އިބްރާހިމް ހަމީދު
ކުޅުދުއްފުށީގައި އެމް.ޑަބްލިޔު.އެސް.ސީ އިން ގާއިމު ކޮށްފައިވާ ނަރުދަމާ ނިޒާމުން އަގު ނަގަމުންދާތީ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ރަށު ކައުންސިލްގެ ބޭފުޅުންނާ މަޝްވަރާ ކުރުމަށް ރޭ ކައުންސިލް އިދާރާގައި ބައްދަލުވުމެއް ބާއްވައިފިއެވެ.
މިކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅެއް ކަމަށްވާ ރަޝާދު ހަސަން ވިދާޅުވީ މިބައްދަލުވުމަކީ ރާއްޖޭ އެހެން އެއްވެސް ރަށެއްގައި ނަރުދަމާ ނިޒާމުން ލާރި ނުނަގައި، ހަމައެކަނި ކުޅުދުއްފުށީ ނަރުދަމާ ނިޒާމުން ލާރި ނަގަމުންދާތީ އެކަން ކުއްވެރިކޮށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ. އަދި މިކަމަކީ ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުންވެސް ބޭނުން ވެފައި އޮތް ކަމެއް ކަމަކަށް ރަޝާދު ހަސަން ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ އެދުނު އެދުން ސަރުކާރުގައި ދަންނަވާދޭނޭ ކަމަށް ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވެފައިވޭ.” ރަޝާދު ހަސަން ވިދާޅުވިއެވެ.
މިކަމާއި ބެހޭގޮތުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވީ “ރައްޔިތުންގެ ތެރެއިން ބޭފުޅުން ކޮޅެއް ކައުންސިލް މެމްބަރުންނާއި ބައްދަލުކޮށް މައިގަނޑު ސުވާލެއްގެ ގޮތުގައި ކޮށްފައިވަނީ ކުޅުދުއްފުށީ ނަރުދަމާ އިން އަގުނަގަމުންދާތީ ކިހިނެތް ނަގަމުންދާ އަގެއްތޯ ސާފް ކޮށްދިނުމަށް. އަދި އެބޭފުޅުން ފާހަގަ ކޮށްފައި އެބަހުރި ބައެއް ރަށްރަށުން ނަރުދަމާ ކަނެކްޝަން ފީ ނުނަގާ ރަށްރަށް ހުރިކަމަށް.”
އެކަން އެމްޑަބްލިޔުއެސްސީ އާއި ސަރުކާރާއި ވާހަކަ ދައްކައިގެން ސާފު ކޮށްދޭނެ ކަމަށް އެބޭފުޅުންނަށް ދަންނަވާފައި ވާނޭކަމަށް ޖަމްޝީދު މުހައްމަދު ވިދާޅުވިއެވެ.