އިބްރާހިމް ހަމީދު
އަފީފުއްދީން ސްކޫލުގެ 2010 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.
މިއަދު ހެނދުނު އަފީފުއްދީން ސްކޫލުގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް އާސިފް ރަޝާދެވެ. މިޖަލްސާގައި މިދިޔަ އަހަރު އެސްކޫލުގެ އެންމެ މޮޅު ދިހަ ދަރިވަރުން ހޮވާ އިނާމު ދީފައިވެއެވެ.
ކުޅުދުއްފުށީގައި ދެވަނަ އަށް ހުޅުވި ޕްރައިމަރީ ސްކޫލުގެ ފާއިތުވި އަހަރު ހުރިހާ ގޮތަކުން އެެންމެ މޮޅު ދަރިވަރުންނަށް ހޮވިފައިވަނީ، މުހައްމަދު އަރުޝަމް އަބްދުއް ރަޝީދު، އަހްމަދު އަބްދުﷲ، އަހްމަދު އަރީން އަލީ، ނަބީލް ހަސަން، މަޒީނާ މުހައްމަދު، ރައުފާ އާދަމް، އައިޝަތު ޝިފާ ހުސެއިން، އާމިނަތު އަމީލާ އަބްދުﷲ، ޝިބާ އަލީ އަދި ޝަހާނާ އަލީ އެވެ. ޖަލްސާގައި ވަނީ މިއިން ކޮންމެ ދަރިވަރެއް އެކާމިޔާބީ ހާސިލް ކުރުމަށް ކުރި މަސައްކަތްތަކާއި މުސްތަގްބަލްގައި ކުރިއަށް ދާންބޭނުންވާ ރޮނގުތަކާއި ބެހޭގޮތުން އެކުދިން ތައާރަފެއް ގެނެސްދީފައެވެ.
ޝަރަފްވެރި މެހެމާން ދެއްކެވި ވާހަކަފުޅުގައި އަފީފުއްދީން ސްކޫލް މި ހިސާބަށް ދިޔައީ ޓީމް ވޯކް ވަރުގަދަ ވެގެންކަމަށް ވިދާޅުވި އެވެ. އަދި އިލްމު އުނގެނެނީ ޓީޗަރުން ކުރައްވާ ބުރަ މަސައްކަތްތަކުން ކަމަށް ވިދާޅުވި އެވެ. އިމާމުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، މަންޒަރެއް ކުރެހީމާ އެމަންޒަރުގައި ކުލަޖައްސަނީ ޓީޗަރުންކަމަށާއި އަދި އެހިފަހައްޓައިދެނީ ބެލެނިވެރިން ކަމަށް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި 2010 ވަނަ އަހަރު އަފީފުއްދީން ސްކޫލު ހިނގައި ދިޔަ ގޮތުގެ ރިޕޯޓް އިއްވަވައި ދެއްވީ އެސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ އެވެ. އެ ރިޕޯޓުގައި ސްކޫލުގެ ދަރިވަރުން ހޯދަމުންދާ ކާމިޔާބުތަކުގެ މައްޗަށާއި ހުސްވި އަހަރު އެސްކޫލަށް ލިބުނު ބަޖެޓާއި ކުރެވުނު ހަރަދުތަކުގެ މައްޗަށް އަލިއަޅުވާލާ ވާހަކަފުޅު ދެއްކެވި އެވެ.
ޖަލްސާގައި އެކިއެކި ގްރޭޑްތަކުގެ ކުދިންނަށް އިނާމް ބައްސަވައި ދެއްވީ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ އާއި ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދާއި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޖަމްޝީދު މުޙައްމަދުގެ އިތުރުން ހދ.އަތޮޅުތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިބްރާހިމް މުހައްމަދުއެވެ. އަދި ހާއްސަ ވަނަތަކަށް އިނާމް ބައްސަވައި ދެއްވީ ޝަރަފްވެރި މެހެމާން އިބްރާހިމް އާސިފް ރަޝާދުއެވެ.