– ކުދިން ވެއްދުމަށް 25 ޖާގަ ހުޅުވާލިއިރު އެތައްބަޔަކު ކިޔުގައި ޖެހިފައި އެބަތިބި.
އިބްރާހިމް ހަމީދު
2012ވަނަ އަހަރު އަފީފުއްދީން ސްކޫލަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގެ މަތިން 01 ޖެނުއަރީ 2012 ވަނައަހަރަށް 07 އަހަރު ނުފުރޭ އަދި މަރޗް މަހު 31 އާއި ހަމައަށް 06 އަހަރު ފުރޭ ކުދިން 2012 ވަނަ އަހަރުގެ ގްރޭޑް 1 އަށް ވެއްދުމަށްޓަކައި ހުޅުވާލައިފައި ވަނީ 25 ޖާގައެވެ. ނަމަވެސް އެތައް ބައިވަރު ބެލެނިވެރިންނެއް ވަނީ ޖާގަހޯދުމަށްޓަކައި އަފީފުއްދީން ސްކޫލުގައި ކިއުގައި ޖެހިފައެވެ.
ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވީ ފޯމް ދޫކުރަންފެށި އިރުވެސް 40 މީހުން ތިބިކަމަށާއި ދޫކުރެވޭނީ 25 ޖާގަކަމަށެވެ. އަދި އިތުރަށް ދެން ފޯރމް ބަލައެއް ނުގަނެވޭނެކަމަށާޢި އެހެން ނަމަވެސް ނަންނޯޓް ކުރެވެމުންދާނެކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
“މިވަގުތަށް މިސްކޫލުގައި އޮތީ ގްރޭޑް 01 ކަށް 25 ކުދިންގެ ޖާގަ. އިތުރަށް ކުދިން ނެގޭނީ އިތުރު ކްލާސް ރޫމް ސްކޫލަށް ލިބިގެން.” ޕްރިންސިޕަލް ވިދާޅުވިއެވެ.
ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ރައްޔިތުންގެ ތެރެއިން ނަން ހާމަކުރަންނޭދޭ މީހަކު ބުނީ 2011 ވަނަ އަހަރު ކުޅުދުއްފުށީގައި ބޭއްވި ކެބިނެޓް ބައްދަލުވުމަށް އެޑިޔުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވަނީ އަފީފުއްދީން ސްކޫލުގެ ކުލާސް ރޫމް އިމާރާތާއި ތަޢުލީމީ މަރުކަޒުގެ ހޯލް އިމާރާތުގެ ބިންގާާ އަޅުއްވާ ދެއްވާފައެވެ.
އެމީހާ އިތުރަށް ބުނީ “ބިންގާ އަޅުވައި ދެއްވުމަށް ފަހު މިނިސްޓަރ ޝިފާ ވިދާޅުވީ މިއަދު މިބިންގާ އެޅުނު އަފީފުއްދީން ސްކޫލުގެ ކުލާސް ރޫމް އިމާރާތާއި ތަޢުލީމީ މަރުކަޒުގެ ހޯލްގެ މަސައްކަތް ހުއްޓުމެއްނެތި ކުރެވުންދާނެކަމަށާއި ދެ އިމާރާތް އެޅުމަށް ފައިސާގެ ދަތިކަމެއްނެތްކަމަށް” ށެވެ. “މިއަހަރު ޖުލައި މަހު ދެއިމާރާތް ބިޑްކޮށްފައިވާ އިރު ދެމަސް ދުވަސް ވީއިރުވެސް އެސްކޫލުތަކުން އިމާރާތް ކުރަމުންނުދާކަން ފާހަކުރެވޭ.” ވަރަށް ހިތްހަމަ ނުޖެހި ހުރެ އެމީހާ ވާހަކަ ދެއްކިއެވެ.