.
އިބްރާހިމް ހަމީދު
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ “ފަހި ދުވަސް 2011” ކުޅުދުއްފުށީ ކެމްޕަހުގައި މިއަދު ހަވީރު ފަށައިފި އެވެ.
ފަހި ދުވަސް 2011 އާ ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރު އަދި އެސިސްޓެންޓް ލެކްޗަރާ އިބްރާހިމް ފައިސަލް ވިދާޅުވީ ފަހި ދުވަސްގެ ނަމުގައި ދުވަހެއް ފާހަގަކުރުމުގެ މަގްޞަދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީން 2012 ވަނަ އަހަރު ފަށަން ގަސްދުކުރާ ކޯސްތަކާބެހޭ މަޢުލޫމާތު ދިނުން ކަމަށެވެ. އޭގެ އިތުރުން ކޯސްތަކަށް އެޕްލައިކުރާ ފަރާތްތަކަށް ފަސޭހަ ގޮތެއްގައި ފޯމްތައް ހުށަހެޅުމުގެ އިންތިޒާމު ފަހިކުރުމަކީވެސް މިދުވަސް ފާހަގަކުރުމުގެ ބޭނުމެއްކަމަށް ފައިސަލް ވިދާޅުވި އެވެ.
ފަހި ދުވަހުގެ ނަމުގައި ކުރިއަށްދާ ދެދުވަހުގެ ޕްރޮގުރާމުގައި ކޯސްތަކުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމްތައް ފުރުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު ފޯމް ބަލައިގަތުމާއި ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ ހިލޭ ނަގައިދޭގޮތަށް ވަނީ ހަމަޖެހިފައި އެވެ.
އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ކުޅުދުއްފުށީ ކެމްޕަހަށް ފޯމް ހުށަހަޅާ ފަރާތްތަކަށް ކުޅުދުއްފުށީ ކެމްޕަހުން ޖަވާބު ލިބޭނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
ކުޅުދުއްފުށީ ކެމްޕަހުގައި މިހާރު ކުރިއަށްދާ ކޯސްތަކުގެ އިތުރުން 2012 ވަނަ އަހަރު ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކޮނޮލޮޖީން ފަށާ މެކޭނިކަލް އިންޖިނިއަރިންގެ ޑިޕްލޮމާ ކޯހަކާއި، އެޑްވާންސް ސެޓްފިކެޓް ލެވެލްގެ ވެލްޑިން އެންޑް ސީޓް މެޓަލް ކޯހަކާއި، އިސްލާމިކް ސްޓަޑީޒް ފެކަލްޓީ އިން ހިންގާ އިސްލާމް މުދައްރިސުން ތަމްރީން ކުރާ ކޯހެއް ހިމެނެއެވެ. އަދި އޭގެ އިތުރުން ފެކަލްޓީ އޮފް ހޮސްޕިޓަލްޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އިން ހިންގާ ސެޓްފިކެޓް 3 ގެ ފްރަންޓް އޮފީސް ކޯހަކާއި މުޅިން އަލަށް ޓީޗިންގ ދާއިރާގެ ޑިގްރީ ކޯހެއް ފަށާނެ ކަމަށް ކުޅުދުއްފުށީ ކެމްޕަހުން މައުލޫމާތު ދެއެވެ. އެކޯސްތަކުގެ ތެރެއިން ޓީޗިން ދާއިރާއިން ޑިގްރީ ފެންވަރަށް ކިޔަވައިދޭ ކޯހުގައި މިހާރު ޓީޗަރުންގެ ގޮތުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ފަރާތްތަކަށް އެވަޒީފާގައި ތިއްބަވައިގެން ކޯހުގައި ކުރިއަށް ދެވޭނެކަމަށް ޔުނިވަރސިޓީން މައުލޫމާތު ދެއެވެ.
ކުޅުދުއްފުށީގައި ހުންނަ ކެމްޕަހުގައި މިއަހަރު ހިންގަމުން އައި ކޯސްތައް އަންނަ އަހަރުވެސް ހިންގާގޮތަށް ހަމަޖެހިފައިވާއިރު އަންނަ އަހަރު ހިންގާ 17 ކޯހަކަށް 400 ކުދިންގެ ޖާގަ އޮތްކަމަށް ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރ ފައިސަލް ވިދާޅުވި އެވެ.
މިއަދު ފެށި ފަހި ދުވަސް ޝަރަފުވެރި ކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒްއެވެ. މިކޯސްތަކާއި ބެހޭ ގޮތުން މަޢުލޫމަތުު ދެއްވަނީ އެކި ފެކަލްޓީތަކުގެ ކަމާބެހޭ ބޭފުޅުންނެވެ.