.
އިބްރާހިމް ހަމީދު
ނޫމަޑި ކޮމްޕެނީން ކުޅުދުއްފުށީގައި މިހާރު އިމާރާތް ކުރަމުން ގެންދާ 40 ރޯހައުސްގެ މަސައްކަތް ފެބުރުއަރީ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެކޮމްޕެނީގެ ކޮންޓްރެކްޓަރ އައިލެންޑް އެކްސްޕާރޓުން ބުނެފިއެވެ.
ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެމުން ނޫމަޑި ކޮމްޕެނީގެ ކޮންޓްރެކްޓަރ، އައިލެންޑް އެކްސްޕާޓްގެ ސީއީއޯ އަނާން ވިދާޅުވީ ކުޅުދުއްފުށީގައި އަޅާ ގެތަކުގެ ތެރެއިން ފުރަތަމަ 40 ގޭގެ މަސައްކަތް ތިން މަސްދުވަހުގެ ތެރޭގައި މުޅިން ނިންމާ ލެވޭނެއެވެ. އަދި ގެތައް އިމާރާތް ކުރުމުގެ މަސައްކަތް ތިންމަސް ދުވަހުގެ ތެރޭގައި ނިންމުމަށް ފަހު އެސާޅީސްގެ ހަވާލު ކުރެވޭނެ ކަމަށާއި މިއިން ކޮންމެ ގެއެއް ނިމޭއިރު ހުންނާނީ ތިންކޮޓަރީގެ އެޕާޓްމަންޓެއްގެ ގޮތުގައި ކަމަށް އަނާން ވިދާޅުވިއެވެ.
އިތުރަށް މަޢުލޫމާތު ދެއްވަމުން އަނާން ވިދާޅުވީ މަސައްކަތް ކުރާނެ އިތުރު މީހުން ގެނެސްގެން މިހާރު ވަރަށް ބާރަށް މަސައްކަތް ކުރިއަށްދާ ކަމަށާއި، މިއެޕާޓްމަންޓްތައް ވިއްކާނީ ހައުސިންގ މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ކަމަށް ވިދާޅުވިއެވެ.
ނޫމަޑި ކުންފުނިން ކުޅުދުއްފުށީގައި ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އެވެ. ހައުސިން ޔުނިޓް އެޅުމުގެ ޕްރޮޖެކްޓްގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 200 ހައުސިން ޔުނިޓްގެ މަސައްކަތް ފެށި ތާރީހުން ފެށިގެން ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.