އިބްރާހިމް ހަމީދު
އެއްދުވަހުގެ އައުޓްރީޗް ދަތުރެއްގައި ހއ ދިއްދޫގެ ބަލިމީހުން ބެލުމަށް ފުރަންއުޅުނު ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމެއް، ކުޅުދުއްފުށީ ރައްޔިތުންގެ ބަޔަކު ނުކުމެ ހިފަހައްޓައިފިއެވެ.
ޑޮކްޓަރުންގެ ޓީމު ދިއްދޫއަށް ދިއުމަށް ލޯންޗަށް އަރާތިއްބާ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެޓީމު ހުއްޓުވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހަކު ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއަދު ހެނދުނު ކުޅުދުއްފުށީގައި ތިބޭ ޑޮކްޓަރުން ދިއްދޫ އަށް ގެންދާކަން އެނގިގެން އެކަމާ ހިތްހަމަ ނުޖެހިގެން ނުކުތް މީހުން އެޓީމު ލޯންޗަށް އަރާތިއްބާ ބޭލުވީކަމަށެވެ. އަދި އެއީ ދިވެހި ސަރުކާރު އަޑީގައި އޮވެގެން ހެލްތު ކޯޕަރޭޝަނާއި ގުޅިގެން ދިއްދޫ މީހުން ހިތްހަމަޖައްސައި ދިނުމަށްޓަކައި ކޮށްފައިވާ ކަމެއް އެމީހުން ތުހުމަތު ކުރެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ޝީޒާ ވިދާޅުވީ މިއަދު ހެނދުނު ދިއްދޫ އަށް ދިއުމަށް ލޯންޗަށް އަރާ ފުރަން ތައްޔާރުވެފައިވަނިކޮށް ރައްޔިތުންގެ ބަޔަކު ނުކުމެ އެކަން ހުއްޓުވުމާ ގުޅިގެން މިހާރު އެދަތުރު ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި އެއީ ދިއްދޫގައި ތިބި ބަލިމީހުން ބެލުމަށްޓަކައި ހަމަޖެހިފައި އޮތް ދަތުރެއް ކަމަށް ޝީޒާ ވިދާޅުވި އެވެ.
މިއަދު ދިއްދޫ އަށް ދިއުމަށް އުޅުނު ޓީމުގައި ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖަރުގެ އިތުރުން 7 ޑޮކްޓަރުން ތިއްބެވެ. އޭގެ ތެރޭގައި 6 ސްޕެޝަލިސްޓުންނާއި އެއް ޖެނެރަލް ޑޮކްޓަރަކު ހިމެނެއެވެ.
އެކަމާއި ގުޅިގެން ރަށު ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދު އާއި ފޯނުން ގުޅާލުމުން ވިދާޅުވީ ރައްޔިތުންގެ ތެރެއިން ދިހަވަރަކަށް ބޭފުޅުން ޑޮކްޓަރުން ދިއްދޫ އަށް ގެންދާތީ އެކަމުގައި މަޝްވަރާކުރުމަށް އައި ކަމަށާއި އެވަގުތު ހެލްތް ކޯޕަރޭޝަނުން މައުލޫމާތު ހޯދުމަށްފަހު އެމީހުންނަށް އެމައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ. މިކަމާގުޅޭގޮތުން ހެލްތް ކޯޕަރޭޝަނުގެ ރަސްމީ ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއް ހޮސްޕިޓަލްގައި ޑޮކްޓަރުން މަދުވެގެންދާ ހާލަތު ތަކުގައި އަނެއް ހޮސްޕިޓަލްއިން މިފަދަ އައުޓްރީޗް ދަތުރުތައް ބާއްވައެވެ. މަތިއުތުރުގެ ތިން ހޮސްޕިޓަލް ހެލްތު ކޯޕަރޭޝަންގެ ދަށުން ހިނގަމުން ދާއިރު، މީގެ ކުރިންވެސް މިގޮތަށް އެއްދުވަހުގެ އައުޓްރީޗް ޕްރޮގްރާމްތައް ހިންގާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.