އިބްރާހިމް ހަމީދު
ޖަލާލުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހުމައިދު އަލީ ހޮވައިފިއެވެ.
ހދ. ކުނބުރުދޫއަށް އުފަން ހުމެއިދު އަލީ ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ހުރިހާ މާއްދާއަކުން ޑިކްޓިންކްޝަން ހޯދުމުގެ އިތުރުން، ފިޒިކްސް އިން ދުނިޔޭގެ އެއްވަނަ ހޯދާފައެވެ. އަދި ރާއްޖޭގެ ޓޮޕްޓެންގެ އެއްވަނާގައިވެސް ހުމެއިދު ހިމެނިފައިވެއެވެ.
ޖަލާލުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމަށް ރޭ އެސްކޫލުގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފްވެރި ކޮށްދެއްވީ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރު ޑރ. އަލީ ޝަމީމެވެ. ޝަރަފްވެރި މެހެމާން ރަސްމިއްޔާތަށް ވަޑައިގެންނެވުމުން އެރައިވަލް ކޯލްއަށްފަހު ގައުމީ ސަލާމް ކުޅުނެވެ. ޖަލާލުއްދީން ސްކޫލުގެ ކެޑޭޓުން އެރުވި ގާޑް އޮފް އޮނަރ އެއް ޝަރަފްވެރި މެހްމާން އިންސްޕެކްޓް ކޮށްދެއްވިއެވެ.
ރޭގެ ޖަލްސާގައި ޑރ އަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި ޖަލާލުއްދީން ސްކޫލު ނިސްބަތްވާ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޅެން ވެރިޔާ ޖަލާލުއްދީންގެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކުފުޅު ދެއްކެވިއެވެ. މީގެ އިތުރުން ކޮންމެ ކުއްޖެއް އަދި ބެލެނިވެރިންނާއި ޓީޗަރުން ވެސް ސްމާރޓް މީހަކަށް ވާންޖެހޭ ކަމަށާއި ސްމާޓް މީހަކަށް ވެވޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލާ ވާހަކަފުޅުދެއްކެވިއެވެ.
އިތުރަށް ޝަރަފްވެރި މެހެމާން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އިންޓަނެޓާއި އިންފޯޓެއިންމަންޓް ގެ މިޒަމާނުގައި އެތަކެތީގެ ބޭނުން ހެޔޮގޮތުގައި ހިފަންވާނެކަމަށެވެ. އަދި ބެލެނިވެރިންވެސް އެކުދިން ކުރާކަންތައްތައް މޮނިޓަރ ކުރުމަށް ބާރުއެޅުއްވިއެވެ. އަދި އަހުލާގުގެ މުހިއްމުކަން ފާހަގަ ކުރައްވާ ކޮންމެ ކުއްޖަކީވެސް ފަސްމީރު ކުރިރުކެއްހެން ހުންނާނެ ކުއްޖަކަށް ވުމަށް ގޮވާލެއްވިއެވެ. އަދި ކޮންމެ ކުއްޖެއްވެސް ސޮފްޓް ސްކިލްސް ތަރައްގީ ކުރުމަށާއި ސެލްފް ލާނަރ އަކަށް ވުމުގެ އިތުރުން ސެލްފް ސްޓާޓަރ އަކަށް ވުމަށް ނަސޭހަތްތެރިވިއެވެ.
މިދިޔަ އަހަރު ސްކޫލު ހިނގައިދިޔަ ގޮތުގެ ރިޕޯޓު ރޭ ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު އިއްވައިދެއްވިއެވެ. ދަރިވަރުންގެ ތެރެއިން މޮޅު ނަތީޖާ ލިބޭ ކުދިންގެ ޢަދަދު ގިނަކުރަންޖެހޭކަމަށާއި، ސްކޫލްގެ ނަތީޖާތައް ދުވަހުން ދުވަހަށް ކުރިއަރައިގެންދާ ސަބަބުތައް ދެނެގަނެ، އެކަންކަމަށް، އިތުރަށް މަގުފަހިކުރަންޖެހޭކަމަށް، އަދި ތަޢުލީމީ ކާމިޔާބަކީ އަދި ނާކާމިޔާބަކީ ވަކި އެކެއްގެ ނުވަތަ އެއްބައެއްގެ ހިއްސާއަށްވުރެން މުޖްތަމައުގެ އެންމެހާ ފަރުދުންގެ ކަމެއްކަން ޕްރިންސިޕަލް ސައީދު އަހްމަދު ސްކޫލްގެ އަހަރީ ރިޕޯޓްގައި ފާހަގަކުރެއްވިއެވެ.
ރޭގެ ޖަލްސާގައި އެސްކޫލުގެ 143 ދަރިވަރަކު 414 އިނާމް ވަނީ ހާސިލް ކޮށްފައެވެ. 2010 ވަނަ އަހަރު ޖަލާލުއްދީން ސްކޫލުގައި 787 ކުދިން ކިޔަވާފައި ވެއެވެ.