.
ނޯޓުފޮތް
ކުޅުދުއްފުށީ މީހުންނަށް ދަމުހިގުމަކީ އެއީ ކިހިނެއްކުރާކަމެއްކަން ނޭނގި އޮވެދާނެހެނެއް ހީއެއްނުވެއެވެ. ޔަގީނުންވެސް މެދުޢުމުރުގެ މީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. މިދެންނެވި އުމުރުގެ މީހުން ދަމުހިނގުމާއިމެދު ފަޚުރުވެރިވެސް ވާނެއެވެ. ޒުވާނުންގެ ގޮތެއް ނޭނގެއެވެ.
ދަމުހިނގުމުގެ ކުޅިވަރަކީ، ކުޅުދުއްފުއްޓަށް ޚާއްޞަ، ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ނުކުޅޭ ކުޅިވަރެކެވެ. ދަމުހިނގުމޭ ކުޅުދުއްފުށީ މީހުން ކިޔަނީ، އާންމު މައިދާނެއްގައި ކުޅޭ މާލިކުޅިވަރަކަށެވެ.
ފަހަކަށް އައިސް ‘ދަމުހިނގުން’ ވެފައިވަނީ ރަށުއޮފީހުން (މިހާރު ރަށު ކައުންސިލް އިދާރާއިން) “ސްޕޮންސާކޮށް، ރަސްމީ ޢީދު ކުޅިވަރުކަމަށް އެންޑޯޒްކޮށް، ހިތްވަރުދީ”ގެން ބޮޑުޢީދުގައި ކުޅޭ ކުޅިވަރަކަށެވެ.
ވަރަށް ކުޑައިރުއްސުރެ އަހަރެން ދަމުހިނގާތަން ބަލަން ދަމެވެ. އޭރު، އަމީނީމަގުގައި، މިހާރުގެ ރަށު ކައުންސިލް އިދާރާގެ ކުރިމަތީ، މިކުޅިވަރު ކުޅޭތަން ބަލަން ހުންނައިރު ފެނުނުގޮތާއި މިހާރު ފެންނަގޮތާއި ވަރަށް ތަފާތެވެ. ވޭތުވެދިޔަ ފަސްއަހަރު ކޮންމެ އީދެއްގައި މިކުޅިވަރު ބަލަން އަހަރެން ދިޔައީމެވެ. ހިތާމަޔާއިއެކު ބުނަންޖެހެނީ، އަހަރެއް އަހަރަކަށްވުރެ ދަމުހިނގުމުގެ ތަރުތީބުގެއްލި، ފޫހިކުޅިވަރަކަށް ދަމުހިނގުން ބަދަލުވަމުން ދާވާހަކައެވެ.
އެންމެ ފަހުން މިދިޔަ ބޮޑުޢީދުގައި މިކުޅިވަރު ބަލަންގޮސް ނިމެންދެން ކެތްވެސް ނުކުރެވުނެވެ. އަހަރެން އެހާ ޝައުގުވެރިވާ ކުޅިވަރެއް ހަލާކުވެގެން ދާތަންފެނިފައެވެ. މިގޮތްވީ ހަމައެކަނި އަހަރެންނަށް ނޫންކަން އެނގުނީ، އެތާތިބި ސާޅީހަކަށް އަހަރުގެ އެހެން ދެތިންމީހަކުވެސް ފާޑުކިޔަމުން، ހިތްހަމަނުޖެހިގެން ދެއްކިވާހަކަތައް އަޑުއިވުނީމައެވެ.
ދަމުހިނގުމަކީ ވަރަށް ތަރުތީބުން ކުޅޭކުޅިވަރެކެވެ. އެއީ ސަމާސާކުޅިވަރެއްނޫނެވެ. ވާދެމުން، ގޯނިރޭސް، ލުނބޯރޭސްފަދަ ކޫސަނި ކުޅިވަރެއްނޫނެވެ. އެއީ ދިވެހިންގެ ބޯދާ އިއުތިގާދާއި ގުޅިފައިވާ ސަގާފީކުޅިވަރެކެވެ. ކާބަފައިންކުރި އެހެންކަންކަމެކޭ އެއްގޮތަށް މިކަމުގައިވެސް ވަނީ ހުސް ތަރުތީބެވެ. ސްޓައިލްއެވެ. ފުންމާނަތަކެވެ.
މާލިހެދުން އެޅުމާއި ބެރުގައި އަޅުވާލާ ލަވަތަކުން ފެށިގެން، ދަމުހިނގާތަނަށް އެއްވާ މާލިތައް އެއްވަނީވެސް ބައިބަޔަށް ތަރުތީބުންނެވެ. މާލިތައް މައިދާނުގައި އުޅެނީވެސް އެގޮތް މިގޮތަކަށް ނޫނެވެ. އިރުކޮޅަކު އުޅެލާފައި ގެއްލިދެއެވެ. ހަގީގަތުގައި ދަމުހިނގުން އެހާ ބަލާހިތްވާ ކުޅިވަރަކަށްވަނީ، މާލިތަކާއި މަސައްކަތްތެރިން އަބަދު ބަދަލުވޭވޭ ހުންނާތީއެވެ. ކުޅުދުއްފުށީ މީހުން ކޮންއުޅުނު ހުރިހާ މަސައްކަތްތަކެއް އޭގެ ގޮތުގައި ދަމުހިނގުމުގެ ކުޅިވަރުގެ ތެރެއިން، ކުޅިވަރުގެ މައިދާނުގައި ދައްކާލެވެއެވެ. ދައްކާލެވެނީ ބަލާލަން ލޮލަށާއި ބޮލަށް ވަރަށް ފަސޭހަގޮތަކަށެވެ. ލައިނުގަނެގެން މުޅި މައިދާނުގައި ދުވެ، ތެޅިފޮޅެ، ބޮޑުހައިޖާނުގަނޑެއްގެ ސިފައިގައެއް ނޫނެވެ.
ދެންއޮތީބެރެވެ. ބެރުގައި ފިސާރި އަޑުހުރެއެވެ. ބެރުގައި އަޅުވާލަނީ އެންމެ ލަވައެއް ނޫނެވެ. ބެރުވެރިން ލައްވާ ކޮރުގައިވެސް ސްޓައިލް ހުރެއެވެ. ކަދާމާއްޔާއި އެހެނިހެން މައިގަނޑު މާލިތައް (މިސާލަކަށް: ގޮނޑިމާއްޔާއި، ދޫނިމާއްޔާއި، އަސްމާއްޔާއި މުގުރުގަނޑުމާލި) ހެދުންއަޅަނީވެސް ވަކި ސްޓައިލަކަށެވެ. ކުޅިވަރުގެ މައިދާނަށް “ޒިޔާރަތްކުރާ” އެހެން މާލިތައްވެސް ހުންނަނީ ވަކި ފެންވަރެއްގައެވެ. ކަދާމާލީގެ ޢަދަދުވެސް ކަނޑައެޅިފައި އޮންނަނީ ބެރުޖަހަންތިބޭ މީހުންގެ އަދަދުން ވަކި ނިސްބަތަކަށެވެ. (މިސާލަކަށް: ދިހަ ބެރުވެރިން ތިބިއްޔާ، ކަދާމާލީގެ ގޮތުގައި ތިބޭނީ ގާތްގަނޑަކަށް ވިއްސަކަށް މާއްޔެވެ. ކަދާމާއްޔާއި އެހެނިހެން މާލިތައް ނުކުންނާނީވެސް ވަކި ހިސާބަކަށް ބެރުވެރިންގެ ލަވަ (ރާގު) ދިޔުމުންނެވެ.
ނަމަވެސް ފަހަކަށް އައިސް ދަމުހިނގުމުގައި އެކުޅިވަރުގެ މުހިންމު ވަރަށްގިނަ މާލިތައް ނުފެނެއެވެ. އޭގެ ބަދަލުގައި ފެންނަނީ އަޅިދެއްޔާއި ކަޅުތެޔޮހާކައިގެން ތަރުތީބެއްނެތި އުޅޭ ފުރާއުމުރުގެ ޒުވާނުންގެ ބައިގަނޑެކެވެ! މި ބައިގަނޑާއި އަދިވެސް ފެންވަރެއްނެތް ތާކުންތާކުނުޖެހޭ “މާލިތައް” ކުޅިވަރުގެ މައިދާނަށް އައުމަށްފަހު އެތަނުން ދާކަށް ނޫޅެއެވެ. ނަތީޖާއަކަށްވަނީ މާލިތަކުގެ ހަމައެއްނެތް ފޫހި ކަންތައްގަނޑަކަށް މުޅި ކުޅިވަރުގެ މައިދާން ބަދަލުވުމެވެ.
މިހާރު ބެރުވެރިން ޖަހާބެރަކު އަޑެއް ނުހުރެއެވެ. ރަނގަޅަށް ކޮރެއްނުލައްވައެވެ. ކަދާމާލި ނުކުންނާކަށް ވަކި ވަގުތެއް ނޯވެއެވެ. ބެރުޖަހަންފަށާއިރުވެސް ކަދާމާލިތައް ނުކުމެ ނަށަން ތިބޭތަން އަހަރެންނަށް ފެނިއްޖެއެވެ!
ރަށުގައި ކޮށްއުޅޭ މަސައްކަތްތައް ތަފާތުވެފައި ގިނަވީނަމަވެސް، މަސައްކަތްތެރިން ބައިބަޔަށް، ކުޅިވަރުގެ މައިދާނަށް ނުކުމެ، މަސައްކަތް ދައްކާލާކަށް ނޫޅެއެވެ. ނުކުންނަ މަދު މަސައްކަތްތެރިންވެސް އެކަން ދައްކާލަނީ ވަރަށް “ފެން” ގޮތެއްގައެވެ.
މާލިތަކުގެ ހެދުން ހުންނަނީ ހިތުހުރިގޮތަކަށެވެ. މިހާރު ކަދާމާލި ފޭލިނުއަނދެ، ބާސްކީލިން ކަޅުރުމާލެއް ނާއަޅައި، އުނަގަނޑުމަތީ ތެޔޮރުމާލެއްވެސް ނުބަނދެ، ކޮންމެ ފަދަ ގޮތަކަށްވެސް ފެނިދާނެއެވެ! މިދާގޮތަށް ކަންތައްތައްދާނަމަ، ހުދު ހެދުމުގެ ބަދަލުގައި ރަތް ނޫނީ ރީނދޫ ނޫނީ ގަދަ ނޫކުލައިގެ ހެދުމެއްގައިވެސް ކަދާމާލި ހަމަ ފެނުން އެކަށީގެންވެއެވެ! އަތުޖެހުނު ކޮންމެ ކުލައެއްގެ ހެދުމެއް މިހާރު ފުދޭހެންހީވެއެވެ. ރީތި އަސްމާއްޔެއް މިހާރު އަމުދުން ނުވެސް ފެންނަނީއެވެ. ފަރުވާކުޑަކޮށް ހަދާފައިހުންނަ ދެތިން ދޫނިމާލި ފަހަރުގައި ފެނިދާނެއެވެ.
ވީމާ، ދަމުހިނގުމުގެ ކުޅިވަރު މިހާރު މިދަނީ އެހެންވެސް ސަގާފީ ކުޅިވަރުތައް ފަދައިން ފޫހި ކުޅިވަރަކަށް ބަދަލުވަމުންނެވެ. ކުޅުދުއްފުށީ މީހުން މިކުޅިވަރު ދިރުވަން ބޭނުންނަމަ ކުރަންޖެހޭ ވަރަށް މުހިންމު ދެކަމެއް އެބައެތޮވެ.
ފުރަތަމަ ކަމަކަށް ކުޅިވަރާއި ބެހޭ މަޢުލޫމާތު އެއްކޮށް އެންމެ ކުރީގައި މިކުޅިވަރު ކުޅެއުޅުނު ފެންވަރުގައި ހުށަހަޅައިދިނުމެވެ. ހުރިހާ މުހިންމު މާލިތަކާއި ރީތި ތަރުތީބާއިއެކު ދަމުހިނގުމުގެ ކުޅިވަރު ހުށަހަޅައިދިނުމެވެ. ކަމަކަށް ކަމެއްކޮށްލާ އުސޫލު ދޫކޮށް، މި ކުޅިވަރުގައި ބައިވެރިކުރާ މާލިތައް ހަމަކޮށްގެން ވަކި ފެންވަރެއްގައި، މާލިތައް ބޭތިއްބުމެވެ.
ދަމުހިނގުމަކީ ކުޅުދުއްފުށީވަންތަކަމާއި ގުޅިފައިވާ ކުޅިވަރަކަށްވާތީ، މިކުޅިވަރު ކުޅެންވާނީ ކާބަފައިން ލަދުނުގަންނާނެ ފެންވަރެއްގައެވެ. އެއްޖީލުން އަނެއްޖީލަށް، މިކުޅިވަރު ފޯރުކޮށްދިނުން އެއީ، ފޫހި ކުޅިވަރަކަށް ދަމުހިނގުން ބަދަލުވިޔަ ނުދިނުމަށް ކުރެވިދާނެ ދެވަނަ ކަންތައްކަމަށް އަހަރެން ދެކެމެވެ.