ކުޅުދުއްފުށީގެ ފަޅުތެރެއިން ހިއްކާފައިވާ ބިން ނުވަތަ “ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ޒޯން” ވަނީ ކުޅުދުއްފުށީ ޑެވެލޮޕްމަންޓް ކޯޕަރޭޝަންއާ ސަރުކާރުން ހަވާލުކޮށްފައި ކަމަށް އެކޯޕަރޭޝަން އިން ބުނެފިއެވެ.
ކުޅުދުއްފުށީ ޑެވެލޮޕްމަންޓް ކޯޕަރޭޝަން އިން މިއަދު ނެރުނު ނޫސްބަޔާނުގައި ހާމަކޮށްފައި ވަނީ، ކުޅުދުއްފުށި ޑިވެލޮޕްމަންޓް ޒޯން ދިވެހި ސަރުކާރުން ކުޅުދުއްފުށި ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ހދ. ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ދަތުރުފުޅުގައި 29 ސެޕްޓެމްބަރ 2011 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ކަމަށެވެ. އަދި އެކޯޕަރޭޝަން އުފެއްދި އެންމެ މައިގަނޑު މަގުޞަދަކީ އެބިން ތަރައްގީ ކުރުން ކަމުގައިވެސް އެނޫސްބަޔާނުގައި ހާމަކޮށްފައި ވެއެވެ.
އެނޫސް ބަޔާނުގައި ހާމަކޮށްފައި ވާގޮތުން ޑިވެލޮޕްމަންޓް ޒޯން ތަރައްޤީ ކުރެވޭނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓާއި ހދ. ކުޅުދުއްފުށި ރަށު ކައުންސިލާ ގުޅިގެން ތައްޔާރު ކޮށް ފާސްކޮށްފައިވާ ބިން ބޭނުން ކުރުމުގެ ޕްލޭނާ އެއްގޮތަށެވެ. އަދި ޑިވެލޮޕްމަންޓް ޒޯންގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަޙައްދުގައި ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އެކިއެކި ވަސީލަތްތައް ޤާޢިމު ކުރުމާއި އިޤްތިޞާދީ މަސައްކަތްތައް ހިންގުމަށާއި ތަފާތު ވިޔަފާރިތަކުގެ ބޭނުންތަކަށް އަދި ވިޔަފާރިތަކަށް އެހީތެރިވާނެ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބިން ކަނޑައެޅިފައި ވާނެ ކަމަށާއި، ހަމައެއާއެކު ދިގުމުއްދަތުގައި އަގުއަދާކުރާގޮތަށް ދިރިއުޅުމަށް ފްލެޓް ތަރައްޤީ ކުރުމާއި ގޯތީގެ ގޮތުގައި ވިއްކުމަށް ހަމަޖެހިފައިވާ ބިން ވެސް ހިމެނިފައި ވާނެކަމަށް އެނޫސްބަޔާނުގައި ވެއެވެ.
“ކުޅުދުއްފުށި ޑިވެލޮޕްމަންޓް ޒޯނުގެ ސަބަބުން ހދ. ކުޅުދުއްފުށި އިތުރަށް ތަރައްޤީވެ، ކުޅުދުއްފުށީގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް އިތުރު ކުރިއެރުން ލިބިގެން ދާނެކަމުގައި މިކުންފުނިން ދެކެމެވެ.” މެނޭޖިންގ ޑިރެކްޓަރ ޞާލިހް ހުސައިން ސޮއި ކުރަށްވާފައި ނެރެފައިވާ އެނޫސްބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
ކުޅުދުއްފުށީގެ ހިއްކި ބިމުން ގޯތި ވިއްކުމަށް ކުޅުދުއްފުށީ ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު ވަނީ އިއުލާނު ކޮށްފައެވެ. މިކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ކުރިމަތީގައި މިދިޔަ އާދީއްތަ ދުވަހު ވަނީ މުޒާހަރާއެއް ކޮށްފައެވެ.