twitterviber whatsapp telegramfacebookyoutube instagram
19th September 2024

ކޮރެއާގައި ބާއްވާ ވޯކްޝޮޕެއްގައި ބައިވެރިވާނެ ކައުންސިލަރެއް ކަނޑައެޅުމުގައި އެލްޖީއޭ އިން އަމަލުކޮށްފައިވަނީ އިންސާފުން ނޫންކަމަށް ހދ އަތޮޅު ކައުންސިލްގެ މެމްބަރަކު ވިދާޅުވެއްޖެ

Sep 25, 2011

އިބްރާހިމް ހަމީދު

ރާއްޖެއިން ބޭރުގައި ބާއްވާ ވޯކްޝޮޕަކަށް ފޮނުވާނެ މެމްބަރަކު ލޯކަލް ގަވަރމެންޓް އޮތޯރިޓީން ހޮވާފައިވަނީ އިންސާފުން ނޫން ކަމަށް ހދ އަތޮޅު ކައުންސިލުގެ ނޮޅިވަރަމް ދާއިރާ ތަމްސީލުކުރައްވާ ކައުންސިލަރ ޒަކަރިއްޔާ ހަސަން ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅު ކައުންސިލް މެމްބަރ ޒަކަރިއްޔާ ހަސަން ވިދާޅުވީ، އަންނަ މަހުގެ 4 ން 28 ށް ސައުތު ކޮރެއާ ގައި އޮންނަ މި ވޯކް ޝޮޕުގައި ބައިވެރިވާނެ މެމްބަރެއް ކަނޑައެޅުމުގައި އިންސާފެއްނެތް ކަމަށެވެ. އޭނާ ވިދާޅުވީ ހދ އަތޮޅު ކައުންސިލުން އެވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ކައުންސިލަރުން އެލްޖީއޭ އަށް ނަން ފޮނުވުމަށް އެންގި ސިޓީގައި އެވޯކްޝޮޕަށް ކައުންސިލަރެއް ހޮވުމުގައި ތައުލީމީ ފެންވަރަށް ބަލާނެކަމަށް އޮންނަ ކަމަށެވެ. އެސިޓީގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ވޯކުޝޮޕްގައި ބައިވެރި ވުމަށް އެދި ނަން ފޮނުވާފައިވަނީ އެކައުންސިލުގެ މެމްބަރު އަހްމަދު ޚަލީލު އާއި ހުސެއިން ރަޝީދު ގެ އިތުރުން ނަޞްރުﷲ އިސްމާއީލް އެވެ.

ޒަކަރިއްޔާ ވިދާޅުވީ، އެލްޖީއޭގެ ބޯޑުގެ 3 މެމްބަރުންގެ ބައްދަލުވުމަކުން ވޯކްޝޮޕަށް ދާން ހދ އަތޮޅު ކައުންސިލުގެ އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރ ހުސެއިން ރަޝީދު މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ. އެހެންނަމަވެސް ތައުލީމީ ފެންވަރުގެ ގޮތުން ބަލާއިރު އެފުރުޞަތު ލިބެންޖެހޭނީ އެކައުންސިލުގެ ކުރީ ނައިބު ރައީސް އަހްމަދު ޚަލީލް އަށްކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

“ތަޢުލީމީ ގާބިލް ބޭފުޅުން ތިއްބަވަނިކޮށް ހުސެއިން ރަޝީދަށް އެފުރުޞަތު ދޭން އެލްޖީއޭގެ ބޯޑުން މި ނިންމާފައިވާ ނިންމުމަކީ އެބޭފުޅާ (ހުސެއިން ރަޝީދު) މާލޭގައި ހުންނަވައިގެން އެލްޖީއޭގެ ބޯޑްގެ މެމްބަރުންނަށް ގުޅައިގެން ނުސީދާކޮށް ނިންމާފައިވާ ނިންމުމެއް” ޒަކަރިއްޔާ ވިދާޅުވި އެވެ.

އެލްޖީއޭގެ މިނިންމުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ޒަކަރިއްޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކަމެއް ނިންމާއިރު ނަތީޖާ ހާސިލްވާނެ ގޮތަކަށް އެކަންކަން ނިންމުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި މި ވޯކްޝޮޕްގެ ކަންތައް އެލްޖީއޭގެ ބޯޑުން ނިންމާފައިވާ ގޮތުން ނަތީޖާ ރަނގަޅުވާނެކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާބެހޭގޮތުން އެލްޖީއޭގެ ފަރާތުން ވާހަކަދެއްކެވި އާދަމް ޝަރީފް ވިދާޅުވީ، އެކަން ނިންމާފައިވަނީ އެލްޖީއޭގެ ކޮމިޓީއަކުން ކަމަށާއި ކައުންސިލަރެއް ކަނޑައެޅުމުގައި ތައުލީމީ ފެންވަރަށާއި، ބައިވެރިވެފައިވާ ވޯކްޝޮޕްތަކަށާއި ނަންގަވާފައިވާ ޑިގްރީތަކަށް ބައްލަވާފައިވާނެ ކަމުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355