އިއްޔެ ކުޅުދުއްފުއްޓަށް ކުރި ވިއްސާރަގައި ރަށުގެ އެކި ހިސާބުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ރަށުގެ ދެސަރަހައްދެއްގައި ބޮޑުވި ފެންގަނޑު ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފްގެ ނޯދަން އޭރިޔާގެ ކުޅުދުއްފުށީގައި ތިއްބަވާ ސިފައިން ކޮށްފި އެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި ކުޅުދުއްފުއްޓަށް އިއްޔެ މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ބައެއް ގޭގެއަށް ފެންގަނޑުވަދެ ގިނަ ރައްޔިތުންތަކަކަށް ދަތިތަކާ ކުރިމަތިލާންޖެހުމުން އެމްއެންޑީއެފްގެ ކުޅުދުއްފުށީ ޕޯސްޓުގައި ތިއްބަވާ ސިފައިން ރަށުގެ ދެ ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެންގަނޑު ހިއްކުމުގެ މަސައްކަތް ކޮށްފައި ވެއެވެ.
ސިފައިން ނުކުމެ ޕަންޕު ބަހައްޓައިގެން ފެންގަނޑު ހިއްކުމުގެ މަސައްކަތް އިއްޔެ ހެނދުނު 10:30 ގައި ފެށިގޮތަށް އެމަސައްކަތް ނިންމާލައިފައި ވަނީ ރޭ 21:30 ހާއިރު އެވެ.
އިއްޔެ ކުޅުދުއްފުށްޓައް ކުރި ވިއްސާރަގައި ރަށުގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ މަގު ހިނގާ ފަރާތްތަކަށާއި ދުއްވާ އެއްޗިއްސަށް ދަތުރުކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތި ވެފައި އެވެ. އިއްޔެ ކުރި ވިއްސާރައިގައި ހދ ހަނިމާދޫއަށް 36 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ.