ކުރިމަގު
މައުޟޫ ފެށުމުގެ ކުރިން، މާލެ ސިޓީގެ މޭޔަރ މައިޒާން އަލިބެ މިއަހަރުގެ ޖޫންމަހު ކުޅުދުއްފުށީ އޮންލައިން އަށް ދެއްވި ބަސްދީގަތުމަކާ ގުޅިގެން މިނޫހުގައި ޖަހާފައިވާ ހަބަރަށް ކިޔުންތެރިއަކު ކޮށްފައިވާ ކޮމެންޓް އަޅުގަނޑު މިތަނުގައި ނަކަލު ކޮށްލާނަމެވެ.
ނަލަ މުހައްމަދުގެ ނަމުގައި ކޮމެންޓް ކުރެއްވި އެ ކިޔުންތެރިޔާ ބުނެފައިވަނީ “”ކުޅުދުއްފުށި ފަދަ ރަށަކުން ލިބެންޖެހޭ ފެންވަރަށް” މި، މަ މި ކިޔާއެއްޗަކީ. ބޮޑުރަށް ކަމުގަ ދައުވާކުރަންޏާ ބޮޑުރަށުގެ މަސްއޫލިއްޔަތު އެހެން ރަށްރަށް ކުރިމަތީގަ ނަގަންޖެހޭނެ. ކުޅުދުއްފުއްޓަށް ކުޅުދުއްފުށި ކަހަލަ ދިގު ނަމެއް ކިޔަނީ ވަކި ކަމެއްވެ. އެކަން އެބަ ޖެހޭ ހަނދާނުގަ ބަހައްޓަން.”
މައުޟޫ ތިލަ ކޮށްލުމުގެ ގޮތުން އެހަބަރުގައި ވާ ލިޔުންކޮޅުވެސް މިތަނުގައި ނަކަލު ކޮށްލަމެވެ.
“މީގެ އިތުރުން މުބާރާތަށް ކުޅުދުއްފުއްޓަށް އައި އެހެނިހެން ރަށްރަށުގެ ސްކޫލުތަކުގެ އޮފިޝަލުންގެ މައިގަނޑު ޝަކުވާއަކީވެސް މިއަހަރުގެ މުބާރާތުގައި އެކަށީގެންވާ ވަރަށް އެފަރާތްތަކަށް އެހީތެރިވެފައި ނުވާ މައްސަލައެވެ. އަދި ކުޅުދުއްފުށީގައި ތިބުމުގެ އިންތިޒާމާ މުބާރާތުގެ އިންތިޒާމުތައްވެސް ކުޅުދުއްފުށި ފަދަ ރަށަކުން ލިބެންޖެހޭ ފެންވަރަށް ލިބިފައި ނެތްކަން ފާހަގަކުރިއެވެ.”
މިއީ މިއަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި ބޭއްވި އިންޓަރ ހައުސް އެތްލެޓިކްސް މުބާރާތާބެހޭ ގޮތުން އެތްލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މައިޒާން އަލިބެއާ އަދި އެމުބާރާތުގަިއ ބައިވެރި ސްކޫލުތަކުގެ އޮފިޝަލުންގެ މައިގަނޑު ޝަކުވާ އެވެ. “ކުޅުދުއްފުށި ފަދަ ރަށަކުން” މި އިބާރާތް އެބޭފުޅުން ގެންނަވަން ޖެހޭ ސަބަބާމެދު ދިރާސާކޮށްލުން މުހިއްމު ކަމެއްކަމުގައި ދެކެމެވެ.
އަދި ދާދި މިދާކަށް ދުވަހު ކުޅުދުއްފުށީގައި ބޭއްވި ބޮޑު އިވެންޓެއް ވިލަރެސް ކުރުމުގައި އިސްކޮށް އުޅުނު ބޭފުޅަކު އަޅުގަނޑާ ހިއްސާކުރި ވާހަކަ ކޮޅެއްވެސް މިތަނުގައި ނަކަލު ކޮށްލަމެވެ.
“ކުޅުދުއްފުށި ކަހަލަ ރަށަކުން އަޅުގަނޑު ހީކުރިވަރާ ގާތަށްވެސް ސަޕޯޓެއް ނުލިބޭ. ރަށުގެ ޖަމިއްޔާތަކަށް ދައުވަތު ދީގެން ބައްދަލުވުމެއް ބޭއްވިން. އެބައްދަލުވުމުގައި އެހަރަކާތައް އެހީތެރިވުމުގެ ގޮތުން ޖަމިއްޔާތަކަށް ކުރެވިދާނެ ކަންތައްތަކުގެ ލިސްޓެއް އަޅުގަނޑު އެމީހުންނަށް ދިނިން. ފަހުން ހަބަރެއް ނުވި. އެތަނުން ކޮންމެވެސް ޖަމިއްޔާއަކުން އަޅުގަނޑަށް ގުޅާފަ ބުނީ ފައިސާގެ ކަންތައްތައް އޮތީ ކިހިނެތްހޭ؟ މީ ލިބުނު ސަޕޯޓަކީ ޖަމިއްޔާތަކުން”
އެހަރަކާތަކީ ކުޅުދުއްފުށީގެ ކުރިމަގަށްޓަކައި މުހިއްމު ހަރަކާތެކެވެ. އަދި އަތޮޅުތެރޭގެ ރަށެއްގައި އެންމެ ފުރަތަމަ ފަހަރަށް އެހަރަކާތް ބޭއްވީވެސް ކުޅުދުއްފުށީގައެވެ. ދައުލަތުގެ ކަމާބެހޭ ވުޒާރާއިން ކުޅުދުއްފުށީގައި އެހަރަކާތް ބާއްވަން ނިންމި ބޭނުން ހާޞިލުވި ކަމާމެދު ސުވާލު އުފެދެއެވެ.
އަސްލު މައުޟޫ ފަށަމާ ހިންގަވާށެވެ. ކުޅުދުއްފުއްޓަކީ ރާއްޖޭގެ ނިސްބަތުން ބިޔަ، ބޮޑު އަދި ހާއްސަ ދަރަޖައެއް ލިބިފައިވާ ރަށެކެވެ. އެއީ، ކުޅުދުއްފުށީގެ ރައްޔިތުން އަމިއްލަ އަށް ދީގެން އުޅޭ ދަރަޖައެއް ނޫނެވެ. އެއީ، އަވަށްޓެރި ރަށްރަށުގެ ރައްޔިތުންނާއި ރާއްޖޭގެ އެކިކަންކޮޅުތަކަށް ނިސްބަތްވާ ރައްޔިތުން ދީފައިވާ ދަރަޖައެކެވެ. އަދި، އެމީހުން ކުޅުދުއްފުށި ސިފަ ކުރާ ގޮތެވެ. ކަންމިހެން އޮތުމާއެކު ރާއްޖޭގެ ފެންވަރުގައި ބާއްވާ މުހިއްމު ހަރަކާތްތަށް ކުޅުދުއްފުއްޓާއި ދިމާއަށް މިވަނީ މިސްރާބު ހިފާފައެވެ. އެތްލެޓިކްސް މީޓާއި ޔޫތް ޗެލެންޖް އަދި ކެބިނެޓް ބައްދަލުވުން ފަދަ އެތައް ހަރަކާތެއް ކުޅުދުއްފުށީގައި ބާއްވަމުން އެބަގެންދެއެވެ.
ކުޅުދުއްފުށީގައި މިފަދަ ހަރަކާތްތަކަށް ހިންގަން ބޭނުންވާ ފަރާތްތަކުގެ ލޯ އެންމެ ފުރަތަމަވެސް އަމާޒުކުރެވެނީ ކުޅުދުއްފުށީގެ ޖަމިއްޔާތަކަށެވެ. ޖަމިއްޔާތަކުގެ އެއްބާރުލުން ހޯދުމުގެ ބޭނުމުގައި އެވެ. ރަށު މީދާ ރަށަށް ގަދަވާނެޔޭ ބުނާ ބީދައިން ރަށުން ބޭރު މީހުން ފުރަތަމަވެސް ހޯދާނީ ރަށު “މީދަލެކެވެ”. އެހެންނަމަވެސް، ކުޅުދުއްފުށީގައި ބާއްވާ މުހިއްމު ހަރަކާތްތަކުގައި ކުޅުދުއްފުށީގެ ޖަމިއްޔާތަކުންނާއި އަދި މިހާރު އުފެދިފައިވާ ރަށު ކައުންސިލުގެ ފަރާތުން އެދެވޭ ތަރުހީބެއް ލިބެމުން ނުދާ ވާހަކަ ދައްކަނީ ހަމައެކަނި އަޅުގަނޑެއް ނޫނެވެ.
ރަށު ކައުންސިލުގެ އެއްބާރުލުން މިފަދަ ހަރަކާތްތަކަށް އެދެވޭ ގޮތެއްގައި ލިބެމުން ނުދާކަމަށް ގިނަ ބަޔަކު ބުނެއެވެ. މުހިއްމު ތާރީޚީ ހަރަކާތެއް ހިންގަން އެންމެ ފަހުން ކުޅުދުއްފުއްޓަށް ދިޔަ ގްރޫޕުގެ ބައިވެރިއަކު އެވާހަކަތައް އަޅުގަނޑާއި ހިއްސާކުރި އެވެ. އޭނާ ބުނާގޮތުން ނަމަ އެމީހުން ކުޅުދުއްފުށީގައި އުޅެން ޖެހުނީ ކުޅުދުއްފުއްޓަށް އަރުވާލާފައި ތިބޭ ބަޔަކު އުޅޭނެ ގޮތަށެވެ. ސަރުކާރުގެ ރަސްމީ ކަމެއް ކުރަން ދިޔަ ބަޔަކަށް ރަށު ކައުންސިލުން އެހީތެރިކަން ނުދިނުމުގެ ސަބަބުން ރަށުތެރޭގައި “ސަލާން ޖަހަން” އުޅޭ ބައެއްގެ ގޮތުގައި އެމީހުން އުޅެންޖެހުނު ކަމަށް އެގްރޫޕުގެ ބައިވެރިއަކު ބުނިއެވެ.
މިއީ ސިޓީއަކަށް ބަދަލުވުމުގެ މަގުމަތީގައި އޮތް ކުޅުދުއްފުށީގެ ރައްޔިތުން ވިސްނާލުން މުހިއްމު ކަންތައްތަކެކެވެ. ރައްޔިތުންނާއި ކުޅުދުއްފުށީގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް އުފައްދާފައިހުރި ޖަމިއްޔާތަކުން ވިސްނުން ގެންގުޅެންޖެހޭ މުހިއްމު ކަމެކެވެ. ރައްޔިތުންގެ ކަންކަން ހިންގުމަށް އެބައިމީހުންގެ ވޯޓުން ހޮވާފައިވާ ރަށު ކައުންސިލުން ކަނުލާ އަޑުއަހާ ވިސްނުންތެރިކަމާއެކު ކުރިމަތިލާންޖެހޭ ކަންތައްތަކެކެވެ. ނަން މަޝްހޫރު ބޮޑު ބިޔަ ރަށަކާމެދު އެހެން ރަށްރަށުގެ މީހުން ދެކޭ ގޮތާއި ކުރާ އުއްމީދުތައް ކުދިކުދި ރަށްރަށާއިމެދު ކުރާ އުއްމީދުތަކަށްވުރެ މަތި ވާނެކަން އަބަދުމެ ސިކުނޑީގައި ހަރުލައްވާ ބަހައްޓަން ޖެހެއެވެ.