އިބްރާހިމް ހަމީދު
ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ގުރޭޑް އެކަކުން ފެށިގެން ތިނެއްގެ ދަރިވަރުންނަށް ރިޕޯޓް ފޯމް ދިނުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.
މިއަދު ހެނދުނު އެސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހްމަދުއެވެ. އެރަސްމިއްޔާތުގައި ގުރޭޑް އެކެއް، ދެއެއް އަދި ތިނެއްގެ ދަރިވަރުންގެ ތެރެއިން 71 ދަރިވަރަކު ކޮމަންޑެޑް ރިޕޯރޓް ހޯދާފައިވާ އިރު 28 ދަރިވަރަކުވަނީ އޭ ރިޕޯރޓް ހޯދާފައެވެ.
މިރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި އަފީފުއްދީން ސްކޫލުން ގިނަ އަދަދެއްގެ ދަރިވަރުން ރަނގަޅު ނަތީޖާތަކެއް ހާސިލްކޮށްފައިވާތީ އެކަމާ އުފާކުރައްވާކަމަށް ވިދާޅުވި އެވެ. އަދި އެނަތީޖާ ހާސިލުކުރެވުނީ ދަރިވަރުންގެ މަސައްކަތާއި އަފީފުއްދީން ސްކޫލުގެ މުދައްރިސުންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތުންކަމަށް ވިދާޅުވި އެވެ.
މިއަދު ހެނދުނު ބޭއްވި މިރަސްމިއްޔާތުގައި، ބެޖްތައް ހާސިލް ނުވާ ދަރިވަރުންނަށް އަންނަ އަހަރު ބެޖް ހޯދުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އިރުޝާދުގެ މަތިން މަސައްކަތްކުރުމަށް ޝަރަފުވެރި މެހެމާނު ސައީދު އަހުމަދު ވިދާޅުވި އެވެ. އަދި ދަރިވަރުންނަށް ރަނގަޅު ނަތީޖާތަކެއް ހޯދޭނީ އެކުދިންގެ ކެއިން ބުއިމުގެ ހާލަތުވެސް ރަނގަޅުކޮށްގެން ކަމަށް ވިދާޅުވެ، ދަރިވަރުންނަށް ފައިދާ ހުރި ކާނާ ދިނުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަ ދެއްކެވި އެވެ.
ކޮމަންޑެޑް ރިޕޯޓް ލިބުނު ދަރިވަރުންނަށާއި އެންމެ މޮޅު ދިހަ ދަރިވަރުން ހޮވާ އެދަރިވަރުންނަށް ރިޕޯޓް ފޯމާއި ބެޖް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު ސައީދު އަހުމަދެވެ. މިރަސްމިއްޔާތުގައި ގުރޭޑްތަކުން އޭ ރިޕޯޓް ލިބުނު ދަރިވަރުންނަށް ރިޕޯޓް ފޯމް ހަވާލުކޮށްދެއްވީ އެސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝަމްސީރާ ޒަކަރިއްޔާ އެވެ.