twitterviber whatsapp telegramfacebookyoutube instagram
20th September 2024

ޢީދުގެ ކުޅިވަރުތަކަށް ކުޅުދުއްފުށި އެންމެ ފަހުގެ ތައްޔާރީތަކުގައި!

Nov 4, 2011

.

އަބްދުލް ވާހިދު ހަސަން

ޒަމާނުއްސުރެ ކުޅުދުއްފުއްޓަކީ އީދު ކުޅިވަރު ގިނަ ރަށެކެވެ. ޘަގާފީ ކުޅިވަރުތަކާއި އަދި ވަކިން ހާއްސަކޮށް އެހެން ރަށްރަށުގައި ނުކުޅޭ ކުޅިވަރުތައް ކުޅުދުއްފުށީގައި ކުޅެއެވެ. ދަމު ހިނގުމާއި މަށިމާލި ޕެރޭޑަކީ މިގޮތުން ފާހަގަ ކޮށްލެވޭ ދެކުޅިވަރެވެ.

މިއަހަރުގެ އީދުގައި ވެސް ކުޅުދުއްފުށީ ރައްޔިތުން އަންނަނީ ކުޅުދުއްފުށީގައި ވަރަށް ކުލަ ގަދަކޮށް ބޮޑު އީދު ފާހަގަ ކުރުމަށް ތައްޔާރު ވަމުންނެވެ. އެގޮތުން މިފަހަރުވެސް ވަރަށް ފޯރީގައި ޢީދު ފާހަގަކުރުމަށް ކުޅުދުއްފުށީގެ ޒުވާނުން ތައްޔާރުވަމުން އާދެއެވެ. ކުޅުދުއްފުށީގެ ކައުންސިލްގެ ރައީސް ރަމީޒް ވިދާޅުވީ ކުޅުދުއްފުށީ ޒުވާނުންގެ 2 ގްރޫޕަކަށް އީދުގައި ސްޓޭޖު އެޅުމަށް ހިއްކި ބިމުން ހުއްދަ ދޫކޮށްފައި ވާނެކަމަށެވެ. އަދި ކުރީ އަހަރު ތަކެކޭ އެއްގޮތަށް ދަމުހިނގުން މިފަހަރު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި 2 ގްރޫޕަކުން މިފަހަރު އީދު ކުޅިވަރުތައް އިންތިޒާމުކުރާއިރު އޭގެތެރެއިން އެއް ގްރޫޕުގައި  އިސްކޮށްއުޅުއްވާ ފާރޫގު މުހައްމަދު ވިދާޅުވީ އެގްރޫޕުން ސްޓޭޖް އެޅުމަށް ހަމަޖެހިފައިވަނީ އަމީރު އަމީން ސްކޫލާއި ދިމާ ހިއްކި ބިމުގައި ކަމަށެވެ. އެސްޓޭޖުގައި އީދު ދުވަސްތަކުގެ ރޭގަނޑު ބޮޑުބެރުގެ ޝޯތަކެއް އޮންނާނެ ކަމަށާއި އަދި އޭގެ އިތުރަށް “ސަޕްރައިޒް” އައިޓަމެއްވެސް އޮންނާނެ ކަމަށް ފާރޫގު މައުލޫމާތު ދެއްވިއެވެ. އީދު ދުވަހުގެ ހަވީރު ވާދެމުމާއި ރޯނު ވެށުމާއި ބައިބަލާގެ އިތުރުން އިތުރު ކުޅިވަރުތައް އޮންނާނެކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއެވެ. އެގްރޫޕުގެ ފަރާތުން އީދު ދުވަހުގެ ހަވީރު ވަގުތުގައި ކުޑަކުދިންނަށް ހާއްސަކޮށް ޝޯއެއް ދިނުމަށްވެސް އަންނަނީ ތައްޔާރު ވަމުންނެވެ.

އީދު ކުޅިވަރު އިންތިޒާމްކުރާ ދެވަނަ ގްރޫޕްގައި އިސްކޮށް އުޅުއްވާ ނައީމް މޫސާ ވިދާޅުވީ އެ ގްރޫޕުގެ ސްޓޭޖް އަޅާނީ މިތުރު ހާރޑްވެއަރ ދިމާ ވެލިގަނޑުގައި ކަމަށެވެ. މިގްރޫޕުން އަޅާ ސްޓޭޖްގައި މިއުޒިކު ކުޅުމަށް މާލެއިން އެނިމޭޝަން ބޭންޑް ގެންނާނެއެވެ. އަދި އޭގެ އިތުރުން އެގްރޫޕުގެ ފަރާތުންވެސް ތަފާތު ކުޅިވަރުތައް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ނައީމް މައުލޫމާތު ދެއްވިއެވެ.

ކޮންމެ އަހަރަކުވެސް ބޮޑު އީދާ ދިމާކޮށް ކުޅުދުއްފުއްޓަށް ގިނަ އަދަދެއްގެ ބަޔަކު އީދު ކުޅިވަރުތައް ބަލާލުމަށް ޒިޔާރަތް ކުރެއެވެ. އަދި ވަކިން ހާއްސަކޮށް ދަމު ހިނގުމަކީ، ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ އެހެން ރަށްރަށުގެ މެހެމާނުން ވަރަށް ޝައުގުވެރިކަމާއެކު ބަލަން ބޭނުންވާ ކުޅިވަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355