޫލެކޭ އެއްފަދައިން އިރުމަތީ އަވަށު ޕްރީ ސްކޫލަށް ކުދިން ވެއްދުމަށް ފޯމު ދޫކުރަން ފެށިތާ މާގިނައިރުތަކެއް ނުވަނީސް ޖާގަ ވަނީ ފުލްވެފައެވެ. އެސްކޫލުން ވަނީ ބޭބީ ނާސަރީގެ 60 ފޯމް ދޫކޮށްފައެވެ.

“އަދި އިތުރަށް މިހާތަނަށް 6 ބެލެނިވެރިޔަކު ވަނީ އެޕްލިކޭޝަން ފޯމަށް އެދިފައި.” ވަގުތީ ގޮތުން ސްކޫލު ހިންގުމާއި ހަވާލުވެ ހުންނެވި ހުސެއިން އަލީ ވިދާޅުވިއެވެ. “މިސްކޫލަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަން. އަޅުގަނޑުމެން މިދަނީ މިހާރުވެސް ކައުންސިލްއާ ވާހަކަ ދައްކަމުން.”

ޕްރީސްކޫލުތަކުގެ ޖާގައިގެ މައްސަލައާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދު ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދެ ޕްރީސްކުލުގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައި ވާނެކަމަށާއި އެބައްދަލުވުމުގައި ޖާގަ އިތުރު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވިފައި ވާނެކަމަށެވެ. އަދި ކިޔަވަން ބޭނުންވާ އެއްވެސް ކުއްޖަކަށް ކިޔެވުމުގެ ފުރުސަތު ނުގެއްލޭނެ ކަމުގެ ޔަގީކަންވެސް ޖަމްޝީދު ދެއްވިއެވެ.

ނަމަވެސް މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރެވިފައިވަނީ ކޮން ކަހަލަ ކަންތައްތަކެއް ކަމެއް ކައުންސިލްގެ ރައީސް ވިދާޅެއް ނުވެއެވެ.

އަމީރު އަމީން ސްކޫލުގައި މިހާރުވެސް 460 ކުދިން ކިޔަވަމުންދާ އިރު އިރުމަތީ އަވަށު ޕްރީ ސްކޫލުގައި 154 ކުދިން ދަނީ ތައުލީމް ހާސިލް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355