twitterviber whatsapp telegramfacebookyoutube instagram
19th September 2024

ސިއްހީ ހިދުމަތްތައް ވިޔަފާރި އުޞޫލަށް ބަދަލުކުރުމުން ލިބުނު ގެއްލުމެއް، ދެރައެއް ދެނެގަންނަން އުނދަގޫ: ރައީސް ނަޝީދު

Sep 29, 2011

އިބްރާހިމް ހަމީދު

ސިއްހީ ހިދުމަތް ވިޔަފާރި އުޞޫލަށް ބަދަލުކުރުމުން އޭގެ ސަބަބުން ލިބުނު ގެއްލުމެއް، ދެރައެއް ދެނެގަންނަން އުދަގޫ ކަމަށް ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުން ޖަރުމަނުގެ ޕްރޯމެޑް ކުލިނިކާއި ހަވާލުކުރުމަށް ރޭ ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ސިއްހީ ހިދުމަތްތައް ވިޔަފާރި އުޞޫލަށް ބަދަލުކުރުމުން ވާނީ ފައިދާކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުން ޖަރުމަނުގެ ކުންފުންޏާއި ހަވާލުކުރުމުން އެހޮސްޕިޓަލުގެ ހިދުމަތް “ތިންހަތަރު ގުނަ އިތުރަށް” ދެވޭނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޕުރޯމެޑް ކްލިނިކްގެ ފިކުރުހުރީ އެހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނާނީ ހަމައެކަނި ރާއްޖޭގެ މީހުން ނޫންކަމަށާއި ދެކުނު އޭޝިޔާގައި ހުރި އެންމެ ރަނގަޅު ހޮސްޕިޓަލަށް ކުޅުދުފުއްފުށީ ރީޖަނަލް ހޮސްޕިޓަލު ހެދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގާނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރު ފަހުކޮޅުގައި އެވެ. އެބީލަމުގައި ބައިވެރިވި ފަރާތްތަކުން ހުށަހެޅި ބީލަންތައް ބެލުމަށްފަހު އެކަމަށް އެންމެ ރަނގަޅު ކުންފުންޏެއްކަމަށް ފެނުނީ ޖަރުމަނުގެ ޕްރޯމެޑް ކްލިނިކް ކަމަށް ރައީސް ވިދާޅުވި އެވެ.

ރޭ ކުޅުދުއްފުށީ ތިލަ ދެކުނު ސިނަމާގައި ސޮއިކުރެވުނު އެގްރީމެންޓްގައިވާ ގޮތުން އެހޮސްޕިޓަލާއި ހަވާލުވާ ދުވަހުންފެށިގެން ގިނަވެގެން 60 ދުވަހުގެ ތެރޭގައި ހޮސްޕިޓަލް އެންމެ ޒަމާނީ ފެންވަރަށް ހިންގަންޖެހެއެވެ. އަދި 2 އަހަރު ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލް އެންމެ ޒަމާނީ ފެންވަރަށް ހިންގުމަށް ކުރަންޖެހޭ އެންމެހާ އިންވެސްޓްމަންޓެއް ކޮށް ނިންމަން ޖެހެއެވެ.

“އަޅުގަނޑުމެން ދެކެނީ ޖަރުމަނުގެ ޓެކްނޮލޮޖީ ހިންގުން ކުޅުދުއްފުއްޓަށް ގެނެވިއްޖެއްޔާ އޭގެ ސަބަބުން މުޅިރާއްޖެއަށް ފައިދާކުރާނެކަމަށް” ރައީސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި އަޕަރ ނޯތް ހެލްތު ސާރވިސަސް ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ބަދުއްރުއްދީން ޙަސަން ވިދާޅުވީ، ދުނިޔޭގެ ތަރައްގީގެ ދުވެލި ހަލުވިވެފައިވާ މިދަނޑިވަޅުގައި ދިވެހިންވެސް ތަރައްޤީގެ ރޭހުގައި ހަލުވި ވާންޖެހޭކަމަށެވެ. އެގޮތުން ސިއްހީ ދާއިރާއަށް ތަރައްޤީ ބޭނުންވާނަމަ އިތުރު ގޮތްތަކެއް ހޯދަންޖެހިފައިވާ ކަމަށް ބަދުރު ވިދާޅުވި އެވެ. އެތަރައްޤީ ބޭނުންނަމަ ފައިސާހުރި މީހުން ގެނެސް އިންވެސްޓް ކުރަންޖެހޭ ކަމަށް ވިދާޅުވެ އެކޯޕަރޭޝަނާއި ޖަރުމަނުގެ ޕްރޯމެޑް ކްލިނިކް އާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ސިއްހީ ހިދުމަތްތައް ރަނގަޅުކުރެވި ރައްޔިތުންގެ އަތްފޯރާފަށަށް ހިދުމަތްތައް ގެނެސްދެއްވާނެ ކަމަށް ބަދުރު ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ލުބްނާ ޒާހިރު ހުސައިން ވެސް ވާހަކަ ދެއްކެވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޖަރުމަންގެ ޕްރޯމެޑް ކްލިނިކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި، މަތި އުތުރު ހެލްތް ސަރވިސް ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ، މެނެޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަނާއި، ޕްރޯމެޑް ކްލިނިކްގެ ފަރާތުން އެ ކްލިނިކްގެ ރައީސް ނޯބަރޓް ސީސްއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355