އިބްރާހިމް ހަމީދު
ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ 2010 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ރޭ ޖަލާލުއްދީން ސްކޫލު ހޯލްގައި ބާއްވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރ މުހައްމަދު ޝަފީއު ޝަރަފްވެރި ކޮށްދެއްވި މިޖަލްސާގައި އެސްކޫލުން 199 ކުދިން 295 އިނާމް ވަނީ ހާސިލް ކޮށްފައެވެ. 2010 ވަނަ އަހަރު އެސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުން ނުވަތަ ބެސްޓް އޯލް ރައުންޑް ދަރިވަރުންނަކީ އަނާން ފަރީދު، މުހައްމަދު އިމްނާ އާދަމް، މުހައްމަދު އިބްރާހިމް، ޝިނާ ހަސަން، އައިމިނަތު ޝަފްގާ، އައިޝަތު ޖަޒީލާ ހުސެއިން، ފަޒީލާ ޖައުފަރު، ހަސަން ހުސެއިން، ސަނާ އިބްރާހިމް، ހުސެން ޝިޔާން، އައިޝަތު ޔުޝްރާ އަދި އައިމިނަތު އައިނާ އެވެ. ޖަލްސާގައި ވަނީ މިއިން ކޮންމެ ކުއްޖެއްގެ ތައާރަފެއް ގެނެސްދިނުމުގެ އިތުރުން އެދަރިވަރުން އެކާމިޔާބީ ހާސިލް ކުރުމަށް ކުރިމަސައްކަތްތަކާއި މުސްތަގްބަލްގައި ކުރިއަށް ދާންބޭނުންވާ ރޮނގުތަކާއި ބެހޭގޮތުން އެކުދިން ދީފައިވާ ކުރު އިންޓަވިއުއެއްވެސް ގެނެސްދީފައެވެ.
ރޭގެ ޖަލްސާގައި ޝަރަފްވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި އެންމެ މޮޅެތި ދަރިވަރުންގެ ގޮތުގައި ފާހަގަވެގެން ދިޔަ ދަރިވަރުން ގައުމަށާއި އަތޮޅަށާއި ރަށަށް އަދި މުޖްތަމައަށް ކޮށްދޭން ބޭނުންވަނީ ކޮންކަހަލަ ހިދުމަތްތަކެއްކަން އެކުދިންގެ އިންޓަވިއުތަކުން ފެނިގެން ހިނގައްޖެކަމަށް ވިދާޅުވެ، އެކަމަށްޓަކައި މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް އުފާކުރަން ޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި ހިތްވަރާއި އަޒުމާއެކު ގަދަ އަޅާ ބުރަ މަސައްކަތް ކޮށްގެން ކާމިޔާބު ހޯދާ ވަނަތައް ހޯދުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ ވާހަކަފުޅު ދެއްކެވިއެވެ.
އިތުރަށް ޝަރަފްވެރި މެހެމާންގެ ވާހަކުފުޅުގައި، ވަށާޖެހޭ ތައުލީމު ފުރިހަމަ ކުރުމަށް ބެލެނިވެރިންގެ ހިއްސާ ވަރަށްބޮޑަށް ބޭނުންވާކަމަށާއި ދިރިއުޅެމުންދާ ގެއަކީވެސް އެކުދިންގެ ސްކޫލުގެ ބައެއްގެ ގޮތުގައިހައްދަވައި ސްކޫލުން ކުދިން ތަރުބިއްޔަތު ކުރުމުގައި ދެއްވާ އިރުޝާދާ ބޭނުންވާ އެއްބާރުލުން ދެއްވުމަށް ބެލެނިވެރިންގެ ކިބައިން އެދިލެއްވިއެވެ.
ރޭގެ ޖަލްސާގައި 2010 ވަނަ އަހަރު ސްކޫލު ހިނގައި ދިޔަ ގޮތުގެ ރިޕޯޓް އިއްވަވައި ދެއްވީ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް މުހައްމަދުއެވެ. އެ ރިޕޯޓުގައި ސްކޫލުގެ ދަރިވަރުން ހޯދަމުންދާ ކާމިޔާބުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
ޖަލްސާގައި އެކިއެކި ގްރޭޑްތަކުގެ ކުދިންނަށް އިނާމް ބައްސަވައި ދެއްވީ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާއާއި ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދާއި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޖަމްޝީދު މުޙައްމަދާއި މަތި އުތުރު ސަރަހައްދު އެޑިއުކޭޝަން ޔުނިޓްގެ ސްޕްރިންޑެންޓް އިބްރާހިމް ރަޝީދެވެ. އަދި ހާއްސަ ވަނަތަކަށް އިނާމް ބައްސަވައި ދެއްވީ ޝަރަފްވެރި މެހެމާން މުޙައްމަދު ޝަފީއުއެވެ.
އެހެން އަހަރުތަކާއި ހިލާފަށް ރޭގެ ޖަލްސާގައި ވަނީ ސްކޫލުގެ ޓީޗަރުންގެ ތެރެއިން 100 ޕަސެންޓް ހާޒިރުވި މުވައްޒަފުންނަށްވެސް ސެޓްފިކެޓް ދީފައެވެ. ސެޓްފިކެޓް ބައްސަވައި ދެއްވީ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް މުހައްމަދުއެވެ.
ޖަލްސާގައި ޝުކުރު ދެންނެވީ ސްކޫލުގެ ކެޕްޓަން އަބްދުއްރަޝީދު އިބްރާހިމް އާއި ވައިސް ކެޕްޓަން ޝީޒާ މުހައްމަދު އެވެ. ޖަލްސާ ނިމިގެން ދިޔައީ ހާއްސަ ދުއާއަކުންނެވެ.