ސަން މީޑިޔާ ގްރޫޕް އާއި ކުޅުދުއްފުށީ އޮންލައިންއާ ދެމެދު މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސަން މީޑިޔާ ގްރޫޕުގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެވުނު މި އެއްބަސްވުމަކީ، ކުޅުދުއްފުށީ އޮންލައިން އާއި ސަން މީޑިޔާ ގްރޫޕްގެ ފަރާތުން މައުލޫމާތު ހިއްސާކުރުމަށާއި މީޑިޔާގެ ދާއިރާގައި ދެފަރާތުން އެއްބާރުލުން ދިނުމުގެ މަގްޞަދުގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ. މިއެއްބަސްވުމުގައި ކުޅުދުއްފުށީ އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން އެޑިޓަރ މުޙައްމަދު އިސްމާޢީލް އެވެ. “ސަން” ގެ ފަރާތުން ސޮއި ކުރެއްވީ ސަން މީޑިޔާ ގްރޫޕުގެ ސީއީއޯ ސިނާން ޢަލީ އެވެ.
ކުޅުދުއްފުށީ އޮންލައިންގެ އިތުރުން “ލާމުއެޓޯލް ޑޮޓް ކޮމް” އަދި ޏ. ފުވައްމުލަކަށް ނިސްބަތްވާ “ކައްޓެޅި” ނޫހުންވެސް ސަން އާއެކު މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފައި ވެއެވެ.
“ސަން” އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީ އޮންލައިންގެ ކޮންޓެންޓް ބޭނުންކުރުމުގެ ހައްގު ސަން އަށް ލިބިދެއެވެ. އަދި ސަންގެ ހަބަރުތަކުގެ ތެރެއިން ކުޅުދުއްފުއްޓާއި ގުޅުންހުރި ހަބަރުތަކާއި ފޮޓޯތައް ބޭނުންކުރުމުގެ ހުއްދަ ކުޅުދުއްފުށީ އޮންލައިން އަށް ލިބޭނެއެވެ.
މި ރަސްމިޔާތުގައި ސަން މީޑިޔާ ގްރޫޕުގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ، މިއެއްބަސްވުމުގައި ސޮއިކުރެވުނު އޮންލައިން ނޫސްތަކަކީ، އަތޮޅުތެރޭގައި ހިންގަމުން އަންނަ އޮންލައިން ނޫސްތަކުގެ ތެރެއިން ތެދު މައުލޫމާތު ފަތުރާ އަދި ވަކި ފިކުރެއް ޕުރޮމޯޓް ކުރަން މަސައްކަތް ނުކުރާ މަދު ނޫސްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ އޮންލައިން ނޫސްތަކެއްގެ ކަމަށެވެ. އަދި ކުރިމަގުގައި ވެސް ހަބަރު ފެތުރުމުގައި ތެދުވެރި ވުމަށާއި ޕުރޮފެޝަނަލް މިންގަނޑުތަކެއް ހިފެހެއްޓުމަށް އޮންލައިން ނޫސްތަކުގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.
މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ސަން އިން ބޭއްވި ރަސްމިއްޔާތުގައި ސަން މީޑިޔާ ގްރޫޕުގައި ހިމެނޭ ސަން އޮންލައިންގެ ޗީފް އެޑިޓަރ ހިރިގާ އަހްމަދު ޒާހިރު އާއި ސަން އެފްއެމްގެ ސްޓޭޝަން އިންޗާޖު ޝިމްރީގެ އިތުރުން ސަން ގެ ބައެއް ނޫސްވެރިންނާއި އެތަނުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.