twitterviber whatsapp telegramfacebookyoutube instagram
20th September 2024

ކުޅުދުއްފުށީ ކެމްޕަސްގައި ފުރަތަމަ ފަހަރަށް ޑިގްރީ ކޯހެއް ފަށަނީ

Oct 6, 2011

.

– ހަތަރު ފެކަލްޓީއަކުން އާ ކޯސްތަކެއް ފަށާނެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީ (އެމްއެންޔޫ) ކުޅުދުއްފުށީ ކެމްޕަސްގައި ފުރަތަމަ ފަހަރަށް ބެޗްލަރސް ޑިގްރީ ކޯހެއް ފެށުމަށް ނިންމައިފިއެވެ.

އެމް.އެން ޔޫގެ ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ކުޅުދުއްފުށީގައި އަންނަ ޖެނުއަރީގައި ފެށުމަށް ހަމަޖެހިފައިވަނީ ބެޗްލަރ އޮފް އެޑިޔުކޭޝަން- ޕްރައިމަރީ ކޯހެވެ. ޕާޓްޓައިމްކޮށް ތޭރަހާސް ހަސަތޭކަ ރުފިޔާގެ ފީއަކަށް ހިންގާ މިކޯހުގެ މުއްދަތަކީ ހައަހަރުދުވަހެވެ. ކުޅުދުއްފުށީ ކެމްޕަސްގެ އިތުރުން ގދ. ތިނަދޫ އަދި ސ. ހިތަދޫ ކެމްޕަސްގައި ހިންގުމަށް ހަމަޖެހިފައިވާ މިކޯސްވެގެންދާނީ ރާއްޖެތެރޭގެ ކެމްޕަސްތަކުގައި ފަށާ ފުރަތަމަ ޑިގުރީ ކޯހަށެވެ.

ފެކަލްޓީ އޮފް އެޑިޔުކޭޝަން އިން އަންނަ ޖެނުއަރީގައި ކުޅުދުއްފުށީ ކެމްޕަސްގައި ފަށާ އިތުރު ކޯސްތަކަކީ، ޑިޕްލޮމާ އިން ޓީޗިން އިސްލާމް (ފުލްޓައިމް) ކޯހަކާއި މިހާރު ވެސް ކުރިއަށް ގެންދާ އިތުރު ދެކޯހެކެވެ.

އަންނަ ޖެނުއަރީގައި މުޅިން އަލަށް، ކުޅުދުއްފުށީ ކެމްޕަސްގައި، ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ފެކަލްޓީ އޮފް އެންޖީނިއަރިންގ ޓެކްނޮލޮޖީއިން ހިންގާ، ޑިޕްލޮމާ އިން މެކޭނިކަލް އެންޖިނިއަރިން ކޯހާއި، ދޮޅު އަހަރު ދުވަހުގެ މުއްދަތަށް ހިންގާ އެޑްވާންސްޑް ސެޓްފިކެޓް އިން ވެލްޑިންގް އެންޑް މެޓަލް ފެބްރިކޭޝަން ކޯސް ފާހަގަ ކުރެވެއެވެ.

މީގެ އިތުރުން މިއަހަރު އަލަށް ކެމްޕަސްގައި ކޯސްތައް ތަޢާރަފްކުރި ފެކަލްޓީ އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީގެ ފަރާތުން ވަނީ ސެޓްފިކެޓް ތުރީ އިން ޕޭސްޓްރީ އެންޑް ބެކަރީ ކޯހުގެ އިތުރުން މުޅިން އަލަށް ސެޓްފިކެޓް ތުރީ އިން ފްރޮންޓް އޮފީސް އޮޕަރޭޝަންސް ކޯހެއް ތަޢާރަފްކުރަން ނިންމާފައެވެ. މި ދެ ކޯހަކީވެސް އެއް ސެމެސްޓަރގެ މުއްދަތުގެ ކޯހެވެ.

ފެކަލްޓީ އޮފް ހެލްތު ސައެންސަސް އިން އަލަށް ފަށާ ކޯހަކީ ޑިޕްލޮމާ އިން ނާރސިން ކޮންވާޝަން އެވެ. މިއީ، ތިން ސެމެސްޓަރގެ މުއްދަތުގެ ކޯހެކެވެ. މީގެ އިތުރަށް، ތިން ސެމެސްޓަރގެ މުއްދަތުގެ ކޯހެއް ކަމަށްވާ، ޑިޕްލޮމާ އިން ޕްރައިމަރީ ހެލްތުކެއަރ ކޮންވަރޝަން- ތުރީ ވެސް އަންނަ ޖެނުއަރީގައި ފަށަންވަނީ ނިންމާފައެވެ.

މި އަހަރުގެ ފަހު ސިމެސްޓަރގައި ވެސް ވަނީ ކުޅުދުއްފުށީ ކެމްޕަސްގައި އާ ކޯސްތަކެއް ފަށާފައެވެ. އޭގެ ތެރޭގައި އެޑްވާންސްޑް ސެޓްފިކެޓް ފެންވަރުގެ ކޯސްތަކާއި ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355