twitterviber whatsapp telegramfacebookyoutube instagram
20th September 2024

އެމް.އެން.ޑީ.އެފް. ނޯދަން އޭރިއާއާ ގުޅިގެން ކުރިއަށްދާ ކަބް ސްކައުޓުންގެ ސްވިމިންގ ޕްރޮގްރާމް ވަރަށް ކާމިޔާބު: އޭއީސީ

Oct 30, 2011

.

ހާޝިމް އަބޫބަކުރު

އެމް.އެން.ޑީ.އެފް ނޯދަން އޭރިއާ ގެ އިސްނެގުމުގެ މަތިން ހދ. އޭއީސީ އާއި ގުޅިގެން އެސްކޫލްގެ ކަބް ސްކައުޓްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމަށް މިމަހުގެ 21 އިން 30 ގެ ނިޔަލަށް ހިންގާ ސްވިމިންގ ޕްރޮގްރާމް ވަރަށް ކާމިޔާބުކަމަށް އެ ސްކޫލުން ހާމަކޮށްފިއެވެ.

އޭއީސީގެ ގްރޭޑް 3 ގެ ކަބް ސްކައުޓްގެ 28 ދަރިވަރަކު ބައިވެރިވާ މި ސްވިމިންގ ޕްރޮގްރާމްގެ ނަތީޖާ ވަރަށް ރަނގަޅުކަމަށާއި ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ސަޕޯޓާއި ދެތެރޭގައި ވެސް ވަރަށް ހިތްހަމަޖެހޭކަމަށް އޭއީސީގެ ޕްރިންސިޕަލް އަލްފާޟިލް އިބްރާހީމް މުޙައްމަދު ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. ޕްރިންސިޕަލް އިތުރަށް ވިދާޅުވިގޮތުގައި އެ ސްކޫލުން ދަނީ އަންނަ އަހަރުން ފެށިގެން މިފަދަ ޕްރޮގްރާމްތަކެއް ގްރޭޑް 5 އިން ދަށުގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގުމަށް ވިސްނަމުންނެވެ.

މި ސްވިމިންގ ޕްރޮގްރާމްގައި އިންސްޓަރަކްޓަރއެއްގެ ގޮތުން އެންމެ އިސްކޮށް ހަރަކާތްތެރިވާ އެމް.އެން.ޑީ.އެފް. ނޯދަން އޭރިއާގެ ޓްރެއިނިންގ އެންޑް އޮޕަރޭޝަންސް ގެ އެންސީ އިންޗާޖެއްގެ ގޮތުގައި ހުންނެވި ސްޓާފް ސަރޖަންޓް އިބްރާހިމް އަލީ ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި، މި ޕްރޮގްރާމަކީ ކަބް ކައުޓް ކުދިން ބްރޮންޒް އެރޯ ހާސިލްކުރުމަށް އޮންނަ ފެތުމުގެ ބައި ފުރިހަމަކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން އެކުދިންނަކީ ފަތަން ދަސްކޮށްދެވޭ މިންގަނޑުކަމަށް ބަލާ 25 މީޓަރަށް ފަތަން އެނގޭ ކުދިންކަމުގައި ހެދުމަށް ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އިންސްޓްރަކްޓަރުންގެ ގޮތުގައި އެމް.އެން.ޑީ.އެފް ގެ 4 ބޭކަލުންނާއި ލައިފް ގާޑުންގެ ގޮތުގައި އޭއީސީގެ 2 ބޭފުޅުން މަސައްކަތްކުރައްވަމުން ގެންދަވާއިރު، މި ޕްރޮގްރާމްގެ ލަނޑުދަނޑި ވަރަށް ކާމިޔާބުކަމާއިއެކު ހާސިލް ވަމުން އަންނަކަމަށް ސްޓާފް ސަރޖަންޓް އިބްރާހިމް އަލީ ވެސް ވިދާޅުވިއެވެ. ކުރިއަށް އޮތް ތާނގައި މި ސަރަޙައްދުގެ ސްކޫލްތަކާއި ގުޅިގެން މިފަދަ ޕްރޮގްރާމްތައް ހިންގުމަށް އެމް.އެން.ޑީ.އެފް އިން ތައްޔާރަށް ތިބި ކަމަށްވެސް ސްޓާފް ސަރޖަންޓް އިބްރާހިމް އަލީ އިތުރަށް ވިދާޅުވިއެވެ.

މީގެ ކުރިން މިފަދަ ޕްރޮގްރާމެއް ހއ. މޮޅަދޫ ރައްޔިތުންނަށާއި މޮޅަދޫ ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެމް.އެން.ޑީ.އެފްގެ ފަރާތުން ހިންގާފައިވާ އިރު، ސްވިމިންގ އެސޯސިއޭޝަނުން ޤަބޫލުކުރާ ފެންވަރުގެ 9 ސްވިމިންގ އިންސްޓަރަކްޓަރުންވެސް އެމް.އެން.ޑީ.އެފް އިން މޮޅަދޫގައި ވަނީ ތަމްރީނުކޮށްފައެވެ. މީގެ އިތުރުން އޭއީސީގެ ސްކައުޓް ކުދިންގެ ފަސްޓް ކްލާސް ސުވިމިންގ ބެޖް ހާސިލްކޮށްދިނުމަށް ޓަކައި މިދިޔަ އަހަރުގެ ތެރޭގައި ވެސް ސްވިމިންގ ޕްރޮގްރާމްއެއް ވަނީ އެމް.އެން.ޑީ.އެފް ގެ ފަރާތުން ހިންގާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355