އިބްރާހީމް ހަމީދު
މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އާ ބެހޭ މައުލޫމާތު ދިނުމުގެ ދިނުމުގެ ބައްދަލުވުމެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުޅުދުއްފުށީގައި ބާއްވައިފި އެވެ.
ޖީއެސްޓީ އާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް މީރާއިން ކުރިއަށް ގެންދާ ގައުމީ ކެމްޕޭނުގައި، މިރޭ ކުޅުދުއްފުށީގައި ޖީއެސްޓީއާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުން އޮތީ ކުޅުދުއްފުށީ ތިލަ ދެކުނު ސިނަމާގައި އެވެ. މިބައްދަލުވުމުގައި ކުޅުދުއްފުށީގެ ވިޔަފާރިވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެފައި ވެއެވެ.
މިބައްދަލުވުމާއި ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން މީރާގެ އޮޑިޓް މެނޭޖްމަންޓް ސީނިއަރ އޮފިސަރ މަދީހު އަހްމަދު ވިދާޅުވީ މިބައްދަލުވުމަކީ، ޖީއެސްޓީ ގާނޫނުގައިވާ ކަންތައްތަކަށް އާންމުންނާއި ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށާއި މިބައްދަލުވުމުގައި ޖީއެސްޓީގެ މަގްޞަދުތަކާއި މިކަމުގައި ހުރި މައްސަލަތަކުގެ މައްޗަށް މައުލޫމާތު ދެވޭނެ ކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި ޖީއެސްޓީއަށް ޝަރުތު ހަމަވެ މިހާތަނަށް ރަޖިސްޓްރި ނުކުރާ ފަރާތްތައް ޖީއެސްޓީއަށް ރަޖިސްޓްރީ ކުރުމުގެ ޕްރޮގުރާމެއްވެސް ކުރިއަށް ދިޔައެވެ. އަދި މީރާގެ ބޭފުޅުން ކުޅުދުއްފުށީގައި ތިއްބަވާއިރު ކުޅުދުއްފުށީގައި ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރުމާއެކު އެފަރާތްތަކަސް ޖީއެސްޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކުޅުދުއްފުށިން ހަވާލުކުރާނެކަމަށް މަދީހު ވިދާޅުވި އެވެ.
“އަޅުގަނޑުމެން ކުޅުދުއްފުށިން ދާނީ ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ކޮށްދިނުމަށްފަހު އަދި ސެޓްފިކެޓް ވެސް ހަވާލުކޮށް ދިނުމަށްފަހު” މަދީހް އަހްމަދު ވިދާޅުވި އެވެ.
މިރޭ ތިލަ ދެކުނު ސިނަމާގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ސުން ރޭޓް ކަނޑައަޅާފައިވާ މުދަލާބެހޭ މައުލޫމާތާއި ޖީއެސްޓީ ހިސާބު ތައްޔާރުކުރާނެ ގޮތުގެ މައުލޫމާތު ދީފައިވެއެވެ.
މިރާއިން މައުލޫމާތު ދޭގޮތުގައި މިދަތުރުގައި ވިޔަފާރިކުރާ ތަންތަނުގައި ބޭނުންކުރަމުންދާ ސިސްޓަމްތައް އެބޭފުޅުން ބައްލަވާނެއެވެ. މިދަތުރުގައި ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅުގެ ހުރިހާ ރަށަކަށް ޖީއެސްޓީ އާ ބެހޭ މައުލޫމާތު ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް މީރާ އިން ބުނެއެވެ.