twitterviber whatsapp telegramfacebookyoutube instagram
19th September 2024

ކޮރަޕްޝަނާމެދު ހޭލުންތެރިކަން އިތުރުކުރުވުމުގެ ޕުރޮގްރާމެއް ކުޅުދުއްފުށީގައި ކުރިއަށްދަނީ

Sep 26, 2011

އިބްރާހިމް ހަމީދު

އެންޓި ކޮރަޕްޝަން ކޮމިޝަނުން އިންތިޒާމުކޮށްގެން ކޮރަޕްޝަނާމެދު ހޭލުންތެރިކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ކުޅުދުއްފުށީގައި ފެށިގެން ކުރިއަށް އެބަދެއެވެ.

ކުޅުދުއްފުށީގައި އަފީފުއްދީން ސްކޫލުގައި ރޭ ފެށި މި ބައްދަލުވުންތަކާބެހޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު މުޙައްމަދު ޝަފީގު ވިދާޅުވީ، މިބައްދަލުވުމަކީ ކޮރަޕްޝަނާމެދު މީހުން ހޭލުންތެރިކަން އިތުރުކުރުމަށާއި ތެދުވެރިކަމާއެކު ގަވާއިދާއި އެއްގޮތަށް ކަންކަން ކުރަން ބާރުއެޅުމުގެ ގޮތުން ކުރިއަށްދާ ބައްދަލުވުންތަކެއް ކަމަށެވެ.

މި ޕްރޮގްރާމްގައި ކުޅުދުއްފުށީގައި ހުރި ދައުލަތުގެ އިދާރާތަކުގެ މުއައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތުބައްދަލުވުންތަކާއި އާންމު ރައްޔިތުންނަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް އޮންނާނެއެވެ. އަދި ކުޅުދުއްފުށީގައި ސްކޫލުތަކުގެ ގްރޭޑް 8 ން ފެށިގެން މަތީގެ ދަރިވަރުންނަށް ބާއްވާ މަސައްކަތު ބައްދަލުވުންތަކެއްވެސް އޮންނާނެކަމަށް އެކޮމިޝަނުން މައުލޫމާތު ދެއެވެ.

މީގެ ދެހަފުތާ ކުރިން ހދ އަތޮޅުގެ ބައެއް ރަށްރަށުގައިވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ހޭލުންތެރިކުރުވުމުގެ ޕުރޮގްރާމްތަކެއް ކުރިއަށް ގެންދިޔައެވެ. މިއިން ކޮންމެ ރަށެއްގައި 1 ދުވަހުގެ މުއްދަތަށް ބާއްވަމުންދިޔަ މި ޕުރޮގްރާމުގެ ތެރެއިން ކުޅުދުއްފުށީގައި ކުރިއަށްދާ ބައްދަލުވުންތައް ނިމޭނެ ވަކި ދުވަހެއް ޝަފީގު ވިދާޅެއް ނުވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރަކުވެސް މިފަދަ ޕުރޮގްރާމްތަކެއް ކުރިއަށް ގެންދެއެވެ. އެގޮތުން މިހާރު ކުޅުދުއްފުށީގައި ކުރިއަށްދާ ޕުރޮގްރާމަކީ މިއަހަރު ބޭއްވޭ އެންމެ ފަހު ޕުރޮގްރާމްކަމަށް އެކޮމިޝަނުން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމްގައި މައުލޫމާތުދެއްވާނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ކަމާގުޅޭ ބޭފުޅުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355