އިބްރާހިމް ހަމީދު
ހދ. ނޮޅިވަރަމް ކައުންސިލްގެ ރައީސް މުހައްމަދު ޒިޔާދު ގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކޮށް އޭނާ އެމަގާމުން ވަކިކޮށްފި އެވެ.
މިއަދު ހަވީރު އެކައުންސިލްގައި ބޭއްވި ހާއްސަ ޖަލްސާއަކުން ރައީސްކަމުގެ މަގާމުން މުހައްމަދު ޒިޔާދު ވަކިކުރެއްވީ، އެކައުންސިލްގެ ނައިބު ރައީސް އަލީ ނާޒިމް، ކައުންސިލް މެމްބަރު ޝާފިއު މުހައްމަދު އަދި އެކައުންސިލްގައި ހިމެނޭ އަދާލަތު ޕާޓީގެ ޔޫސުފް މޫސާ ސޮއިކުރައްވާ ހުށަހެޅި ކުއްލި މައްސަލާގައި ކައުންސިލުގެ 5 މެމްބަރުންގެ ތެރެއިން 4 މެމްބަރުން ތާއީދާއެކު އެވެ. ނައިބު ރައީސް އަލީ ނާޒިމް އާއި ޝާފިއު މުހައްމަދަކީ އެމްޑީޕީއަށް ނިސްބަތްވާ ދެކައުންސިލަރުންނެވެ.
ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް އަލީ ނާޒިމް ވިދާޅުވީ ކުއްލި ޖަލްސާއެއް ބާއްވައި މުހައްމަދު ޒިޔާދު ރައީސްކަމުގެ މަގާމުން ދުރުކުރަންޖެހުނީ ކައުންސިލަށް އެކަށީގެންވާ އެއްބާރުލުމާއި އެހީތެރިކަން ނުދެއްވުމުގެ އިތުރުން މަޝްވަރާކުރުން ނެތިގެން ކަމަށެވެ. އަދި ކައުންސިލް ފެށިގެން ކުރިއަށްދިޔަ ދެމަހެއްހާ ދުވަސްތެރޭގައި ނޮޅިވަރަމް ކައުންސިލަކީ ވަރަށް ބޮޑަށް މަޝްވަރާކުރެވި އެހެން މެމްބަރުންގެ ހިޔާލާ މަޝްވަރާއާއެކު ކުރިއަށްދިޔަ ކައުންސިލެއްކަމަށް ނާޒިމް ވިދާޅުވި އެވެ.
އެހެންނަމަވެސް ނޮޅިވަރަމްގައި ދިމާވި ގޯތިދޫކުރުމެ ކަންތައްތަކުގައި ރައީސާއި ކައުންސިލް މެމްބަރުންނާއ ދެމެދު ހިޔާލުތަފާތުވެގެންދިޔަ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
“އަޅުގަނޑު ސީދާ ރައީސްގެ އަރިހު ދަންނަވާފައިވާނެ ގުރުއަތުލުމުގެ ކަންތައް ކުރިއަށް ގެންދަންވާނީ މަޝްވަރާ ކުރަންޖެހޭ ފަރާތް ތަކާއި މަޝްވަރާކުރުމަށްފަހުގައި ކަމަށް. މިފަހަރު ނޮޅިވަރަމް ގޯތި ލިބޭ ބައިގައި ކައުންސިލްގެ ރައީސްވެސް ހިމެނޭ. ލާމަރުކަޒީ ގާނޫނު 126 ވަނަ މާއްދާ ބުނެފައިވާ ގޮތުން އެމީހެއްގެ މައްސަލަހަތާއި ގުޅުން ހުންނަ ކަމެއްގައި ވޯޓްލާއިރު އެވޯޓްގައި ބައިވެރިނުވޭނެ. އެހެންނަމަވެސް ރައީސް ހެއްދެވީ އެގޮތަށް ނޫން.” ނައިބު ރައީސް އަލީ ނާޒިމް ވިދާޅުވި އެވެ.
ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމަތު ދެއްވަމުން ނޮޅިވަރަމް ކައުންސިލުގެ ރައީސްކަމުގެ މަގާމުން ވަކިކޮށްފައިވާ އެކައުންސިލުގެ ކުރީގެ ރައީސް މުހައްމަދު ޒިޔާދު ވިދާޅުވީ ނައިބު ރައީސް އަލީ ނާޒިމް އާއި ކައުންސިލް މެމްބަރު ޝާފިއު މުހައްމަދު ސޮއިކުރައްވާ ހުށަހެޅި މައްސަލާގައި އޭނާ ގާނޫނާ ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބަޔާންކޮށްފައި އޮތް ކަމަށާއި އެހެންނަމަވެސް ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް ބަޔާންކޮށްފައި ނުވާކަމަށެވެ.
“މިއީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލަކަށް ވެފައި ހުދު އަޅުގަނޑަކީވެސް އެމްޑީޕީގެ މެމްބަރަކަށް ވުމުން ޕާޓިގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީގެ މެމްބަރަކު ޕާޓިގެ އެހެން މެމްބަރަކާމެދު މައްސަލައެއް ހުށަހަޅާކަމުގައި ވަނީނަމަ ޕާޓީގެ ކޮމެޓީއަށް މައްސަލަ ފޮނުވަން ޖެހޭނެ. މިއީ އެގޮތާއިވެސް ހިލާފަށް ކުރިކަމެއް ކަމެއް. އަދި އެޖެންޑާ ކުރުމަށް އެދުމުން އަޅުގަނޑު އެބޭފުޅުންނަށް ދެއްނެވިން އެޖެންޑާ ކޮށްދެއްވާނެ ކަމަށް. އެއީ އަޅުގަނޑު ޒިންމާއެއް.” ކައުންސިލުން ޒިޔާދުގެ މައްޗަށް ހުށަހެޅި މައްސަލާގައި އަމަލުކޮށްފައިވާ ގޮތާމެދު އޭނާ ވިދާޅުވި އެވެ.
އެގޮތުން އިއްޔެރޭ 9:30 ގައި ކައުންސިލުގެ ޖަލްސާ ބާއްވަން ނިންމާ އެޖަލްސާއަށް ކައުންސިލުގެ ރައީސް ވަޑައިގެންނެވިއިރު އިތުރު އެއްވެސް މެމްބަރަކު ވަޑައިނުގަންނަވާތީ އެޖަލްސާ ބޭއްވޭ ގޮތް ވަނީ ނުވެފައި އެވެ. އޭގެ ފަހުން މިއަދު ހެނދުނު އަނެއްކާވެސް އަދާލަތު ޕާޓީއަށް ނިސްބަތްވާ ކައުންސިލަރ ޔޫސުފް މޫސާ ސޮއިކުރައްވާ އެމައްސަލަ އަލުން އެޖެންޑާ ކޮށްދެއްވުމަށް އެދުނުކަމަށް ކައުންސިލުގެ ކުރީގެ ރައީސް ޒިޔާދު ވިދާޅުވި އެވެ. އެންމެފަހުން މިރޭ އެމައްސަލަ އެޖެންޑާ ކޮށްފައިވަނީ، ލާމަރުކަޒީ ގާނޫނު ބުނާގޮތުން އެމައްސަލަ އެޖެންޑާ ކުރުމަށް ކައުންސިލްގެ ތިންބައިކުޅަ އެއްބައި ބޭނުންވާ ކަމަށް އެފަރާތަށް އެންގެވުމުން އޭގެ 15 ވަރަކަށް މިނިޓްފަހުން ނައިބު ރައީސް އަލީ ނާޒިމްއާއި ކައުންސިލް މެމްބަރު ޝާފިއު މުހައްމަދުގެ އިތުރުން އަދާލަތުގެ ޔޫސުފް މޫސާ ސޮއިކުރުމަށްފަހު ދެވަނަ ފަހަރަށް މިއަދު އެމައްސަލަ އެޖެންޑާ ކޮށްދެއްވުމަށް އެދި ހުށަހެޅުމުން ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ކައުންސިލުގެ ރައީސްކަމުގެ މަގާމުން ޒިޔާދު ވަކިކުރެއްވީ ކައުންސިލަށް އެއްބާރުލުން ނުދީގެން ކަމަށް އަދި މަޝްވަރާނުކޮށް ކަންކަން ނިންމަމުންދާތީ ކަމަށް ގަބޫލުނުކުރައްވާކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި މިއީ ގޯތި ދޫކުރުމުގެ މައްސަލާގައި ދިމާވެގެން އުޅޭ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ. ޒިޔާދު ގަބޫލުކުރައްވާގޮތުގައި އިތުބާރު ނެތްކަމަށް މައްސަލައެއް ހުށަހެޅުމުގައި ނޮޅިވަރަމުގައި ޒަމާނުއްސުރެ އޮންނަ އަވަށު ވާދަވެރިކަން މިކަމުގެ ސަބަބެއްކަމަށް ޒިޔާދު ތުހުމަތު ކުރައްވައެވެ.
ނޮޅިވަރަމް ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީގެ ތިން މެމްބަރުންނާއި އަދާލަތުގެ ޕާޓީއަށް ނިސްބަތްވާ މެމްބަރެއްގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ އެއް މެމްބަރެކެވެ.