twitterviber whatsapp telegramfacebookyoutube instagram
20th September 2024

ނޮޅިވަރަމުން ގޯތި ދޫކުރުމާބެހޭ އެއްވެސް ކަމެއް ނުކުރުމަށް އެރަށު ކޯޓުން އަމުރުކޮށްފި

Oct 31, 2011

ހދ ނޮޅިވަރަމުން ގޯތި ދޫކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ހދ ނޮޅިވަރަމް މުހައްމަދު ކަމާލް، އެރަށު ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ނޮޅިވަރަމުން ގޯތި ދޫކުރުމުގައި ބިމާބެހޭ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ފުށުއަރާގޮތަށް އަދި ލާމަރުކަޒީ ގާނޫނާވެސް ހިލާފަށް ނޮޅިވަރަމުން ގޯތި ދޫކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ އެކަން ހުއްޓުވައި ދިނުމަށެވެ.

މި މައްސަލައިގައި ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ނެރެފައިވާ ވަގުތީ އަމުރުގައި ބުނެފައިވަނީ ކޯޓުން އެމައްސަލައިގައި ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ގޯތި ދޫކުރުމާބެހޭ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކަށް އަމުރުކުރާ ކަމަށެވެ.

ހދ ނޮޅިވަރަމުން ގޯތި ދޫކުރުމުގައި ދިމާވި ޚިޔާލު ތަފާތުވުމަކާއި ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މީގެ ކުރިން ވަނީ އެރަށު ކައުންސިލް އިދާރާ ފަސް ދުވަސް ވަންދެން ހުޅުވިޔަ ނުދީ މުޒާހަރާކޮށްފައި އެވެ. އަދި އެރަށަށް ވަޑައިގެންނެވި މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ބޭފުޅުންގެ ޓީމެއް އެރަށުން ފުރިޔަ ނުދީ ހިފަހައްޓާފައި ވެސް ވެއެވެ.

ނޮޅިވަރަމުގައި ގޯތި ދޫކުރުމުގެ މައްސަލާގައި ކުރިން މުޒާހަރާކުރި މީހުންގެ މައިގަނޑު ޝަކުވާއަކީ އެރަށުން 3000 އަކަފޫޓުގެ ގޯތި ދޫކުރަން ނިންމުމަށްފަހު ފަހުން 2000 އަކަފޫޓުގެ ގޯތި ދޫކުރުމަށް ކައުންސިލުން ނިންމުމެވެ. އަދި، ރަށުގެ ކޮމާޝަލް ޒޯނުން ދޫކޮށްފައިވާ 20 ގޯއްޗެއް އެސަރަހައްދުން ނެގުމަށްވެސް މުޒާހަރާކުރި މީހުން އެދިފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355