އިބްރާހިމް ހަމީދު
މިނިސްޓްރީ އޮފް ހިއުމަން ރިސޯސް، ޔޫތު އެންޑް ސްޕޯރޓްސްގެ ދަށުން ހިނގަމުން އައި ޒޯން ސްޓޭޑިއަމް 1 ކުޅުދުއްފުށީ ކައުންސިލް އިދާރާއާ ހަވާލުކޮށްފި އެވެ.
ޒޯން ސްޓޭޑިއަމް ކުޅުދުއްފުށީ ކައުންސިލާއި ހަވާލުކުރުމަށް ބޭއްވި ރަސްމިޔާތުގައި ޔޫތު މިނިސްޓަރ ހަސަން ލަތީފް ވިދާޅުވީ، މިސަރަހައްދުގެ ޒޯން ސްޓޭޑިއަމް ކުޅުދުއްފުށީ ކައުންސިލާއި ހަވާލުކުރެވުނީ ވަކި މުއްދަތެއްގެ ތެރޭގައި ސްޓޭޑިއަމް ހިންގުން އަމިއްލަ ފަރާތަކާއި ހަވާލުކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ކައުންސިލުން އިއުލާނުކޮށްގެން ސްޓޭޑިއަމް ހިންގާނެ ބަޔަކު ހޯދަން ހަވާލުކުރިނަމަވެސް ކައުންސިލަށް އެކަމުގައި ފުރިހަމަ އެހީތެރިކަން މިނިސްޓްރީގެ ފަރާތުން ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ބަޖެޓުން ސްޓޭޑިއަމްތައް ހިންގަން އުޅުމުން އެންމެ އެކަށީގެންވާ ގޮތުގައި އެކަންކަން ނުކުރެވޭ ކަމަށާއި އަމިއްލަ ފަރާތަކާއި ހަވާލުކުރުމުގެ ބޭނުމަކީ ރަނގަޅު ފެންވަރެއްގައި ސްޓޭޑިއަމް ހިންގުން ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވީ މިހާތަނަށްވެސް ދެކެމުން އައީ ޒޯން ސްޓޭޑިއަމްގެ ހާލަތު ދަށްވެ އިމާރާތްތަށް ބާވަމުންދާތަން ކަމަށާއި ކައުންސިލާ ހަވާލުކޮށް ސްޓޭޑިއަމް ބިޑްކޮށްގެން ބަޔަކާ ހަވާލުކުރުމުން އެތަނުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރޭ ކުޅުދުއްފުށި ކައުންސިލް އިދާރާގައި އޮތް ރަސްމިއްޔާތުގައި ޒޯން ސްޓޭޑިއަމް ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރ ޙަސަން ލަތީފެވެ. ރަށު ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދު އެވެ.
މިރަސްމިއްޔާތުގައި މަތިއުތުރު ސަރަހައްދުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހުނައިފް އާއި ސްޓޭޓް ސެކްރެޓަރީ ހަސަން ޒިޔާދުގެ އިތުރުން ކުޅުދުއްފުށީގެ ކުލަބް ޖަމިއްޔާތަކުގެ މެމްބަރުން ބައިވެރިވިއެވެ.