މިފަހަރުގެ އެގްޒިބިޝަން ކުރީ އަހަރުތަކަށްވުރެވެސް މާ ބޮޑަށް ފުރިހަމަވާނެކަމަށް ވަރަށް އުންމީދުކުރަން – މިސް ސުނީތާ
ހާޝިމް އަބޫބަކުރު
ޖަލާލުއްދީން ސްކޫލްގެ އާޓް ކްލަބުން އިންތިޒާމުކޮށްގެން މި ހިނގާ ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހު ބާއްވާ އާޓް އެގްޒިބިޝަން – 2011 އަށް އެ ސްކޫލްގެ އާޓް ކްލަބުން ވަރަށް ފޯރިޔާއެކު ތައްޔާރު ވަމުން އެބަދެއެވެ.
ޖަލާލުއްދީން ސްކޫލްގެ އާޓް ޓީޗަރ މިސް ސުނީތާ ކުޅުދުއްފުށީ އޮންލައިންއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މި އެގްޒިބިޝަންއަކީ ދަރިވަރުންގެ ހިތްތަކުގައި އާޓްސް މާއްދާއަށް ލޯބި ޖައްސާ، އެކުދިންގެ ކުރެހުމުގެ ހުނަރުތައް ތަރައްޤީކޮށް އަދި އެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު އެކުދިންނަށް ހޯދައި ދިނުމުގެ މަޤްސަދުގައި ބާއްވާ އެގްޒިބިޝަންއެކެވެ.
މިއެގްޒިބިޝަންގައި އެ ސްކޫލްގެ އާޓް ކިޔަވާ ދަރިވަރުން ބިއްލޫރި، މުށި އަދި ފޮތީގައި ކުރަހާފައިވާ ކުރެހުންތަކުގެ އިތުރުން މިސް ސުނީތާގެ ބައެއް މަސައްކަތްތައްވެސް ފެނިގެން ދާނެއެވެ. މިދިޔަ އަހަރެކޭ އެގޮތަށް މިއަހަރުގެ އެގްޒިބިޝަނުން ވެސް ކުރެހުންތައް ބައްލަވައިގަތުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ކުރެހުންތައް ވިއްކައިގެން ލިބޭ ފައިސާގެ %50 ސްކޫލް ފަންޑަށް ލިބޭގޮތަށް ހަމަޖައްސާފައިވާ ކަމަށާއި، އަނެއް %50 ދޭ ގޮތަށް ހަމަޖައްސާފައިވަނީ އެކުރެހުން ކުރެހި ދަރިވަރަކަށްކަމަށް މިސް ސުނީތާ ވިދާޅުވިއެވެ. އަދި ސްކޫލަށް ލިބޭ %50 ޚަރަދުކުރަނީ ކުރެހުންތައް ތައްޔާރުކުރުމަށް ބޭނުންވާ ކުލަ އިންޑިޔާއިން ގެނައުމަށް ކަމަށްވެސް މިސް ސުނީތާ ވިދާޅުވިއެވެ.
“ދަރިވަރުންގެ ހުނަރުތައް އަންނީ އަހަރަކަށްވުރެ އަހަރެއް ތަރައްޤީވެ ކުރިއަރަމުން. އަދި މިފަދަ ހަރަކާތްތަކަށް ދަރިވަރުން ހުންނަ ފޯރިވެސް އަންނަނީ އިތުރުވަމުން. އެކުދިންގެ މަސައްކަތްތައް ވަރަށް ފުރިހަމަ. އެހެންވީމާ މިފަހަރުގެ އެގްޒިބިޝަން ކުރީ އަހަރުތަކަށްވުރެވެސް މާ ބޮޑަށް ފުރިހަމަވާނެކަމަށް ވަރަށް އުންމީދުކުރަން” ޖަލާލުއްދީން ސްކޫލުގައި އާޓް ކިޔަވައިދިނުމުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ މިސް ސުނީތާ އިތުރަށް ވިދާޅުވިއެވެ.
ޖަލާލުއްދީން ސްކޫލްގެ މިދިޔަ އަހަރު ބޭއްވި އާޓް އެގްޒިބިޝަނަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައި ވާއިރު، އެ އެގްޒިބިޝަނުން -/7000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.