ރާއްޖެ އެފްއެމް ގެ ހާއްސަ ޝޯތަކެއް ކުރިއަށް މިއޮތް އީދު ތެރޭގައި ކުޅުދުއްފުށިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމުގައި ރާއްޖެ އެފްއެމް އިން ބުނެފިއެވެ.
އަޟްހާ އީދު ތެރޭގައި ކުޅުދުއްފުށީގައި ބޭއްވޭ ކުޅިވަރުތައް ގެނެސްދިނުމަށާއި ޕުރޮގްރާމްތައް ކުޅުދުއްފުށިން ލައިވް ކުރުމަށްޓަކައި ރާއްޖެ އެފްއެމްގެ ޓީމެއް މިއަދު ވަނީ ކުޅުދުއްފުއްޓަށް އައިސްފައެވެ. މިޓީމުގައި ހިމެނެނީ އެ އެފްއެމް ސްޓޭޝަންގެ ދެ އާރު.ޖޭ އިނާޔަތު އަލީ އާއި މިޒްނާ އަހުމަދުގެ އިތުރުން ޓެކްނިކަލް ޓީމުގެ އިސްމާއިލް އަބްދުއް ރައްޒާގެވެ.
ރާއްޖެ އެފްއެމް ގެ އާރު.ޖޭ އިނާޔަތު އަލީ ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހާއްސަ މުނާސަބާތަކާއި ގުޅިގެން އެހުންތެރިންނާއި ވީހާވެސް ގާތުން، ގިނަ އެހުންތެރިންތަކެއްގެ ބައިވެރިވުމާއެކު ޕުރޮގްރާމްތައް ގެނެސްދިނުމަށް އަބަދުވެސް ރާއްޖެ އެފްއެމް އިން އިސްކަންދޭކަމަށެވެ.
“ކުޅުދުއްފުއްޓަކީ ރާއްޖެ އެފްއެމްގެ ބޮޑު އޯޑިއަންސެއް އޮންނަ ރަށެއް. މިފަހަރުގެ އީދުގެ ޕުރޮގްރާމްތައް ގެނެސްދޭނީ ކުޅުދުއްފުށީގެ ޒުވާނުންނާއި ގުޅިގެން.” އިނާޔަތު މައުލޫމާތު ދެއްވިއެވެ.
މިގޮތުން ރާއްޖެ އެފްއެމް އިން ކުޅުދުއްފުށިން ލައިވްކޮށް ގެނެސްދޭ ފުރަތަމަ ޕުރޮގްރާމް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިރޭ (ހޮނިހިރު ދުވަހުގެ ރޭ) 10:00 އިން 11:30 އަށެވެ. ގޭމް ޝޯވއެއްގޮތަށް ގެނެސްދޭ މިޕުރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތަކުން މިރޭ 9:00 ޖަހާއިރަށް ކުޅުދުއްފުށީގައި ހުންނަ ގައުމީ އިދާރާއަށް ދިއުމަށް ރާއްޖެ އެފްއެމް ގެ ޓީމުން އެދެއެވެ. އެފަރާތުން މައުލޫމާތު ދޭގޮތުގައި މިޕުރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ޑީޑީ ފަރުނީޗަރުންނާއި ޔޫރޯ ސްޓޯރުން ހުށަހަޅުއްވާފައިވާ ވަރަށް އަގުހުރި އިނާމުތަކެއް ލިބިގެން ދާނެއެވެ.
ރާއްޖެ އެފްއެމް އިން އީދަށް ހާއްސަކޮށްގެން މިރޭ 8:00 އިން ފެށިގެން 7 ވަނަ ދުވަހުގެ ރޭ 12:00 އަށް ވަރަށް ހާއްސަ ޝޯތަކެއް ގެނެސްދޭނެއެވެ. މިޝޯތަކުގެ ތެރޭގައި ނޮވެމްބަރު 7 ވަނަ ދުވަހުގެ ހަވީރު ކުޅުދުއްފުށީ ހިއްކި ބިމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީދު ކުޅިވަރުތަކާއި އެރޭ އޮންނަ މިއުޒިކް ޝޯވެސް ވަގުތުން ގެނެސްދޭނެއެވެ.
މިއީ ރާއްޖެ އެފްއެމްގެ ޝޯތަކެއް ކުޅުދުއްފުށިން ގެނެސްދޭ ދެވަނަ ފަހަރެވެ.