ކުޅުދުއްފުށީ އޮންލައިން އިން އިންތިޒާމް ކޮށްގެން ޖަލާލުއްދީން ސްކޫލާއި ގުޅިގެން ބޭއްވި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ސީނިއަރ ގްރޫޕުގެ އެއްވަނަ ޝާމިލް އިބްރާހިމް އަދި ޖޫނިއަރ ގްރޫޕުގެ އެއްވަނަ އިނާޔަތު އަލީ ހޯދައިފިއެވެ.
ގްރޭޑް 11 ބީ ގައި ތައުލީމް ހާސިލް ކުރަމުންދާ ޝާމިލް އިބްރާހިމް ލިޔެފައިވާ ވާހަކައަކީ “ގައިދު” އެވެ. އަދި ޖޫނިއަރ ގްރޫޕުން އެއްވަނަ ލިބުނު 9 ޖީގެ އިނާޔަތު އަލީ ލިޔެފައިވާ ވާހަކައިގެ ނަމަކީ “އައިޝާ” އެވެ.
ސީނިއަރ ގްރޫޕުގެ ދެވަނަ ލިބިފައި ވަނީ 12 ބީ ގެ ދަރިވަރު ޝަމްލާ އިބްރާހިމް ލިޔެފައިވާ “ބޭބެ ނެތްނަމަ” މިވާހަކައަށެވެ. އަދި އެގްރޫޕުން ތިންވަނަ ހާސިލްކޮށްފައި ވަނީ 11 ބީގެ ޝިފާ އުމަރު ލިޔެފައިވާ “ކަލާއަށްޓަކައި” އެވެ.
ޖޫނިއަރ ގްރޫޕްގެ ދެވަނަ ލިބިފައިވަނީ ގްރޭޑް 9 އީގެ ދަރިވަރު ސީމާ ހަސަން ލިޔެފައިވާ “ޑައިރީ” އަށެވެ. އަދި އެގްރޫޕުގެ ތިންވަނަ ލިބިފައިވަނީ 8 ބީގެ ދަރިވަރު އަނާން ފަރީދު ލިޔެފައިވާ “ޝިޔާނާ” އަށެވެ.
މިމުބާރާތުގެ ސީނިއަރ ގްރޫޕުގެ ގަދަ 10 ހޮވާ ސެޓްފިކެޓް ހަވާލުކުރެވުނު އިރު ޖޫނިއަރ ގްރޫޕުގެ ގަދަ 5 ހޮވާ ސެޓްފިކެޓް ވަނީ ހަވާލު ކުރެވިފައެވެ.
މިއަދު ޖަލާލުއްދީން ސްކޫލުގައި ބޭއްވުނު އެސެމްބްލީގައި ވަނަތައް ހޯދި ކުދިންނަށް ޓްރޮފީ އާއި އިނާމު ތައް ބައްސަވައި ދެއްވުމަށްފަހު ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވަނީީ، އެސްކޫލުގެ ކުދިންނަށް އަމާޒުކޮށްގެން ރަށުގެ އަމިއްލަ މުއައްސަސާއަކުން މިފަދަ މުބާރާތެއް ބޭއްވީތީ އެކަން ފާހަގަކޮށް ކުޅުދުއްފުށީ އޮންލައިންގެ މެނޭޖްމަންޓަށް ޝުކުރު އަދާކޮށްފައެވެ. އަދި މުސްތަގްބަލްގައިވެސް މިފަދަ މުބާރާތްތައް ކުޅުދުއްފުށީ އޮންލައިންއާއި ގުޅިގެން ބޭއްވޭނެ ކަމަށް އުއްމީދު ކުރަށްވާ ކަމުގައި ވިދާޅުވިއެވެ.
މިމުބާރާތުގެ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ހޯދި ދަރިވަރުންނަށް ސެޓްފިކެޓާއި ޓްރޮފީގެ އިތުރުން އިނާމެއްގެ ގޮތުން ވަތަނިއްޔާ ބްރޯޑް ބޭންޑް މޮޑެމްއެއް ކުޅުދުއްފުށީ އޮންލައިންގެ ފަރާތުން ވަނީ ދީފައެވެ. އަދި ދެވަނަ އަދި ތިންވަނަ ހާސިލް ކުރި ކުދިންނަށްވެސް ޓްރޮފީގެ އިތުރުން ތަފާތު އިނާމުތައް ވަނީ ދީފައެވެ. މިމުބާރާތުގެ ޖޫނިއަރ ގްރޫޕުގެ ގަދަ ފަހެއްގައާއި ސީނިއަރ ގްރޫޕުގެ ގަދަ 10 ގައި ހިމެނުނު ވާހަކަތައް ކުޅުދުއްފުށީ އޮންލައިން މެދުވެރިކޮށް ވަނީ ކިޔުންތެރިނަށް ގެނެސްދީފައެވެ.