.
އިބްރާހިމް ހަމީދު
ކުޅުދުއްފުށީ ރައްޔިތުންގެ ބިމާމެދު މިހާރު އަމަލު ކުރަމުންދާ ގޮތުން ރައްޔިތުން ކަންބޮޑުވަމުންދާ ކަމަށް ޕީޕީއެމްގެ ވަގުތީ ކައުންސިލްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ޔާމީން މިހެން ވިދާޅުވީ، ޕީޕީއެމް އަށް މެމްބަރުން ހޯދުމަށާއި އެޕާޓީގެ ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް ތިލަދުންމަތީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ޔާމީންގެ ވާހަކަފުޅުގައި ކުޅުދުއްފުށީގެ ބިމަކީ ކުޅުދުއްފުށީގެ ޒުވާން ޖީލުތައް އާރާސްތު ކުރުމަށާއި އެބިމުން މަންފާ ހޯދުމަށްޓަކައި ކާބަފައިން މިއަދުގެ ޖީލާ ހަމައަށް ގެނެސްދީފައިވާ ތަރިކައެއް ކަމަށް ވިދާޅުވި އެވެ. އަދި އެތަރިކައަކީ މުސްތަގުބަލުގެ ޖީލުތަކާހަމައަށް ފޯރުކޮށްދޭންޖެހޭ ތަރިކައެއް ކަމަށް ވިދާޅުވި އެވެ.
” ކުޅުދުއްފުށީގެ ބިމަކީ ކުޅުދުއްފުށީގެ ޒުވާން ޖީލް އާރާސްތު ކުރަން އޮތް ބިމެއް” ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ދެއްކެވި ވާހަކައިގައި ކުޅުދުއްފުށީގެ ތަރައްޤީއަށް ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނެއް އުފެއްދުމަކީ ރަނގަޅުކަމެއްކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް ކުޅުދުއްފުށީގެ ބިން އެކުންފުންޏަށް ހިބަކޮށް ދީފައި އޮންނަ އެސެޓެއްގެ ގޮތުގައި ނުވަތަ ކުންފުނީގެ ރައުސުލްމާލެއްގެ ގޮތުގައި އެކުންފުންޏަށް މިލްކު ކޮށްދީފައި އޮންނަ ބިމެއްކަމަށް ވެއްޖިއްޔާ އެއީ ކުޅުދުއްފުށީގެ ޒުވާނުންނާއި ހަރުމީހުން އަދި އަންނަން އޮތް ޖީލުތަކާ ދޭތެރޭ ޝައުގުވެރިކަން ހުންނަ މީހުން ވިސްނަން ޖެހޭކަމެއް ކަމަށް ވިދާޅުވި އެވެ.
“ކުޅުދުއްފުށި ތަރައްގީ ކުރަން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނެއް އުފެދުމަކީ ރަގަޅުކަމެއް. އެހެންނަމަވެސް ކުޅުދުއްފުށީގެ ހިއްސާއޮވެ އެއަށްވުރެ ބޮޑު ހިއްސާއެއް ސަރުކާރުންއޮވެ އުފައްދާފައިވާ ކޯޕަރޭޝަނުގެ ރައުސްމާލް އުފައްދަން މިދެނީ ކުޅުދުއްފުށީގެ ބިންކަމަށް ވަންޏާ އަދި އެބިމަކީ ލޭންދޭނުގެ އުސޫލުން އެކުންފުންޏަށް ދީފައިވާ އޮތް ބިމަކަށްނުވެ އެބިމަކީ އެކުންފުންޏަށް ހިބަކޮށްދީފަ އޮންނަ އެސެޓްގެގޮތުގައި ރައުސްމާލެއްގެ ގޮތުގައިދޭ މިލްކެއްކަމަށް ވަންޏާ އެއީ ކުޅުދުއްފުށީގެ ޒުވާނުންނާއި ހަރުމީހުން، އަންނަން އޮތް ޖީލްތަކާ ދޭތެރޭގައި ޝައުގުވެރިކަން ހުރި ފަރާތްތަކުން ވިސްނަންޖެހޭނެ ކަމެއް. ކުޅުދުއްފުށީގެ ބިމާއިދޭތެރޭގައި ކުޅުދުއްފުށީގެ ރައްޔިތުންގެ ތިޔަ ކަންބޮޑުވުން އަޅުގަނޑުމެން މިއަދު ބަލައިގަންނަންޖެހޭ” ޔާމީން ވިދާޅުވި އެވެ.
ކުޅުދުއްފުށީ ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން ކުޅުދުއްފުށީގައި އަލަށް ހިއްކާފައިވާ ސަރަހައްދުން ބީލަމުގެ އުޞޫލުން ބިން ވިއްކުމާދެކޮޅަށް ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ކުރަމުންގެންދާ ދެކޮޅު ހެދުންތަކަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ވަގުތީ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ލާމަރުކަޒީ އުޞޫލުގެ ދަށުން ބިމުގެ މައްސަލަތަކާއި ގޯތި ދޫކުރުންފަދަ ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ހޯދަންޖެހޭ ކަމަށެވެ. އަދި މުހިއްމު ބޮޑެތި ކަންކަން ނިންމާއިރު ފަންނީ މީހުންގެ ލަފާ ހޯދަންޖެހޭ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ރޭ ކުޅުދުއްފުށީ ތިލަ ދެކުނު ސިނަމާގައި ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފްވެސް ވާހަކަ ދައްކަވާފައިވެއެވެ. އަދި މީގެ އިތުރުން ކުޅުދުއްފުށީގެ ބައެއް ރައްޔިތުންނާއި މަޝްހޫރު ފިލްމީ ތަރި މަނިކު ވެސް އެޖަލްސާގައި ވާހަކަ ދެއްކެވި އެވެ.
ރޭގެ ޖަލްސާގައި ކުރިން ޑީއާރުޕީގައި އިސްކޮށް އުޅުނު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރި ވެފައި އެވެ. ރޭގެ ޖަލްސާގައި ކުޅުދުއްފުށިން ސޮއިކޮށްފައިވާ 700 އެއްހާ ފޯމް ޕީޕީއެމްއާ ހަވާލުކޮށްފައި ވެއެވެ. އަދި ރޭގެ އެބައްދަލުވުމުގައިވެސް ޕީޕީއެމް އަށް ވަނުމަށް ފޯމު ފުރުން ކުރިއަށް ގެންގޮސްފައި ވެއެވެ.