އިބްރާހިމް ހަމީދު
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މަތިއުތުރު ސަރަހައްދުގެ އެޑިޔުކޭޝަން ޔުނިޓް ގުޅިގެން މަތިއުތުރު ސަރަހައްދުގެ ސްކޫލުތަކުގެ އިސްވެރިންނަށާއި އެސްކޫލް ތަކުގެ ކޯޑިނޭޓަރުންނަށް އަމާޒު ކޮށްގެން ކުޅުދުއްފުށީގައި ބޭއްވި ބައްދަލު ނިމިއްޖެ އެވެ.
މިމަހުގެ 17 ވަނަ ދުވަހުން 22 ވަނަދުވަހުގެ ނިޔަލަށް ކުޅުދުއްފުށި އަފީފުއްދީންސްކޫލުގައި ކުރިއަށް ދިޔަ މިބައްދަލުވާބެހޭ ގޮތުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން މަތިއުތުރު ސަރަހައްދުގެ އެޑިޔުކޭޝަން ޔުނިޓް ހިންގުމާހަވާލުވެހުރި އިބްރާހިމް ރަޝީދު ވިދާޅުވީ މިބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއްކަމަށާއި ބައްދަލުވުމުގައި 2012 ވަނަ އަހަރު ހއ. ހދ. އަދި ށ އަތޮޅުގެ ހުރިހާ ސްކޫލުތަކެއްގައި އެއް އުޞޫލަކުން އެއްސިޔާސަތެއް އަމަލު ކުރުމަށް ސްކޫލުތަކުގެ އިސްވެރިންނާއި ކޯޑިނޭޓަރުންގެ މަޝްވަރާއާއެކު ކަނޑައެޅިގެން ދިޔަ ކަމަށެވެ.
އިބްރާހީމް ރަޝީދު ވިދާޅުވީ 2012 ވަނަ އަހަރު މަތިއުތުރު ސަރަހައްދުގެ ސްކޫލުތަކުގައި ޕްރިފެކްޓް ބޯޑްގެ ޕޮލިސީ އާއި ދަރުވަރުންގެ ޖަމިއްޔާގެ ޕޮލިސީގެ އިތުރުން އިނާމު ދިނުމުގެ ޕޮލިސީތައް އެއްގޮތްކުރެވި އެއް އުޞޫލެއްގެ ދަށުން އެކަންތައްތައް ކުރުމަށް ކަނޑައެޅިގެން ދިޔަކަމަށެވެ.
މިބައްދަލުވުމުގައި އެޑިޔުކޭޝަން ގަވާއިދުގައިވާ ގޮތަށް ހއ. ހދ. ށ. އަތޮޅު ހިމެނޭގޮތަށް މަތިއުތުރު ސަރަހައްދުގެ ތަޢުލީމީ ކަންތައްތައް ބެލެހެއްޓުމަށް ބޯޑެއް އެކުލަވާލާފައި ވެއެވެ.
މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ތިން އަތޮޅުގެ ރަށްރަށުން ސްކޫލުތަކުގެ އިސްވެރިންގެ ގޮތުގައި 42 ބޭފުޅުންނާއި 31 ކޯޑިނޭޓަރުންނާއިއެކު 73 ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
މިބައްދަލުވުމާ ބެހޭގޮތުން އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވީ މިބައްދަލުވުމުގެ ސަބަބުން ވަރަށް މުހިއްމު މައުލޫމާތުތަކެއް ލިބިގެން ދިޔަކަމަށާއި ޕްރޮވިންސް ލެވެލްގައި ކުރާނެ ކަންތައްތަކެއް ބައްދަލުވުމުން ނިމިގެންދިޔަ ކަމަށެވެ. އަދި ސްކޫލުތަކުން ގެންގުޅޭނެ ސިޔާސަތުތަކެއް ސްކޫލުތަކުގެ އިސްވެރިންނާއި ކޯޑިނޭޓަރުންގެ މެދުގައި މަޝްވަރާކުރެވި ކަނޑައެޅިގެން ދިޔަ ބޭނުންތެރި ބައްދަލުވުމެއް ކަމަށެވެ.