.
މުހައްމަދު އިސްމާއިލް އަދި އަބްދުލް ވާހިދު ހަސަން
ބޭސް ސިޓީއަށް ބަދަލުގެނެސް އޮޅުވާލައިގެން ބިލް ކުރަމުންދާތީ އެލައިޑް އަދި މަދަނަ އިން ކުޅުދުއްފުށީ އަލިފަރު ބޭސް ފިހާރަ އާއެކު ހަދާފައިވާ އެއްބަސްވުން މެދުކަނޑާލައިފި އެވެ.
އަލިފަރު ބޭސްފިހާރައިން މަދަނައިގެ ހިދުމަތް މެދުކަނޑާލާފައިވާ ކަން އެންސްޕާގެ ޗެއާރމަން އިބްރާހީމް ވަހީދުވެސް ވަނީ ކަށަވަރު ކޮށްދެއްވާފައި އެވެ. އެންސްޕާގެ ޗެއަރމަން އިބްރާހީމް ވަހީދު ވިދާޅުވީ، އެފިހާރިން ފައިސާއަށް ކްލެއިމް ކުރާއިރު ޑޮކްޓަރުން ލިޔެދީފައިވާ ބޭސް ސިޓީއަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރެވިގެން އެމައްސަލަ މިހާރު އެފަރާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި މިކަމުގައި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ގޮސްފައިވާނަމަ އެފަރާތަކާމެދު ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
“އަޅުގަނޑުމެން މިހާތަނަށް ބެލިބެލުމުން އެއް މައްސަލައަކަށް އެބަހުރި ފާހަގަކުރެވިފަ 74 ހާސް ރުފިޔާއަށް ކްލެއިމް ކޮށްފައި އިންއިރު އޭގެތެރެއިން 34 ހާސް ރުފިޔާއަކީ މިދެންނެވި ގޮތަށް ބޭސް ސިޓީއަށް ބަދަލުގެނެސްގެން އިތުރުކޮށްފައިވާ ފައިސާކަން” އިބްރާހީމް ވަހީދު ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން އަލިފަރު ބޭސްފިހާރައިގެ ވެރިފަރާތް ކަމުގައިވާ އަލީ ހުސައިން އަށް ގުޅާލުމުން ވިދާޅުވީ، ބިލްތަކާއި ބޭސް ސިޓީތަކުގައި މައްސަލަތަކެއް ހުރުމުގެ ސަބަބުން ވަގުތީގޮތުން ހިދުމަތް ކަނޑާލާފައި ވާކަމަށް މިއަދު އެންސްޕާއިން ގުޅާފައި އަންގާފައި ވާކަމަށެވެ. އަދި މިކަމަށް ހައްލެއް ގެނެވޭތޯ އެންސްޕާއާއެކު މަޝްވަރާ ކުރަމުން ދާކަމަށް ވިދާޅުވިއެވެ. އަދި ގަބޫލު ކުރެވޭ ގޮތުގައި މިފަދަ ކަމެއް ހިނގާފައި މިވަނީ ބޭސް ދޫކުރަން ތިބޭ މުވައްޒަފުންގެ އިހުމާލުން ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.
އެންސްޕާގެ އިތުރުން އެލައިޑް އިންޝްއަރެންސް ކުންފުނިންވެސް އެފިހާރަ މެދުވެރިކޮށް ހިދުމަތް ދިނުން ހުއްޓާލާފައިވާ ކަން އެކުންފުނިން ވަނީ މިނޫހަށް ކަށަވަރު ކޮށްދެއްވާފައި ވެއެވެ.