ހދ ނޮޅިވަރަމުން ގޯތި ދޫކުރުމުގައި ދިމާވި ޚިޔާލު ތަފާތުވުމަކާއި ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެރަށު ކައުންސިލް އިދާރާ ހިޞާރުކޮށްފި އެވެ. އަދި އެރަށަށް މިހާރު ވަޑައިގެން އުޅުއްވާ މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ބޭފުޅުންގެ ޓީމެއް އެރަށުން ފުރިޔަ ނުދީ ވަނީ ހިފަހައްޓާފައި އެވެ.
ނޮޅިވަރަމް ރައްޔިތުން ކައުންސިލު އިދާރާ ދޮށަށް އެއްވެ މަތިއުތުރު ގައުމީއިދާރާގެ ޓީމް ހިފަހައްޓާފައިވަނީ އެރަށުން ގޯތި ދޫކުރުމަށް ކައުންސިލުން ނިންމާފައިވާ ނިންމުން ބެލުމަށްޓަކައި އެޓީމް މިއަދު އެރަށް ދިއުމުންނެވެ.
މަތިއުތުރުގެ ސަރަހައްދުގެ ޓީމެއް ނޮޅިވަރަމަށް ދިޔައީ، ނޮޅިވަރަމުގެ ލޭންޑް ޔޫސް ޕްލޭނާ ޚިލާފަށް ގޯތި ދޫކުރަން ނިންމި މައްސަލަ ބެލުމަށް ހައުސިން މިނިސްޓްރީން އަންގާފައިވާ އެންގުމަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި 2000 އަކަފޫޓަށް ވުރެ ބޮޑުކޮށް ގޯތި ދޫނުކުރުމަށް ހައުސިން މިނިސްޓްރީން އަންގާފައިވާއިރު ނޮޅިވަރަމްގައި ދޫކޮށްފައިވަނީ 3000 އަކަފޫޓުގެ ގޯތި ތަކެކެވެ.
މިރޭ އިރާކޮޅު ނޮޅިވަރަމްގެ ރައްޔިތުން ނުކުމެ ގައުމީ އިދާރާގެ ޓީމު ހިފެހެއްޓުމާއި ގުޅިގެން އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ. އަދި ގައުމީ އިދާރާގެ ޓީމުގައި އިސްކޮށް އުޅުއްވާ ހދ އަތޮޅު ކޯޑިނޭޓަރ އަދުނާން ކައުންސިލް އިދާރާދޮށަށް އެއްވި މީހުންނާއި ބައްދަލުކޮށް ރައްޔިތުންގެ ޝަކުވާ އަޑުއެއްސެވިކަމަށް އެރަށުން މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.
ނޮޅިވަރަމުން ވާހަކަ ދެއްކި މީހަކު ބުނީ ރައްޔިތުންގެ ފަރާތުން 15 މީހަކު ގައުމީ އިދާރާގެ އަތޮޅު ކޯޑިނޭޓަރ އަދުނާނުއާ ބައްދަލުކޮށް މަޝްވަރާތަކެއް ކުރިއަށް ދިޔަކަމަށެވެ. އަދި އެމަޝްވަރާތަކަށް ފަހު މާގިނައިރުތަކެއް ނުވެ މަސްރަހު އަމާންވެ ހަމައަކަށް އެޅިފައިވާ ކަމަށެވެ. ގައުމީ އިދާރާގެ ޓީމު އެނބުރި ކުޅުދުށްފުށްޓައް އައިސްފައިވަނީ 10:30 ހާއިރު އެވެ.
ގޯތި ދޫކުރުމުގެ މައްސަލައިގައި މީގެ ކުރިންވެސް ރަށު ކައުންސިލް އިދާރާގެ ދޮށުގައި އެރަށު ރައްޔިތުންވަނީ މުޒާހަރާކޮށްފައި އެވެ. އެމީހުންގެ މައިގަނޑު ޝަކުވާއަކީ އެރަށުން 3000 އަކަފޫޓުގެ ގޯތި ދޫކުރަން ނިންމުމަށްފަހު ފަހުން 2000 އަކަފޫޓުގެ ގޯތި ދޫކުރުމަށް ކައުންސިލުން ނިންމުމެވެ. އެހެންނަމަވެސް މިދިޔަ ޖުލައި މަހުގެ ތެރޭގައި އެރަށުން ގޯތި ލިބޭ މީހުންގެ ގުރުއަތު ނެގިއިރު ކައުންސިލުގެ ނިންމުން ބަދަލުކޮށް ކުރިންވެސް އޮތްގޮތަށް 3000 އަކަފޫޓުގެ ގޯތި ދޫކުރުމަށް ނިންމާފައި ވެއެވެ.