އިބްރާހިމް ހަމީދު
ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްކައުޓުން ހުވާކުރުމުގެ ރައްމިއްޔާތު ރޭ އެސްކޫލު ގޯތި ތެރޭގައި ބާއްވައިފިއެވެ.
ރޭ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްްވި ސްކައުޓުން ހުވާ ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މަތިއުތުރު ސަރަހައްދުގެ އެޑިޔުކޭޝަން ޔުނިޓްގެ ސްޕްރިންޑެންޓް އިބްރާހިމް ރަޝީދުއެވެ. މިރަސްމިއްޔާތުގައި 28 ކަބް ސްކައުޓުންނާއި 21 ސްކައުޓުންވަނީ ހުވާކޮށްފައެވެ.
އަދި 14 ޕްރޮފިސެންސީ ބެޖް ހޯދައިގެން ފުރަތަމަ ފަހަރަށް ޖަލާލުއްދީން ސްކޫލު ގުރޭޑް އަށެއްގައި ކިޔަވަމުންދާ ކުޅުދުއްފުށީ ބަންޑޮސްމާގެ އައިމަން އިބްރާހިމްއާއި އަދި ވެންކޫވަރ މުހައްމަދު އިބްރާހިމްއާ ޝޭސް ހަވާލުކުރެވިފައެވެ.
މިރަސްމިއްޔާތުގައި ޝަރަފްވެރިމެހެމާން ދެއްކެވި ވާހަކަފުޅުގައި ސްކައުޓްގެ ބާނީ ބޭޑިން ޕަވަލްގެ ހަޔާތުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި ކޮންމެ ކުއްޖަކުވެސް ސްކައުޓް ހަރަކާތުގެ ބާނީ އެދެއްކެވި ނަމޫނާ ބަލައިގެން ކުރިއަށްދާކަމުގައި ވަނީނަމަ ކާމިޔާބު ލިބޭނެ ކަމަށާއި އަދި މައިންބަފައިންނަށް އެހީތެރިވެ މައިންބަފައިގެ ބަސްއަހައިގެން ކުރިއަށް ދިއުމަށް ނަސޭހަތްތެރިވި އެވެ.
ރޭ ހުވާކުރި ދަރިވަރުންނަށް ހުވާލާދެއްވީ ސްކައުޓް ލީޑަރު ޝަހީދާ ހަސަންއާއި އަހްމަދު އަބްދުﷲ އެވެ. 04 ވަނަ ނޯތުކެމްޕޮރީގައި ބައިވެރިވި ސްކައުޓުންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް މުހައްމަދެވެ. އެވޯރޑްތަކާއި ޝޭސް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރިމެހެމާނެވެ. ރަސްމިއްޔާތު ނިމިގެންދިޔައީ ސްކައުޓުންގެ ބޮޑުބެރު ހަރަކާތަކުންނެވެ.