އިބްރާހިމް ހަމީދު
ކުޅުދުއްފުށީ ބަންޑާރަ މަގުގައި ދެސައިކަލު ޖެހި ދެމީހަކަށް އަނިޔާވެއްޖެއެވެ.
މިރޭ ދިހަގަޑި ބައިހާއިރު ކުޅުދުއްފުށީ ބަންޑާރަ މަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ ކުޅުދުއްފުށީ ފުރުންމާގެ އަލީ އަހްމަދަށާއި އެތުމާގެ އުއްމުކުލްސޫމް ދުއްވަން އިން ސައިކަލުގެ ފަހަތުގައި އިން އެނާގެ ކޮއްކޮ ސުމައްޔާ އިބްރާހިމަށެވެ. އެކްސިޑެންޓް ހިގަން މެދުވެރިވީ ބަންޑާރަމަގުން ދެކުނުން އުތުރަށް އެއްކޮޅަށް ދިޔަ ދެސައިކަލްގެ ތެރެއިން އެއް ސައިކަލް ނިކަގަސްމަގަށް އަޅަން އުޅުމުގެ ތެރޭގައި ފަހަތުން އައި ސައިކަލް އެ ސައިކަލްގައި ޖެހިގެންނެވެ.
އުއްމުކުލްސޫމް ދުއްވަމުން ދިޔަ ސައިކަލް ބަންޑާރަ މަގުން އުތުރަށް ގޮސް ނިކަގަސްމަގަށް އަޅަން އުޅެނިކޮށް ފަހަތުން އައިސް އަލީ އަހްމަދު ދުވަން އިން ސައިކަލް ޖެހުމުގެ ސަބަބުން ދެސައިކަލު ވެސް ކޮންޓްރޯލް ނުކުރެވިގެން ވެއްޓި ސުމައްޔާ އަށާއި އަލީ އަހުމަދަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. މިއެކްސިޑެންޓްގައި އަލީ އަހްމަދުގެ މޫނުމަތިންނާއި އެކިއެކި ތަންތަން މަށައިގެން ގޮސްްފައިވެއެވެ. އަދި ސުމައްޔާގެ އުނަގަނޑަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި ދެސައިކަލަށް ވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. އެކްސިޑެންޓް ވި މީހުންނަށް ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުއްމުކުލްސޫމްގެ އަތުގައި އޮތީ ވަގުތީ ލައިސަންސެކެވެ. އަދި އަލީ އަހްމަދުގެ އަތުގައި ދާއިމީ ލައިސަންސެއް އޮވެއެވެ. މިއެކްސިޑެންޓާއި ގުޅިގެން އަދި ވަނީ ފުލުހުންގެ ބަހެއް ލިބޭގޮތް ނުވެފައެވެ.