އިބްރާހީމް ހަމީދު
ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ތިލަދުންމަތީގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގެން ސަރުކާރުން ހިންގާ “ހުނަރު” ޕުރޮގްރާމް އިފްތިތާހު ކޮށްދެއްވައިފި އެވެ.
މިއަދު ހަވީރު ކުޅުދުއްފުށީގައި ހުންނަ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ހުނަރު ޕުރޮގްރާމް އިފްތިތާހުކޮށްދެއްވައި އެރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބުކޮށް ވާހަކަދެއްކެވި އެވެ.
ކުޅުދުއްފުށީގައި މިއަދު އިފްތިތާހުކުރީ “ހުނަރު” ޕުރޮގްރާމްގެ ތެރޭގައި ހިމެނޭ ހެވީލޯޑް އޮޕަރޭޓަރުން ތަމްރީނުކުރުމަށް ހިންގާ ޕުރޮގްރާމާއި އިލެކްޓްރީޝަނުން ތަމްރީނު ކުރުމަށް ހިންގާ ކޯހެވެ.
ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މަތިއުތުރު ގައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ހުނައިފާއި އެއޮފީހުގެ އިސްވެރިންގެ އިތުރުން ހދ. އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުންނެވެ. އަދި މީގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ސަރުކާރު އޮފީސްތަކުގެ އިސްވެރިންނާއި ކުޅުދުއްފުށީގެ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައި ވެއެވެ.
އެމަނިކުފާނުގެ މިދަތުރުފުޅަކީ ތިލަދުންމަތީގެ ބައެއްރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ކުޅުދުއްފުށީގެ ތަރައްގީއަށް ރޭވިފައި ހުރިކަންތައްތަކާއި ބެހޭގޮތުންނާއި މިހާރު ކުޅުދުއްފުށީގެ ތަރައްގީއަށް ހިނގަމުންދާ މަޝްރޫއުތަކާއި ބެހޭގޮތުން ކައުންސިލްތަކާއެކު މަޝްވަރާ ކުރައްވާނެއެވެ.
ރައީސްގެ މިދަތުރުފުޅުގައި އަޕަރ ނޯތް ހެލްތް ސާރވިސަސް ކޯޕަރޭޝަނުން ހިންގާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އާއި ޖަރުމަނުގެ ޕްރޯމެޑް ކްލިނިކް އާއި ދެމެދު މިއަދު ސޮއިކުރަން ހަމަޖެހިފައިވާ މެނޭޖްމަންޓް ކޮންޓްރެކްޓް ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.