މިހާރު ކުރިޔަށްދާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ރޭ ކުޅެވުނު މެޗުތަކުން ގައުމީ އިދާރާއާއި ރަށު ކައުންސިލް މޮޅުވެއްޖެއެވެ.
ރޭގެ ފުރަތަމަ މެޗުގައި ގައުމީ އިދާރާ މޮޅުވީ ޖަލާލުއްދީން ސްކޫލާއި ބައްދަލުކޮށް 2-8 ކުންނެވެ. މިމެޗުގެ ހަތްވަނަ މިނެޓްއާއި ދިހަ ވަނަ މިނެޓްގައި ގައުމީ އިދާރާގެ އާދަމް މުހައްމަދު ވަނީ ދެގޯލް ޖަހައި އެޓީމަށް ކުރިހޯދާ ދީފައެވެ. ނަމަވެސް ޖަލާލުއްދީން ސްކޫލުން އަބްދު ﷲ އާދަމް ވަނީ ސޯޅަ ވަނަ މިނެޓްގައި ގޯލެއް ޖަހައި އުއްމީދު އާކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގައުމީ އިދާރާގެ އަސްލަމް މުހައްމަދު ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ.
ދެވަނަ ހާފުގައި ގައުމީ އިދާރާ ފެނިގެންދިޔައީ ޖަލާލުއްދީން ސްކޫލުގެ ޓީމަށް ހިފަހައްޓައި ލެވޭވަރަށް ވުރެ ވަރުގަދަކޮށެވެ. މިހާފުގައި އެޓީމުން ވަނީ ގޯލަކަށްފަހު ގޯލެއްޖަހައި ޖަލާލުއްދީން ސްކޫލް ލަދު ގަންނަވާލާފައެވެ. އެޓީމުގެ އަސްލަމް މުހައްމަދު ވަނީ މިހާފުގައި ތިން ގޯލު ޖަހާފައެވެ. މިހާފުގައި އާދަމް މުހައްމަދު އިތުރު ގޯލެއް ޖެހިއިރު މުހައްމަދު އާދަމް ވެސް ވަނީ ގޯލެއް ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގައުމީ އިދާރާއަށް 4 ގޯލު ކާމިޔާބު ކޮށްދިން އަސްލަމް މުހައްމަދެވެ. މިމެޗުގައި ޖަލާލުއްދީން ސްކޫލުގެ ހުސެއިން އަލީ އަށާއި އިބްރާހިމް ރަޝީދަށް އަދި ގައުމީ އިދާރާގެ މުހައްމަދު އާދަމް އަށް ރީދޫ ކާޑު ދެއްކިއެވެ.
ރޭގެ ދެވަނަ މެޗުގައި ރަށު ކައުންސިލް މޮޅުވީ މޯލްޑިވްސް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން އަތުން 1-0 ކުންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ރަށު ކައުންސިލްގެ ފާރޫގު މުހައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ މައުރޫފް އާދަމްއެވެ.
މިމުބާރާތުގައި މިރޭ ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހޮސްޕިޓަލް އާއި ކަސްޓަމްސް އެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ތައުލީމީ މަރުކަޒާ ފެން ކުންފުންޏެވެ.