.
އިބްރާހިމް ހަމީދު
ރެޑް ކުރެސެންޓްގެ ކުޅުދުއްފުށީ ގޮތްޕާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން ރަށުގެ ލޯކަލް ބަނދަރު ސަރަހައްދު ސާފުކުރުމުގެ ޕުރޮގްރާމެއް ހިންގައިފި އެވެ.
މިއަދު ހެނދު ފެށި މިހަރަކާތާ ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ރެޑް ކުރެސެންޓްގެ އޮފިޝަލް މުހައްމަދު އަބްދުއްރަހްމާން ވިދާޅުވީ، ސާފުކުރުމުގެ މިޕްރޮގުރާމަކީ ރެޑް ކުރެސެންޓްގެ ފަރާތުން އިންތިޒާމްކޮށްގެން ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ކުލަބް ޖަމިއްޔާތަކާއި ރައްޔިތުން ގުޅިގެން ކުރިއަށް ގެންދެވުނު ޕުރޮގްރާމެއް ކަމަށެވެ.
މުހައްމަދު އަބްދުއްރަހުމާނު ވިދާޅުވީ، ލޯކަލް ބަނދަރު ސަރަހައްދަށް އުކާލެވިފައި ހުރި ކުނިބުނިތައް ނަގާ ސާފުކުރުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ، ބޮޑު ޢީދާ ދިމާކޮށް އެސަރަހައްދު ސާފުކޮށް ބޭއްވުން ކަމަށެވެ. އަދި ރެޑް ކްރެސެންޓްގެ ވޮލަންޓިއަރުންގެ ހަރަކާތްތައް އިތުރުކުރުމާއި އިޖްތިމާއީ ރޫހު އާލާކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކައުންސިލް މެމްބަރު އަލީ އާދަމް ވިދާޅުވީ، ލޯކަލް ބަނދަރު ސަރަހައްދުގެ އިތުރުން އަލަށް ގޯތި ދޫކުރި ސަރަހައްދާއި މުޅި ރަށުތެރެ ވެސް ސާފު ކުރުމަކީ ކައުންސިލުން ކުރަން ބޭނުންވެފައިވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ރަށުތެރެ ސާފުކުރުމުގެ ކަންތައްތައް ކައުންސިލަށް އެކަށީގެންވާ ގޮތެއްގައި އަދި ކުރިއަށް ނުގެންދެވޭ ކަމަށާއި ކޮންމެ ފަރާތަކުންވެސް މިފަދަ ސާފުކުރުމުގެ ޕުރޮގްރާމެއް ހިންގެވި ނަމަވެސް ކައުންސިލުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އެފަރާތަކަށް ދެއްވާނެކަމަށްވެސް އަލީ އާދަމް ވިދާޅުވި އެވެ.