ޢަބްދުލް ވާހިދު ހަސަން
މިއަހަރުގެ ބޮޑު އީދާ ދިމާކޮށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ކުށް މަދުކުރުމުގެ ހާއްސަ ޕުރޮގްރާމުތަކެއް ހިންގާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިޔާމް ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އީދުގައި ބަންދާ ދިމާކޮށް ހިނގާފާނެ ކުށްތައް މަދުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެގޮތުން ކުޅިވަރުތައް ހިނގާ ވަގުތުތަކުގައި އެސަރަހައްދު ޕެޓްރޯލް ކުރުމާއި މީގެ އިތުރުންވެސް ހާއްސަ އިސްކަމެއް ދެއްވައިގެން ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
އާންމު ގޮތެއްގައި އީދު ބަންދާ ދިމާކޮށް ރަށުގައި ކުށްކުރުން އިތުރުވެގެން ދެއެވެ. އެގޮތުން ފޭރުމާއި މާރާމާރީ އަދި ވައްކަން ފަދަ ބޮޑެތި ކުށްތައް އިތުރުވާކަން ފާހަގަ ކުރެވެއެވެ.