twitterviber whatsapp telegramfacebookyoutube instagram
20th September 2024

ކަނޑިތީމުގައި ހުންނަ ދިރާގު ސައިޓުގައި އަލިފާން ރޯވެ އެންމެ އުތުރުގެ ތިން އަތޮޅުން މުވާސަލާތީ ހިދުމަތްތައް މެދުކެނޑިއްޖެ

Oct 28, 2011

ށ. ކަނޑިތީމުގައި ހުންނަ ދިރާގު ސައިޓުގައި ރޭ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑު ތިލަދުންމަތީގެ ތިން އަތޮޅު ކަމަށްވާ ހއ ހދ ށ އަތޮޅުން ދިރާގުންދޭ މުވާސަލާތީ ހިދުމަތްތައް މެދުކެނޑިއްޖެ އެވެ.

ށ. ކަނޑިތީމުގައި ހުންނަ ދިރާގުގެ ސައިޓުގައި ރޭ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު އެސައިޓުގައި ހުރި ހުރިހާ އެއްޗެއްހެން ވަނީ އަނދައިގެން ގޮސްފައި އެވެ. ދިރާގުން މައުލޫމާތު ދީފައިވާ ގޮތުގައި ރޭ ފަތިހު ހިނގި މިހާދިސާއާ ގުޅިގެން ދިރާގުގެ ހާއްސަ ޓީމެއް މިހާރު ދަނީ އެރަށަށް ގޮސް އަލުން ހިދުމަތް ދޭން މަސައްކަތް ފަށާފައި އެވެ.

ރޭ ކަނޑިތީމުގައި ހުންނަ ދިރާގު ސައިޓުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ ކަނޑިތީމުގެ ރައްޔިތުންނާއި އެމްއެންޑީއެފް ނޯދަން އޭރިޔާގެ ސިފައިންނެވެ. އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި އަލިފާނުގެ ހާދިސާގެ ހަބަރު ނޯދަން އޭރިޔާގެ ސިފައިންނަށް ލިބުމާއެކު އެރަށަށް ސިފައިން ދިޔައިރު ރައްޔިތުން ނުކުމެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އަލިފާންގަނޑު އެއްކޮސް ނިއްވާލެވިފައިވަނީ މޫދަށް ހޮޅި ގުޅައިގެން ޕަމްޕު ބޭނުންކޮށްގެން ކުރި މަސައްކަތުން ރޭ ފަތިހު 5:15 ހާއިރު ކަމަށެވެ.

މިއަދުގެ ވަގުތެއްގައި އަލުން މުވާސަލާތީ ހިދުމަތްތައް ދެވެން ފެށޭނެ ކަމަށް ދިރާގުން ބުނެފައި ވެއެވެ. އެހެންނަމަވެސް އަލުން ހިދުމަތް ދެވެން ފެށޭނެ ވަކި ގަޑިއެއް ދިރާގުން ހާމަކޮށްފައެއް ނުވެއެވެ.

ރޭ ފަތިހު މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާއިރު ރޭ އެސައިޓުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި ކަނޑިތީމު ރައްޔިތުންނާއި އެމްއެންޑީއެފްގެ ފަރާތުން ކުރެއްވި މަސައްކަތަށް ދިރާގުން ޝުކުރުއަދާ ކޮށްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355