އިބްރާހިމް ހަމީދު
ހދ. އަތޮޅު ކައުންސިލްގެ އެމްޑީޕީ އަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ރަޝީދު ހދ އަތޮޅު ކައުންސިލް އިދާރާގެ ވޭން އަމިއްލަ ބޭނުންތަކުގައި ބޭނުން ކުރަމުންދާ މައްސަލަ ފެންމަތިވެއްޖެ އެވެ.
އިތުބާރު ހުރި ފަރާތަކުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދީފައިވާ ގޮތުގައި އަތޮޅު ކައުންސިލްގެ ވޭނުގައި ވައިކަރަދޫއިން ކުޅުދުއްފުއްޓަށް ގެންނަ ބައެއް ވިޔަފާރި މުދާ ތަންތަނަށް ގެންދިއުމަށާއި އެރަށުން ކުޅުދުއްފުއްޓަށް އަންނަ މީހުން ތަންތަނަށް އުފުލުމުގައި ކައުންސިލު މެމްބަރު ހުސެއިން ރަޝީދު ވަނީ ހދ އަތޮޅު ކައުންސިލުގެ ވޭން ބޭނުން ކޮށްފައި އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ހދ އަތޮޅު ކައުންސިލުގެ މެމްބަރު ހުސެއިން ރަޝީދު އަމިއްލަ ބޭނުންތަކުގައި އެކައުންސިލް އިދާރާގެ ވޭން ބޭނުން ކުރަމުންގެންދާކަން ނަން ހާމަކުރުމަށް އެދިވަޑައިނުގަންނަވާ އެކައުންސިލުގެ މެމްބަރަކު މިނޫހަށް ވަނީ ކަށަވަރު ކޮށްދެއްވާފައި އެވެ. އެމެމްބަރު ވިދާޅުވީ، ހުސެއިން ރަޝީދުގެ އަމިއްލަ ބޭނުންތަކަށް ވަރަށް ގިނައިން އަތޮޅު ކައުންސިލްގެ ވޭން ބޭނުން ކުރަމުންދާ ކަމަށާއި އެއީ އެކައުންސިލް އުފެދުނީއްސުރެ އާއްމު ކޮށް ހިނގަމުންދާ ކަމެއް ކަމަށެވެ.
ނަން ހާމަ ކުރުމަށް އެދިވަޑައިނުގަންނަވާ އެމެމްބަރު ވިދާޅުވީ ހދ އަތޮޅު ކައުންސިލުގެ ވޭން އަމިއްލަ ފަރުދުންގެ ޑްރައިވިން ލައިސަންސް ޓެސްޓު ހެދުމަށްވެސް ދޫކުރަމުން ގެންދާކަމަށާއި އެއީ މީގެ ކުރިން އެއްވެސް އިރެއްގައި އެގޮތަށް ޑްރައިވިން ޓެސްޓް ހަދަން ދޫކޮށްފައިވާ ވެހިކަލެއް ނޫންކަމަށެވެ. އަދި ހދ އަތޮޅު ކައުންސިލުން ދެފަހަރެއްގެ މަތިން އާންމު ފަރާތްތަކަށް ލައިސަންސް ނެގުމަށް ހަދަންޖެހޭ ޑްރައިވިން ޓެސްޓް ހެދުމަށް އެ ވެހިކަލް ދޫކޮށްފައިވާ ކަމަށް އެމެމްބަރު ވިދާޅުވި އެވެ.
އަމިއްލަ ބޭނުންތަކުގައި ހދ އަތޮޅު ކައުންސިލުގެ ވޭން ބޭނުންކުރަމުންދާ މައްސަލަ ދައުލަތު ކަމާބެހޭ އެއްވެސް މުއައްސަސާއަކަށް ހުށަހަޅާފައިވާ ކަން ޔަގީން ކުރެވޭ ގޮތް އަދި ވަނީ ނުވެފައެވެ.