އިބްރާހިމް ހަމީދު
ކުޅުދުއްފުށީގެ ބިން ވިއްކުމާ ދެކޮޅު ހެދުމުގެ ގޮތުންނާއި ކުޅުދުއްފުށި ޑެވެލޮޕްމަންޓް ކޯޕަރޭޝަނަށް ބިން ރަޖިސްޓްރީ ކުރުމާއި ދެކޮޅަށް ކުޅުދުއްފުށީގައި އެއްވުމެއް ބާއްވަން ތައްޔާރު ވަމުން އެބަދެއެވެ.
ކުޅުދުއްފުށީގެ އާންމުންގެ ބަޔަކު އިސްނަގައިގެން ބާއްވަން އުޅޭ މިއެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ (އާދީއްތަ) ދުވަހުގެ ހެނދުނު ކައުންސިލް އިދާރާގެ ކުރިމަތީގައި ކަމަށް އެފަރާތްތަކުން ބުނެއެވެ.
މި އެއްވުން ރާވާ ކޮމެޓީގެ މީހެއް ކަމުގައިވާ އިބްރާހިމް އަހްމަދު ބުނެފައިވަނީ، ކުޅުދުއްފުށި ކަހަލަ އާބާދީ ބޮޑު ރަށެއްގައި އޮންނަ ބިމެއް ވިޔަފާރި އުސޫލުން ވިއްކައިފިނަމަ މުސްތަގުބަލުގައި އަންނަން އޮތް ޖީލުގައި ބިން ބޭނުން ހިފަން ތިބި ކުޅުދުއްފުށީ ރައްޔިތުންނަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށެވެ. އަދި ކުޅުދުއްފުށީގެ ބިން ވިއްކަން ކޯޕަރޭޝަނުން ނިންމުމާއި ގުޅިގެން އަދި ކޯޕަރޭޝަނަށް ބިން ރަޖިސްޓްރީ ކުރަން ނިންމުމާއި ގުޅިގެން ކުޅުދުއްފުށީ ރައްޔިތުންނާއި ޒުވާނުންގެ ކަންބޮޑުވުން މިކަމުގައި އެބައޮތްކަމަށް އިބްރާހިމް އަހްމަދު ބުންޏެވެ.
“ކުޅުދުއްފުށީ ޑެވޮލޮޕްމަންޓް ކޯޕަރޭޝަނުން ވިއްކަން ނިންމާފައިވާ ކުޅުދުއްފުށީގެ ބިމަކީ ވިއްކޭނެ ބިމެއްނޫން. ކޯޕަރޭޝަނަށް އެބިން ރަޖިސްޓްރީ ކުރެވޭނެކަމަށް ވެސް ކުޅުދުއްފުށީ ރައްޔިތުން ގަބޫލެއް ނުކުރަން. މިހާރުވެސް 1600 އަށް ވުރެ ގިނަ ރައްޔިތުން ގެދޮރު ނެތިގެން ގެދޮރު ހޯދުމަށް ފޯމު ލާފައިވާއިރު އެއްވެސް ކުއްޖަކަށް ގޯތި ލިބިފައެއް ނުވޭ.” ސަރުކާރު ސިޔާސަތާ ދެކޮޅަށް އަޑުއުފުލާ ގުރޫޕުގައި އިސްކޮށް އުޅޭ އިބްރާހިމް ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން އިބްރާހިމް ބުނިގޮތުގައި، ސަރުކާރުގެ އިސްބޭފުޅުން ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ދަތުރެއްގައި ކުޅުދުއްފުށީގެ ތަރައްގީއަށް ކުރައްވާ ހުރިހާ މަސައްކަތެއް ގެންދަވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޤަފޫރު މުސާގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ނަމަވެސް އަބްދުލް ޤަފޫރު މޫސާއަށް ކުޅުދުއްފުށީގެ ބިން ވިއްކަން ޑެވެލޮޕްމަންޓް ކޯޕަރޭޝަން ހައްދަވައިގެން އުޅުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.
އާދީއްތަ ދުވަހުގެ އެއްވުމަށް ފަހުވެސް މިކަމަށް ހައްލެއް ނުގެނެވިއްޖެނަމަ ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅައިގެންވެސް ކުޅުދުއްފުށީގެ ރައްޔިތުންނަށް ބިން ލިބޭނެ ގޮތަކަށް މަސައްކަތް ކުރައްވާނެ ކަމަށް މުޒާހަރާ ރޭވުމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން މައުލޫމާތު ދެއެވެ.