.
– އަލިފާނުގެ ހާދިސާގައި ވޭވް ސައިކަލެއް ވަނީ އަނދާ ހުލިވެފައި.
އިބްރާހިމް ހަމީދު
ކުޅުދުއްފުށީގައި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުން ތަކެއް ވެއްޖެއެވެ.
ރޭ އެގާރަގަޑި ސާޅީސް ފަހެއްހާ އިރު ކުޅުދުއްފުށީ ކަޅުފެހިގޭ ގެ ބައެއްގައި އަލިފާން ރޯވެ ވަރަށް ގިނަ ތަކެތި އަނދާ ހުލިވި ހާދިސާ ދިމާވިއިރު ގޭގެ ހުރިހާ މީހުންވެސް ތިބީ ނިދާފައެވެ. އަދި އަލިފާން ރޯވެގެން އުޅޭކަން އެނގުނީ އަވައްޓެރިންގެ މީހަކު “އަލިފާނޯ” ގޮވަމުން އައިސް ދޮރުގައި ޓަކިދިނުމުންކަމަށް ކަޅުފެހި ގެއިން ވާހަކަދެއްކި ނާއިލާ ކުޅުދުއްފުށީ އޮންލައިންއަށް ކިޔައިދިނެވެ.
“އޭރު ބޭރުން އައި މީހުން ފުލުހުންނަށާއި ފަޔަރއަށް ގުޅައިގެން އަލިފާން ގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިއަށްގެންދޭ. އަލިފާން ރޯވެފައިހުރީ ގެޔާއި ވަކިން ހުރި ފެންތާނގީގެ ކައިރީގައި ތަކެތި ބެހެއްޓުމަށް ހިޔާކޮށްފައިހުރި ތަނުގައި.” ނާއިލާ މައުލޫމާތު ދިނެވެ.
އެތަނުގައި ހުރި ވޭވްސައިކަލަކާއި ބައިސްކަލުތަކަކާއި އަދި ކަޅު ހަމެއްގެ އިތުރުން އިތުރުން ގުރާކޮށްޓެއް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.
މިހާދިސާ އާގުޅޭ ގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލް އަހްމަދު ޝިޔާމް ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިކަމާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށާއި މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ކަޅުފެހި ގޭގެ ފަރާތުން ވާހަކަ ދެއްކި ނާއިލާ ބުނެފައިވަނީ މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއްކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ނާއިލާ ވަރަށް އަސަރާއެކު މިނޫހަށް މައުލާމަތު ހިއްސާ ކުރަމުން ބުނީ އެގޭގައި ދިރިއުޅޭ އާއިލާގެ މެމްބަރުން މިއަދު ތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އަދި ލިބުނު ގެއްލުމުުގެ އަގު ދަންނަވަން ދަތި ކަމަށެވެ.
މިދިޔަ ހަފްތާގައި ވެސް ވަނީ ކުޅުދުއްފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.