އިބްރާހިމް ހަމީދު
ހދ. ނޮޅިވަރަމް ސްކޫލުގެ ބިދޭސީ އަންހެން ޓީޗަރެއް ދިރިއުޅެމުންދާ ގެއެއް ފަޅާލައި ފައިސާތަކެއް ވަގަށް ނަގައިފިއެވެ.
ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ، ޖޫލިއަޓް ނަމަކަށް ކިޔާ އަންހެން ޓީޗަރު ދިރިއުޅޭ ފިޔާތޮށިގެއިން 2000 ރުފިޔާ އާއި ނޮކިއާ 95 އައި ބްރޭންޑްގެ ފޯނެއް ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެގެއިން ވައްކަން ކޮށްފައިވަނީ އެއަންހެން ޓީޗަރު އުޅޭ ކޮޓަރީގެ ފާހާނާގެ ފެންލައިޓް ފަޅާލައިގެން ވަދެ ކަމަށެވެ.
“އެޓީޗަރު ގެންގުޅޭ ލެޕްޓޮޕްވެސް ގެންދަންވެގެން ފާހާނާތެރޭގައި ބަހައްޓާފައި ހުރި. އެހެންނަމަވެސް ލެޕްޓޮޕެއް ނުގެންދެވޭ.” މިރޭ ހިނގި މިހާދިސާގެ މައުލޫމާތު ދެއްވަމުން ކައުންސިލުގެ ނައިބު ރައީސް ވިދާޅުވި އެވެ.
އެގެއިން ވައްކަން ކޮށްފައިވަނީ މިރޭ 7:00 އެޓީޗަރު ރޭގަނޑު ކެއުމަށް ކޮޓަރިން ނިކުތް ވަގުތުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ. އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ނޮޅިވަރަމަށް ވަޑައިގެން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ފުލުހުންގެމީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިޔާމް ވިދާޅުވީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ނޮޅިވަރަމްގައި އުޅޭ ބިދޭސީ ޓީޗަރެއްގެ ގެއިން ވައްކަން ކުރި މައްސަލައެއް ހުށަހެޅުމާ ގުޅިގެން މިހާރު އެމައްސަލަ ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށެވެ.