އިބްރާހީމް ހަމީދު
ކުޅުދުއްފުށީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މައްސަލާގައި އެއްވެސް ރައްޔިތަކާމެދު ހަޑިހުތުރު ބަހުން މުއާމަލާތު ކޮށްފައި ނުވާނެކަމަށް ކައުންސިލް މެމްބަރު އަހުމަދު އަލީ ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ދިހައެއް ޖަހާކަންހާއިރު ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ކުރިމަތީގައި، ކުޅުދުއްފުށީގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާ ހީލިއަމް ކޮންސްޓްރަކްޝަންގެ ވެރިޔާ ހާރޫނާއި ދިމާލަށް ހަޑިހުތުރު ބަހުން މުއާމަލާތު ކޮށްފައިވާ ކަމަށްބުނާ މައްސަލާގައި ކުޅުދުއްފުށީ އޮންލައިނާއި ވާހަކަ ދައްކަވަމުން ކައުންސިލް މެމްބަރު އަހުމަދު އަލީ ވިދާޅުވީ، ކައުންސިލު އިދާރާގެ ތެރެއިން އަހުމަދު އަލީ ނުކުތް ވަގުތު ހާރޫނު މުހައްމަދު އައިސް ބިދޭސީން ފޮނުވާލުމުގެ މަސައްކަތް މިހާރު ނުކުރަނީ ކީއްވެތޯ ހާރޫން ސުވާލު ކުރިކަމަށެވެ. އަދި ބިދޭސީން ފޮނުވާލުމުގައި ސީދާ ހާރޫނު މުހައްމަދަށް ޓާގެޓް ކޮށްގެން ކައުންސިލުން މަސައްކަތް ކުރަމުންދާކަމަށް ބުނެ ޒުވާބުކުރަން ފެށީ ހާރޫނު މުހައްމަދު ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
ކައުންސިލަރ އަހުމަދު އަލީ ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގައި ހީލިއަމް ކޮންސްޓްރަކްޝަންގެ ވެރިޔާ ހާރޫނު މުހައްމަދުގެ ގެއަށް ވަނީ ހުއްދަ ލިބިގެން ކަމަށާއި އަދި އެދުވަހު ހާރޫނު މުހައްމަދާ ވާހަކަ ދައްކަން ހުންނެވީ އޭނާގެ ގޭގެ ބޭރުގައި ކަމަށެވެ. އަދި އެތެރެއަށް ވަންނަން ޖެހިވަޑައިގަތީ ބޭރުން އައިސް ވަތް ބިދޭސީއެއް އެގޭގެ ތެރެއިން ނެރެންވެގެން ކަމަށް ކައުންސިލަރ އަހުމަދު އަލީ ވިދާޅުވި އެވެ.
“އަޅުގަނޑުކައިރީގައި ހާރޫނު މުހައްމަދު ބުނީ ކީއްވެހޭ އޭނާގެ ގެދޮރަށް ހުއްދަ ނުހޯދާ ވަނީ. އަޅުގަނޑު ބުނިން ހުއްދަދީގެންނޭ ވަނީ. ދެން ހާރޫނު މުހައްމަދު ބުނީ ހުއްދަ ނުހޯދައޭ ވަނީ. އެމައްސަލައިގައި ދައުވާ ކުރާނަމޭ. އެގޭދޮށަށް ދިޔައީ ކައުންސިލުން އަޅުގަނޑު އެކަންޏެއް ނޫން. ހާރޫނާއި ވާހަކަ ދެއްކީ ގެއިން ބޭރުގަ. އެގެއަށް ވަނީ ބޭރުން އައި ބިދޭސީއެއް ނެރެންވެގެން” ކައުންސިލް މެމްބަރު އަހުމަދު އަލީ ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން ހީލިއަމް ކޮންސްޓްރަކްޝަންގެ ވެރިޔާ ހާރޫނު މުހައްމަދު ވިދާޅުވީ މީގެ 2 ހަފްތާ ކުރިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޕްރޮގުރާމެއް ކުޅުދުއްފުށީގައި ހިންގިއިރު އޭނާގެ ގެދޮރަށް ބިދޭސީން ނެރެން ގަވައިދާ ހިލާފަށް ކައުންސިލް ބޭފުޅުން ވަދެފައިވާކަމަށެވެ. އަދި އޭގެ ފަހުން ދެހަފުތާ ވީއިރުވެސް ބިދޭސީން ހޯދުމުގެ އިތުރު އެއްވެސް މަސައްކަތެއް ކައުންސިލުން ކުރަމުން ނުގެންދާތީ ރޭގައި ކައުންސިލު ދޮށަށް ގޮސް ކައުންސިލް މެމްބަރު އަހުމަދު އަލީ އާއި ސުވާލުކުރި ކަމަށެވެ.
“އަޅުގަނޑު އަހްމަދާއި (ކައުންސިލް މެމްބަރު އަހުމަދު އަލީ) ސުވާލުކުރީ ކީއްވެގެންތޯއޭ އަޅުގަނޑުގެ ގެދޮރަށް ޕޮލިސްގެންނާށެ ނެރޭށޭ ގޮވަމުން ގަވައިދާ ހިލާފަށް ވަނީ. ދެން އަހްމަދު ބުނީ ކައުންސިލަރުންނަށް އެބާރު ލިބިގެންވާތީއޭ ވަނީ.” ހާރޫނު މުހައްމަދު ވިދާޅުވި އެވެ. “އެއޮތީ ވަދެފައޭ ހަދާނެ އެއްޗެއް ހަދާށޭ ކިޔައިގެން އަހްމަދު އަލީ ވަރަށް ހަޑި އިބާރާތުން ވާހަކަ ދެއްކީ”
މިމައްސަލާގައި ކައުންސިލް މެމްބަރު އަހުމަދު އަލީ ވިދާޅުވީ، ގަވާއިދާ ހިލާފަށް ބިދޭސީން ނުގެންގުޅޭނަމަ މިފަދަ މައްސަލަތައް ދިމާނުވާނެ ކަމަށެވެ. އެހެންނަމަވެސް މިމައްސަލާގައި ހާރޫނު ވިދާޅުވަނީ ހުއްދަ ނުހޯދައި އޭނާގެ ގެއަށް ވަތް މައްސަލަ މާދަމާ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.