.
– ކޮންމެ ތަނެއް ވެސް ކުރިއަރައިގެން ދަނީ އެތަނެއްގައި އުޅެމުންދާ މުވައްޒަފުން އެތަނެއް ކުރިއެރުވުމަށް ކޮށްދޭ މަސައްކަތުން – މާކެޓިންގ ޑިރެކްޓަރ މައުމޫން
އިބްރާހިމް ހަމީދު
ދިރާގުގެ 23 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ހުންނަ ދިރާގުގެ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ރޭ ހަފްލާއެއް ބާއްވައިފިއެވެ.
ދިރާގު އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ހަފްލާގައި ދިރާގުގެ ހިއްސާ އާއްމުކޮށް ރައްޔިތުންނަށް ވިއްކުމާއި ބެހޭގޮތުން މައުލޫމާތު ދެއްވުމަށް ވަޑައިގެން އުޅުއްވާ، ދިރާގުގެ މާކެޓިންގ ޑިރެކްޓަރ އަހުމަދު މައުމޫނާއި ސޭލްސް އެންޑް ކަސްޓަމަރ ސަރވިސް ޑިރެކްޓަރ އަލީ ރިޔާޒް ބައިވެރިވެލެއްވިއެވެ.
ދިރާގުގެ އެކި މުވައްޒަފުން ތަފާތު މުނިފޫހިފިލުވުމުގެ އައިޓަމްތައް ހުށަހަޅައިދިން ރޭގެ ހަފްލާގައި ޑިރެކްޓަރ މައުމޫން މުވައްޒަފުންނާއި މުހާތަބްކޮށް ވާހަކަ ދައްކަން ވިދާޅުވީ، ކޮންމެ ތަނެއް ވެސް ކުރިއަރައިގެން ދަނީ އެތަނެއްގައި އުޅެމުންދާ މުވައްޒަފުން އެތަނެއް ކުރިއެރުވުމަށް ކޮށްދޭ މަސައްކަތާއި ދޭހިދުމަތުގެ ސަބަބުންނެވެ. އަދި މިދިޔަ އަހަރުތަކާއި އަޅާ ބަލާއިރު މިހާރު ދިރާގު ހިދުމަތްތައް އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން އަންނަކަމަށާއި ދިރާގުގެ ތަފާތު ހިދުމަތްތައް ރާއްޖޭގެ ބާޒާރަށް ނެރެވި ކުޅުދުއްފުއްޓަށް ވެސް އެ ހިދުމަތްތައް ދެމުންދާކަމަށްވެސް ވިދާޅުވިއެވެ.
“ތްރީ ޖީގެ ހިދުމަތްވެސް ކުޅުދުއްފުއްޓަށް ލިބެމުންދޭ. އެއީވެސް ދިރާގުގައި ހިދުމަތް ކޮށްދެއްވަމުން ގެންދަވާ ހުރިހާ މުވައްޒަފުންގެ ބުރަ މަސައްކަތް. ހާއްސަކޮށް މިރީޖަންގެ ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުން ކުރާ ބުރަ މަސައްކަތުގެ ނަތީޖާކަމަށް.” މައުމޫން ވިދާޅުވިއެވެ.
މިހަފްލާގައި ކުޅުދުއްފުށީގައި އެންމެ ފުރަތަމަ ޓެލެފޯނުގެ ހިދުމަތް ފެށިގެން އައިގޮތުގެ މައްޗަށާއި ކުޅުދުއްފުށީ ސެންޓަަރަށް އައިސްފައި ހުރި ކުރި އެރުންތައް ފާހަގަކޮށް ވާހަކަ ދެއްކިއެވެ.
ދިރާގުގެ އަހަރީ ދުވަހަކީ އޮކްޓޫބަރު މަހުގެ 1 ވަނަދުވަހެވެ.