.
އިބްރާހިމް ހަމީދު
ކުޅުދުއްފުށީ ހުޅަނގު ފަރާތުން ހިއްކާފައިވާ 28.5 ހެކްޓަރުގެ ބިން ކުޅުދުއްފުށީ ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން ގަވައިދާ ހިލާފަށް ވިއްކަން ނިންމާފައިވާ ކަމަށް ބުނެ އެކަން މަޑުޖައްސައިދިނުމަށް އެދި ކުޅުދުއްފުށީގެ ރައްޔިތުންގެ ތެރެއިން ހަތަރު މީހަކު ކޯޓު އަމުރަކަށް އެދި ކުޅުދުއްފުށީ ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.
މިމައްސަލަ ކޯޓަށް ހުށަހެޅި ހަތަރު މީހުންނަކީ ކުޅުދުއްފުށީ ހިޔާފިނި އިބްރާހިމް ފަރުހޫދާއި އާހަމަ ރަޝާދު ހަސަނާއި ފުޅަފި އިބްރާހިމް އަހްމަދު އަދި ހީނާމާގޭ މުހައްމަދު އިސްމާއީލެވެ.
އެ ހަތަރު މީހުންގެ ތެރެއިން ކުޅުދުއްފުށީ ފުޅަފި އިބްރާހިމް އަހްމަދު ބުނީ، ކުޅުދުއްފުށީ ކޯޓަށް ހުށަހެޅި ދައުވާ އަކީ ކުޅުދުއްފުށީ ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން ބިން ވިއްކަން ނިންމާ ފޯމު ދޫކުރަމުން ދާތީ އެގޮތަށް ކުޅުދުއްފުށީގެ ބިން ނުވިއްކޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ކޮށްފައިވާ ދައުވާއެކެވެ.
“މިކަން މަޑުޖައްސައި ދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް މިއެދުނީ. އެއީ އަޅުގަނޑުމެން ރައްޔިތުންގެ ލެޔާ ގުޅިފައިވާ ކަމަކަށްވާތީ ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން.” އިބްރާހިމް ބުންޏެވެ.
ބިން ވިއްކުމުގެ ކަންތައްތައް ކޯޕަރޭޝަން އިން ކުރަމުން ދާތީ ކުޅުދުއްފުށީ ކައުންސިލް އަދި ހދ. އަތޮޅު ކައުންސިލް އާއެކުވެސް މަޝްވަރާ ކޮށްފައިވާނެކަމަށާއި އެހެން ނަމަވެސް ދެހަފްތާ ވެގެން ދިޔައިރުވެސް އެދެކައުންސިލުން އެކަށީގެންވާ ޖަވާބެއް ރައްޔިތުންނާއި ހަމައަށް ލިބިފައި ނުވާކަމަށް އިބްރާހިމް އަހްމަދު ބުންޏެވެ.
“ރަށު ކައުންސިލުން ދިން ޖަވާބަކީ އެކަމާއި ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށް. އަތޮޅު ކައުންސިލުން ދިން ޖަވާބަކީ ގާނޫނީ ގޮތުން އުފެދިފައިވާ ކުންފުންޏަކުން ކުރަމުންދާ ކަމެއްގެ ތެރެއަށް އަތޮޅު ކައުންސިލަށް ވަނުމުގެ ބާރެއް ނެތްކަމަށް.” އިބްރާހިމް އަހްމަދު ބުންޏެވެ.
އިބްރާހިމް އަހުމަދު އިތުރަށް ވާހަކަ ދައްކަމުން ވަނީ ކުޅުދުއްފުށި ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފެދިފައިވާ ގޮތުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ކަމަށާއި އެކޯޕަރޭޝަންގައި ކައުންސިލްގެ 49 އިންސައްތަ ހިއްސާ އޮންނައިރު ކޯޕަރޭޝަން އުފައްދާފައިވާ ގޮތާއި ކުރާ ކަންކަމުގެ އެއްވެސް މައުލޫމާތެއް ރައްޔިތުންނަށް ދީފައި ނުވާކަމަށް ބުނެފައެވެ. އަދި ނޮވެމްބަރު މަހު ބިން ވިއްކުމަށް ނިންމާފައި ވާއިރު ކުޅުދުއްފުށީ ކަހަލަ ބޮޑު އާބާދީއެއް އޮތް ރަށަކުން ބިން ވިއްކުމަކީ ގަބޫލު ކުރާ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
އަދި ކުޅުދުއްފުށީ ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ކުޅުދުއްފުށީގެ ބިން ވިއްކަން ނިންމާފައިވާ ނިންމުމަކީ ގާނޫނާ ގަވައިދާ ހިލާފަށް ކުރާކަމެއް ކަމަށާއި މިއަދުގެ ސަރުކާރަކީ ގާނޫނާ އިމުގެ ތެރެއިން ކަންކަން ކުރަން ބޭނުންވާ ސަރުކާރެއް ނޫންކަމަށް އޭނާ ތުހުމަތު ކުރިއެވެ.
ބިން ވިއްކުމުގެ މައްސަލައިގައި މިދިޔަ މަހު ވަނީ ކުޅުދުއްފުށީ ކައުންސިލްގެ ކުރިމަތީގައި މުޒާހަރާއެއް ކޮށްފައެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވަނީ މަސްއޫލިއްޔަތު އަދާކުރުމަށް ސިއްހީ ހާލަތު ތަން ނުދޭކަމަށް ބުނެ ކައުންސިލްގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފައެވެ.