އަބްދުލް ވާހިދު ޙަސަން
ކުޅުދުއްފުށީގެ ފަޅުތެރެއިން ހިއްކާފައިވާ ބިމުން، ބިން ވިއްކުމާއި ދެކޮޅު ހެދުމުގެ ގޮތުން ސުލްހަވެރި އެއްވުމެއްގެ ނަމުގައި ބޭއްވި މުޒާހަރާގައި ހިނގާދިޔަ ބައެއް ކަންތައްތަކާއި މެދު ހިތާމަ ކުރަން ޖެހޭކަމުގައި ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު ކުރެވުނު މުޒާހަރާ އާއި ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖަމްޝީދު ވިދާޅުވީ، ކޮންމެ ރައްޔިތަކަށް ވެސް ގާނޫނު އަސާސީން ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައި ކަމަށާއި، އެހެނަސް އެދުވަހު ކަންތައްތައް ހިނގާދިޔަ ގޮތާއި މެދު ހިތާމަ ކުރާ ކަމަށެވެ.
“އެދުވަހު ކަންތައްތައް ވެގެން ދިޔަ ގޮތާއި މެދު ހިތާމަ ކުރަން. ރައްޔިތުންގެ ތެރެއިން އެއްވެސް ބަޔަކަށް އަނިޔާ ވުމަކަށް ނޭދެން.” މަޑުމައިތިރި މިޒާޖެއް ގެންގުޅުއްވާ ޖަމްޝީދު ވިދާޅުވިއެވެ.
މުޒާހަރާގެ ބައިވެރިން އެދުނު ގޮތަށް 3 ވަނަ އަށް ވާދުވަހު ޖަވާބެއް ދޭނެކަމަށާއި މިހާރުވެސް ކަމާބެހޭ އިސް ފަރާތްތަކާއި މަޝްވަރާ ކުރަމުން ދާކަމަށްވެސް ޖަމްޝީދު ވިދާޅުވިއެވެ.
ބިމުގެ މައްސަލާގައި ކައުންސިލް އިދާރާ ކުރިމައްޗަށް ބަޔަކު އެއްވެ ކުރި މުޒާހަރާ ވަނީ ހޫނު ވެގެން ގޮސްފައެވެ. އަދި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި މެދު ކުރިމަތިލުން ތަކެއް ވެސް ވަނީ ހިނގާފައެވެ. މުއުތަބަރު ފަރާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިމަތިލުން ތަކުގެ ތެރޭގައި ކައުންސިލްގެ މެމްބަރެއްގެ ގަޔަށްވެސް މުޒާހަރާގެ ބައިވެރިޔަކު އަތް އެއްލާފައި ވެއެވެ. އަދި ކައުންސިލްގެ މެމްބަރުންނަށާއި މުޒާހަރާގެ ބައެއް ބައިވެރިންނަށް އެކިވަރު އަނިޔާތައްވެސް ވަނީ ލިބިފައެވެ.
މުޒާހަރާ ނިމިގެން ދިޔައިރު ރަށު ކައުންސިލް އިދާރާގެ ބައެއް މުދަލަށްވެސް ވަނީ ގެއްލުން ލިބިފައެވެ. މިގޮތުން ކައުންސިލް އިދާރާގެ ގޭޓް ލައިޓްތައް ތެޅިފައި ވުމާއި، އުތުރު ފަރާތު ގޭޓް ހަލާކުވެފައި ހުރުން ފާހަގަ ކުރެވެއެވެ.
މީގެ ހަތަރު އަހަރު ކުރިން ވެސް ވަނީ ރައްޔިތުންގެ ބަޔަކު ނުކުމެ ކައުންސިލް އިދާރާ ހިޞާރު ކޮށްފައެވެ. އެފަހަރު އެކަމުގައި އިސްކޮށްއުޅުނީ މިހާރު އެމްޑީޕީ ގެ ކުޅުދުއްފުށީ ގޮފީގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކެވެ. ނަމަވެސް 2 ދުވަސް ވަންދެން އޮފީސް ހިޞާރު ކޮށްފައި ހުރިކަމުގައި ވިޔަސް އެއްވެސް ހަމަނުޖެހުމެއް އެފަހަރު ހިނގާފައެއް ނުވެއެވެ.