އަބްދުލް ވާހިދު ޙަސަން
ކުޅުދުއްފުށީގެ ފަޅުތެރެއިން ހިއްކާފައިވާ ބިމުން، ބިން ވިއްކުމާއި ދެކޮޅު ހެދުމުގެ ގޮތުން ކުރި މުޒާހަރާ ގައި ރައްޔިތުން ސޮއިކޮށް ކައުންސިލަށް ހުށަހަޅާފައިވާ ކަންތައްތަކަށް އެދެވޭ ޖަވާބެއް ނުލިބިއްޖެ ނަމަ ރައްޔިތުން އެކަމަށް ތަރުހީބު ދޭވަރަކުން މެދުނުކެނޑި މުޒާހަރާ ކުރުމުގައި ދެމިތިބޭނެ ކަމަށް މުޒާހަރާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރި ރަޝާދު ޙަސަން ވިދާޅުވެއްޖެއެވެ.
މުޒާހަރާ ކުރި ދުވަހުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ކައުންސިލުން ޖަވާބެއް ދޭނެކަމަށް ބުނެފައި ވުމުން، އުއްމީދު ކުރަނީ ކޮންކަހަލަ ޖަވާބަކަށްތޯ ކުޅުދުއްފުށީ އޮންލައިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރަޝާދު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ފަދަ ޖަވާބެއް ކައުންސިލް އިން ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
“އެޖަވާބަކީ އެބިން ވަކި ފަރާތަކަށް ރަޖިސްޓްރީ ނުކޮށް ކައުންސިލްގެ ބެލުމުގެ ދަށުގައި (ކައުންސިލްގެ މިލްކެއްގެ ގޮތުގައި) ބިން އޮންނާނެ ކަމަށް.” ރަޝާދު ވިދާޅުވިއެވެ.
ރަޝާދު ވިދާޅުވީ، ރަށު ކައުންސިލް ކުރިމައްޗަށް ނުކުމެ ޝުއޫރު ފާޅުކުރުމަށް ނިންމީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އެބިން ކުޅުދުއްފުށީ ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ ދަށަށް ރަޖިސްޓްރީ ކޮށްދިނުމަށް އެދި އެކުންފުނީގެ ފަރާތުން ކައުންސިލްއަށް ސިޓީއެއް ލާފައިވާތީ އެކަން ނުކުރުމަށް ކައުންސިލްއަށް ގޮވާލުމަށެވެ. އަދި ރާއްޖޭގެ އެހެން ހިސާބު ތަކުގައިވެސް ސަރުކާރުން ހިއްކާފައިވާ ބިންތައް ހުރިއިރު، އެންމެ ފަހުން ކުޅުދުއްފުށިން ހިއްކި ބިން ކޯޕަރޭޝަން އެއް ހަދާ އެކުންފުނީގެ މައްޗަށް ރަޖިސްޓްރީ ކުރެވިދާނެ ކަމަށް ގަބޫލު ނުކުރާކަމަށްވެސް ރަޝާދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަމުން ރަޝާދު ވިދާޅުވީ، މުޒާހަރާގެ ތެރޭގައި ބައެއް މީހުންނަށް އަނިޔާ ވެފައިވާ ކަމަށާއި އެމައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ މައްސަލަ ބަލާ ކޮމިޓީ އަށާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންއަށް މިހާރު ހުށަހަޅާފައި ވާކަމަށެވެ.
މުޒާހަރާގައި އަނިޔާވި ބައެއް މީހުން ވަނީ ހޮސްޕިޓަލްއަށް ގެންގޮސް ފަރުވާދީފައެވެ.