މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ހަވާލުވާ ޖަރުމަނުގެ ޕްރޯމެޑި ކްލިނިކްގެ ރައީސަށް ކުޅުދުއްފުށިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
މިއަދު މެންދުރު ޕްރޯމެޑި ކްލިނިކްގެ ރައީސް ނޮބަރޓް ސީސް ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ ހެލްތް ކޯޕަރޭޝަނުގެ ވެރިންނާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނެވެ. ނޮބަރޓް ސީސްގެ އިސްތިޤުބާލުގައި ކުޅުދުއްފުށީގައި ހުރި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވެފައި ވެއެވެ.
އަޕަރ ނޯތް ހެލްތް ސާރވިސަސް ކޯޕަރޭޝަނާއެކު މިރޭ ސޮއިކުރާ ޕްރޯމެޑި ކްލިނިކްގެ ރައީސް ކުޅުދުއްފުށްޓައް ވަޑައިގަތުމުން މަރުހަބާ ކިޔުމުގެ ގޮތުން ބޮޑުބެރުގެ ހަރަކާތެއް ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި އޮތެވެ.
ނޮބަރޓް ސީސްގެ މިދަތުރުފުޅުގައި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ލުބްނާ ޒާހިރު ހުސެއިންގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.